ޚަބަރު

ޕީއެސްޖީން ބަލިނުވެ 22 މެޗު ހަމަކޮށްފި


ފްރެންޗް ލީގުގައި ރޭ ލިލްއާ ދެކޮޅަށް ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ޕީއެސްޖީން ބަލިނުވެ ދަމަހައްޓަމުން އަންނަ ރިކޯޑު 22 މެޗަށް ހަދައިފިއެވެ.

ޕީއެސްޖީގެ ޕާކް ޑި ޕްރިންސެސް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ ހަ ވަނަ މިނިޓުގައި ޕީއެސްޖީގެ ބްރޭޑްލީ ބާކޯލާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އުސްމާން ޑެމްބެލޭ ގޯލަށް އަމާޒުކޮށް ފޮނުވާލި ބޯޅަ ލިލްގެ ކީޕަރު ދިފާއުކުރުމުން ދެވަނަ ފަހަރަށް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

އަދި މެޗުގެ 22 ވަނަ މިނިޓުގައި މާކީނިއޯސް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

މި މެޗުގައި ޕީއެސްޖީ އިން ޖެހި ތިންވަނަ ލަނޑު އޭގެ ހަ މިނިޓު ފަހުން އުސްމާން ޑެމްބެލޭ ކާމިޔާބުކޮށްދިންއިރު މިއީ އޭނާ އެންމެ ފަހުން ކުޅުނު 14 މެޗުގައި ޖެހި 20 ވަނަ ލަނޑެވެ.

ޕީއެސްޖީ އިން މުޅި މެޗު ކަހަލަ ގޮތަކަށް ކޮންޓްރޯލް ކޮށްގެން ކުޅެފައިވާ މި މެޗުގައި އެ ޓީމުން ޖެހި ހަތަރުވަނަ ލަނޑު މެޗުގެ 37 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޑިސަޔާ ޑޮއޭ އެވެ.

މި މެޗުގައި އެތްލެޓިކް ކްލަބް އިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 80 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޖޮނަތަން ޑޭވިޑް އެވެ.

ޕީއެސްޖީ އަށް މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 24 މެޗުން 62 ޕޮއިންޓު ލިބިފަ އެވެ. ދެވަނައިގައި އޮތް މޮނާކޯ އަށް 23 މެޗުން ލިބިފައިވަނީ 46 ޕޮއިންޓެވެ.

ރަނގަޅު ފޯމެއްގައި ޕީއެސްޖީ އޮތްއިރު އެ ޓީމަށް ދެން އޮތް މެޗަކީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އަންނަ ބުދަ ދުވަހު ލިވަޕޫލް އާއި ދެކޮޅަށް ކުޅޭ މެޗެވެ.