ޚަބަރު

އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު ދޫކޮށްލައި, އަނިޔާކޮށްފިނަމަ ޖޫރިމަނާކުރާގޮތަށް މަޖިލީހަށް ބިލެއް


  • ޖަނަވާރުގެ ޒަރީއާއިން ބައްޔެއް ފެތުރޭފަދަ އަމަލެއް ކޮށްފިނަމަ ޖޫރިމަނާ ކުރާނެ

  • ގަވައިދާ ޚިލާފަށް ޖަނަވާރު އިމްޕޯޓުކޮށް އެކްސްޕޯޓުކޮށްފިނަމަ ޖޫރިމަނާ ކުރާނެ

އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު އާންމު ތަނަކަށް ދޫކޮށްލައިފިނަމަ ނުވަތަ އަނިޔާކޮށްފިނަމަ ޖޫރިމަނާކުރެވޭގޮތަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފިއެވެ. ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހިންނަވަރު ދާއިރާގެ މެންބަރު މުޙައްމަދު އަބްދުއްރަޙްމާނެވެ. މިއީ ރާއްޖޭގައި ދެމެހެއްޓެނިވި އަދި ރައްކާތެރިގޮތެއްގައި ޖަނަވާރު ގެންގުޅުމާއި ވިއްސައި އާލާކުރުމާއި ވިޔަފާރިކުރުމަށް މަގުފަހިކުރުމަށް އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށް ހުށަހަޅުއްވާފައިވާ ބިލެކެވެ.

ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލުގައި ރާއްޖެއަށް ގެނެވޭ އަދި ރާއްޖޭގައި ގެންގުޅޭ ޖަނަވާރުގެ ސިއްޙަތާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި އަދި ޖަނަވާރަށާއި ޖަނަވާރުގެ ޒަރީއާއިން އިންސާނުންނަށް ޖެހޭ ބަލިތަކުން ރައްކާތެރިކުރުމަށްޓަކައި ޖަނަވާރަށް ބޭސްފަރުވާ ކުރުމުގެ އުސޫލުތައް ކަނޑައަޅާނެއެވެ. އަދި ރާއްޖެއަށް އެތެރެކުރާ ޖަނަވާރާއި ޖަނަވާރުގެ ބައިތަކާއި ކާނާއާއި ބޭސް އެތެރެކުރުމުގެ އުސޫލުތައްވެސް ކަނޑައަޅާނެއެވެ.

ރާއްޖެއަށް ޖަނަވާރު އެތެރެކުރުމަށާއި އެފަދަ ތަކެތި ގެންގުޅުމާއި ޖަނަވާރަށް ބޭނުންވާ ކާނާއާއި ބޭސް އެތެރެކޮށް ވިޔަފާރިކުރުމަށް މި ބިލުގެ ދަށުން ރަޖިސްޓްރީވާން ޖެހޭނެއެވެ.

މި ބިލުގެ ދަށުން ޖަނަަވާރުގެ ރައްކާތެރިކަމާގުޅޭ ސިޔާސަތުތައް ކަނޑައަޅައި ޤާނޫނު ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރާއެވެ. އަދި ރާއްޖެއަށް ޖަނަވާރު އެތެރެކުރާ ބަނދަރުތަކުގައި ޕޯޓު ކަރަންޓީނު ފެސިލިޓީތައް ގާއިމުކުރުމާއި، އެނިމަލް ސެންކްޗުއަރީތައް ސަރުކާރުން ގާއިމުކުރަންޖެހޭނެކަމަށް ބިލުގައި ވަނީ ބަޔާންކުރައްވާފައެވެ.

މި ބިލުގައި ޖަނަވާރުތަކާމެދު އިހުމާލުވާ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތައްވެސް ވަނީ ބަޔާންކުރައްވާފައެވެ. އެގޮތުން، ޖަނަވާރުގެ ޒަރީއާއިން ބައްޔެއް ފެތުރޭފަދަ އަމަލެއް ކޮށްފިނަމަ 10،000 ރުފިޔާއާއި 1،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމަށް ވަނީ ނިންމާފައެވެ. އަދި، ގަވައިދާ ޚިލާފަށް ޖަނަވާރު އިމްޕޯޓުކޮށް އެކްސްޕޯޓުކޮށްފިނަމަ 5،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާކުރާނެއެވެ.

ޤާނޫނާ ޚިލާފަށް ޖަނަވާރު ވިއްސައި އާލާކޮށް، ގާނޫނާ ޚިލާފަށް ޖަނަވާރު ގެންގުޅެ، ސާމްޕަލް އޮޅުވާލައި، ޖަނަވާރު ގެންގުޅެންޖެހޭ މިންގަނޑުތަކާއި ޚިލާފު އަމަލުތައް ކޮށްފިނަމަ އެ އަމަލެއް ކުރި ފަރާތް 10،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށްވެސް ބިލުގައި ވަނީ ބަޔާންކުރެއެވެ.

މީގެ އިތުރުން ޖަނަވާރަށް އަނިޔާއެއް ދީފިނަމަ ނުވަތަ އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރެއް އާންމު ތަންތަނަށް ދޫކޮށްލައިފިނަމަ 5،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަކުން ޖޫރިމަނާކުރެވޭނެ ކަމަށް ބިލުގައިވެއެވެ. މިއީ މިހާރުވެސް ގިނަބައެއްގެ ކަންބޮޑުވުން އޮތް ކަމެކެވެ. އެގޮތުން، އޮޅުކޮށްގެން ގެންގުޅޭ ބައެއް ޖަނަވާރުތައް، ހާއްސަކޮށް ބުޅާތައް އާންމު ތަންތަނަށް ދޫކޮށްލާކަމުގެ ޝަކުވާގިނައެވެ.

މި ބިލުގައި ސީދާ އަދަބު ކަނޑައެޅިފައިނުވާ ކަމެއް ދިމާވެއްޖެނަމަ 5،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެކަމަށްވެސް ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލުގައި ބަޔާންކުރެއެވެ.