ޚަބަރު

ޕެނަލްޓީ ޖަހައިގެން ވުލްވްސް ބަލިކޮށް ބޯންމަތު ކުއާޓާއަށް


އިނގރޭސި އެފްއޭ ކަޕުގައި ރޭ ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ބޯންމަތުން ހޯދައިފި އެވެ.

ބޯންމަތުގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ގެ ނަތީޖާއަކުން ދެ އެއްވަރުވެފައިވާތީ މެޗުގެ ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެން 5-4 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 30 ވަނަ މިނިޓުގައި ބޯންމަތުގެ އެވަނިލްސަން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މިދިޔަ ޖެނުއަރީ މަހު އެވަނިލްސަންގެ ފަޔަށް ލިބުނު އަނިޔާއިން ރަގަޅުވެ މިއީ ފުރަތަމަ އެގާރައިގައި ހިމެނިގެން އޭނާ ކުޅުނު ފުރަތަމަ މެޗެވެ.

އަދި އޭގެ ފަސް މިނިޓު ފަހުން ބޯންމަތުގެ މިލޮސް ކާކެޒް ލަނޑެއް ޖެހި ނަމަވެސް ރެފްރީ ވަނީ އޭނާ އޮފްސައިޑްގައި ހުރި ކަމަށް ބަލާ އެއީ ލަނޑެއް ނޫން ކަމަށް ނިންމާފަ އެވެ.

މި މެޗުގެ ނަތީޖާ ވުލްވްސްއިން އެއްވަރުކޮށްފައިވަނީ މެޗުގެ 60 ވަނަ މިނިޓުގައި މަތިއުސް ކޫނިއާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވާތީ އިތުރު ވަގުތުގެ 30 މިނިޓު ކުޅުވުމަށްފަހު ނަތީޖާ އެއްވަރުވުމުން ވަނީ ޕެނަލްޓީ ޖަހާފައެވެ. މި މެޗުގެ އިތުރު ވަގުތުގެ ފަހު މިނިޓުގައި ވުލްވްސްގެ މެތިއުސް ކޫނިއާ ބޯންމަތުގެ ކާކޭޒްއަށް ފައުލް ކުރުމާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށް ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފަ އެވެ.

ބޯންމަތު މި މެޗުން މޮޅުވެ މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފައިވާއިރު މިއީ އެ ކްލަބުގެ ތާރީޚުގައި މި މުބާރާތުގެ ކުއާޓަރ ފައިނަލުން ފުރުސަތު ލިބުނު ތިންވަނަ ފަހަރެވެ. މީގެ ކުރިން މުބާރާތުގެ ކުއާޓަރ ފައިނަލުގައި އެ ޓީމުން ކުޅެފައިވަނީ 1957 ވަނަ އަހަރާއި 2021 ވަނަ އަހަރު އެވެ.

ކުއާޓަރ ފައިނަލުގައި ބޯންމަތު ކުޅެން ޖެހޭ ޓީމެއް ކަނޑައެޅިގެންދާނީ މިއަދު ފުލަމް އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރާ މެޗަށްފަހު ބާއްވާ ގުރުއަތުލުމުގަ އެވެ.