ފަލަސްތީނަށް އެހީވުމަށް ކުރާ މަސައްކަތަށް އިސްރާއީލުން ހުރަސް އަޅާތީ، އެކަމާއި ދެކޮޅަށް އައިސީޖޭއަށް ހުށަހަޅާފައިވާ މައްސަލާގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.
ބަންޑާރަނައިބުގެ އޮފީހުން ވިދާޅުވީ އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި، އ.ދ. އާއި، އެހެނިހެން ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި، އެހެން ޤައުމުތަކުން ތިބުމާއި، އެ ބިންތަކުގައި އެފަރާތްތަކުން ހިންގާ ޙަރަކާތްތަކާ ގުޅިގެން އިސްރާއީލުގެ އިލްތިޒާމްތަކާ ގުޅޭގޮތުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ.) ގެ އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހަޅާފައިވާ މައްސަލާގައި ދިވެހިރާއްޖެއިން ބައިވެރިވެ، މިއަދު ކޯޓަށް ލިޔުމުން ބަޔާނެއް ހުށަހަޅާފައިވާކަމަށެވެ.
މި މައްސަލައަކީ، އ.ދ. އާއި، އެހެނިހެން ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި، އެހެން ޤައުމުތަކުން ފަލަސްތީނުގެ ޢާންމު ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އިންސާނީ އެހީތެރިކަމަށް ހުރަސް އަޅައި، ޣައްޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޙަރަކާތްތެރިވަމުންދާ ފަރާތްތަކަށް އަމާޒުކޮށް އިސްރާއީލުން ޙަމަލާތައް ދެމުންގެންދާތީ، އިސްރާއީލުން އުފުލަންޖެހޭ ޒިންމާތަކާ ގުޅޭގޮތުން އައި.ސީ.ޖޭ. އަށް އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހެޅުމަށް އ.ދ. ގެ ޢާންމު މަޖިލީހުގެ ޤަރާރަކުން 19 ޑިސެންބަރު 2024 ގައި ފާސްކުރުމުން ހުށަހަޅާފައިވާ މައްސަލައެކެވެ.
ދިވެހިރާއްޖެއިން މިއަދު ހުށަހެޅި ބަޔާނުގައި، އިންޓަރނޭޝަނަލް ހިއުމަނިޓޭރިއަން ލޯ އާއި، އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ ބައެއް މުޢާހަދާތަކުގެ ދަށުން އިސްރާއީލުގެ ޒިންމާތައް ފާހަގަކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް މެދުކެނޑުމެއްނެތި ފެނުގެ ވަޞީލަތްތައް ފޯރުކޮށްދިނުމުގެ ޒިންމާއަށް އަލިއަޅުވާލާފައިވާކަމަށް ބަންޑާރަނައިބުގެ އޮފީހުން ވިދާޅުވެއެވެ. އަދި އ.ދ. ގެ މެންބަރެއްގެ ޙައިޞިއްޔަތުން އިސްރާއީލުގެ މައްޗަށް ޔޫ.އެން.އާރު.ޑަބްލިއު.އޭ. ގެ މަސައްކަތްތަކާ ގުޅޭގޮތުން އޮތް ޒިންމާ ތަފްޞީލުކޮށް، ޔޫ.އެން.އާރު.ޑަބްލިއު.އޭ. ގެ މަސައްކަތްތައް ހުއްޓުވާލައި އިސްރާއިލުން އެ ޖަމްޢިއްޔާ ރޫޅާލުން މަނާކުރާ ބައިނަލްއަޤްވާމީ ޤާނޫނީ އުޞޫލުތަކުގެ މައްޗަށްވެސް ވަނީ އަލިއަޅުވާލާފައެވެ.
އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ހިންގަމުންދާ ޢަމަލުތަކުގެ ސަބަބުން، ފަލަސްތީނުގެ ޢާންމު ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތަކާއި އަސާސީ ޙައްޤުތަކުން މަޙުރޫމްވެ، ފަލަސްތީނުގެ އަމިއްލަ ދައުލަތެއް ބިނާކުރުމަށާއި، ސަރަޙައްދުގެ އަމަންއަމާންކަމަށާއި ހަމަޖެހުމަށް ހުރަސްއެޅެމުންދާ ކަމާއި، އިސްރާއީލުގެ ޢަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޖަރީމާތަކެއްކަމަށް ދިވެހި ސަރުކާރުން ދަނީ ބައިނަލްއަޤްވާމީ އެހެން މައިދާންތަކުގައި ކެނޑިނޭޅި ވަކާލާތުކުރަމުންނެވެ.
ފަލަސްތީނާއި އިސްރާއީލުގެ މައްސަލައަށް އޮތް ހަމަ އެކަނި ދެމެހެއްޓެނިވި ޙައްލަކީ، 1967 ވަނަ އަހަރުގެ ކުރިން އޮތް ސަރަޙައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ފަލަސްތީނުގެ ދައުލަތެއް ޤާއިމުކުރުންކަމަށްވާއިރު، މި ޙައްލު ހޯދުމަށް ފަލަސްތީނުގެ ރައްޔިތުންގެ ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގައި ދިވެހި ދައުލަތް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށްވެސް ދިވެހި ސަރުކާރުން ވިދާޅުވެއެވެ..