ޚަބަރު

އެތުލެޓިކޯ މެޑްރިޑް މޮޅުވެ ތާވަލުގެ އެއްވަނައަށް


ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކް ކުލަބާ ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ތާވަލުގެ އެއްވަނަ މަގާމު އެތުލެޓިކޯ މެޑްރިޑުން ހޯދައިފިއެވެ.

އެތްލެޓިކޯ މެޑްރިޑްގެ ރިއާދު އެއާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ފަސްދޮޅަސް ތިން ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ނާކާމިޔާބުވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 21 ވަނަ މިނިޓުގައި މާކޮސް ލޮރެންޓޭ ދިން ބޯޅަ އަކުން ޖޫލިއަން އަލްވަރޭޒް އެވެ. މިއީ މި ސީޒަނުގެ ލީގުގައި އޭނާ ޖެހި 10 ވަނަ ލަނޑެވެ.

އެތްލެޓިކޯ މެޑްރިޑް އިން ލަނޑެއް ޖަހާ ކުރި ހޯދިތާ ގިނައިރުތަކެއް ނުވަނީސް އެތްލެޓިކް އަށް ވަނީ މެޗުގެ ނަތީޖާ އެއްވަރު ކުރުމަށް ރަގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް ބެނާތް ޕްރަޑޯސް ފޮނުވާލި ބޯޅަ ގޯލުގެ ދަނޑީގައި ޖެހިފައި ނިކުތް ވަގުތު އިނާކީ ވިލިއަމްސް ދެވަނަ ފަހަރަށް ފޮނުވާލި ނަމަވެސް އެ ބޯޅަ ވަނީ ދަނޑި ކައިރިން ބޭރުވެފަ އެވެ.

މި މެޗުން އެތްލެޓިކޯ މެޑްރިޑަށް ލިބުނު ތިން ޕޮއިންޓާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 26 މެޗުން 56 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ލިބިފަ އެވެ. ދެވަނައިގައި އޮތް ބާސެލޯނާ އެއް މެޗުން މަދުން ކުޅެގެން ލިބިފައިވަނީ 54 ޕޮއިންޓެވެ.