ޚަބަރު

މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް ފުލަމް ކުއާޓާ ފައިނަލަށް


އިނގިރޭސި އެފްއޭ ކަޕުގެ ފަސްވަނަ ބުރުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވާތީ ޕެނަލްޓީ ޖަހައިގެން މޮޅުވެ، މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ފުލަމް އިން ހޯދައިފިއެވެ.

ޔުނައިޓެޑްގެ އޮލްޑް ޓްރެފަޑްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ފުލަމްގެ ކެލްވިން ބަސޭ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

މި މެޗުގައި ފުލަމް އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ޔުނައިޓެޑުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން ޖުމްލަ 20 ހަމަލާ އެ ޓީމުން ވަނީ އުފައްދާފައެވެ.

ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް ފުލަމްއަށް ވަނީ ލީޑު ފުޅާކުރުމަށް ރަނގަޅު ފުރުސަތެއް ލިބިފައެވެ. އެކަމަކު އެމީލް ސްމިތު ރޯވް ފޮނުވާލި ބާރު ހަމަލާ ޔުނައިޓެޑްގެ ގޯލުކީޕަރު އެންޑްރޭ އޮނާނާ ވަނީ ދިފާއުކޮށްފައެވެ.

ޔުނައިޓެޑުން މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ 71 ވަނަ މިނިޓުގައި ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި ލަނޑަށްފަހު ދެ ޓީމަށްވެސް ވަނީ މެޗުން މޮޅުވާން ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން ޔުނައިޓެޑުން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކުރިތާ ގިނައިރުތަކެއް ނުވަނީސް، އެ ޓީމުގެ ޒުވާން ކުޅުންތެރިޔާ އުމުރުން 17 އަހަރުގެ ޗިޑޯ އޮބީ ފޮނުވާލި ނުރައްކާތެރި ހަމަލާ ފުލަމްގެ ގޯލްކީޕަރު ލެނޯ ވަނީ ދިފާއުކޮށްފައެވެ. އަދި އޭގެ ފަހުން އަލެހަންދްރޯ ގަރްނާޗޯ ފޮނުވާލި ހަމަލައެއްވެސް ލެނޯ ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައިވާތީ ޕެނަލްޓީ ޖަހައިގެން ފުލަމްއިން 4-3 އިން މެޗު ކާމިޔާބުކޮށްފައިވާއިރު، ޔުނައިޓެޑުގެ ވިކްޓާ ލިންޑެލޮފް އާއި ޖޯޝުއާ ޒިރްކްޒީ ފޮނުވާލި ދެ ޕެނަލްޓީ ފުލަމްގެ ކީޕަރު ލެނޯ ވަނީ ދިފާއުކޮށްފައެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލުގައި ފުލަމްއާ ދެކޮޅަށް ނިކުންނާނީ ކްރިސްޓަލް ޕެލަސްއެވެ.