ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ކ.ގުރައިދޫގައި ވަރަށް ބޮޑަށް ފެންބޮޑުވެ، 9 ގެއަކުން މީހުން ބަދަލުކުރަންޖެހޭ ހާލަތަށް ގޮސްފައިވާކަމަށް ގުރައިދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ.
ގުރައިދޫ ކައުންސިލްގެ ރައީސް ޙުސައިން ޔާމީން ވިދާޅުވީ އެހެން ފަހަރުތަކާ ޚިލާފަށް، މިވަގުތު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އަސަރު ވަރަށް ބޮޑަށް ކުރަމުންދާކަމަށެވެ. އެގޮތުން ކުރިން ރަށުގައި ފެން ބޮޑުނުވާ ހިސާބުތަކުގައި މިފަހަރު ފެންބޮޑުވެ، ގެތަކަށް ފެން ވަންނަމުންދާކަމަށެވެ.
ޔާމީން ވިދާޅުވީ މިހާތަނަށް 9 ގެއެއްގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ރަށުގެ ގެސްޓްހައުސްތަކުގައި ހަމަޖައްސާފައިވާކަމަށެވެ. އަދި އެމީހުންގެ ކެއިންބުއިމުގެ ކަންކަން ހަމަޖެއްސެވުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.
ޔާމީން ވިދާޅުވީ ރަށުގެ ފެން ހިންދުމުގެ މަސައްކަތްވެސް ކައުންސިލާ ރައްޔިތުން ގުޅިގެން ކުރަމުންދާކަމަށެވެ. އަދި އެ މަސައްކަތަށް އެހީވުމަށް އެމްއެންޑީއެފްގެ ޓީމެއް ވަނީ އެ ރަށަށް ގޮސްފައެވެ.
މީގެއިތުރުން ކ.ހުރާގައިވެސް ވަރަށް ބޮޑަށް ފެންބޮޑުވެ، ރަށުގެ %90 ގެއަށް ފެނުގެ އަސަރު ކޮށްފައިވާކަމަށް ހުރާ ކައުންސިލުން ވިދާޅުވެއެވެ. އެ ރަށު ކައުންސިލްގެ ރައީސް އީސާ އަޙުމަދު ވިދާޅުވީ ފެން ބޮޑުވުމުގެ ސަބަބުން ޖަންކްޝަންތައް ފުރި ނަޖިސްވެސް ބޭރުވާން ފަށާފައިވާކަމަށެވެ. އަދި ކައުންސިލާ ރައްޔިތުން ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާއިރު، އެމްއެންޑީއެފްގެ ޓީމެއްވެސް ދާދި ދެންމެއަކު ވަނީ އެރަށަށް ގޮސްފައެވެ.
ރަށްރަށުގެ ޙާލަތު ގާތުން ބަލާ އެހީތެރިކަން ދިނުމުގެ މަސައްކަތް ކަމާގުޅުންހުރި އިދާރާތަކުން ދަނީ ކުރިއަށްގެންދަމުންކަމަށްވެސް ޔާމީން ވިދާޅުވިއެވެ.