ރޭސިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) އަށް ބައިނަލްއަގުވާމީ އޮޓޯމޯބިލް ފެޑެރޭޝަންގެ މެންބަރުކަން ލިބިއްޖެއެވެ.
ރޭސިން އެސޯސިއޭޝަނުން ބުނީ ދުނިޔޭގެ އެސޯސިއޭޝަންގެ މެންބަރުކަން އެ ޖަމްއިއްޔާއަށް ލިބުނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު 13 ގައި ރުވަންޑާގައި އޮތް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޮޓޯމޯބިލް (އެފްއައިއޭ) ގެ އަހަރީ އާންމު ޖަލްސާގައި ނެގި ވޯޓަކުންކަމަށެވެ.
ރާއްޖޭގެ ރޭސިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު ޝާމިލް ވިދާޅުވީ އެފްއައިއޭގެ މެންބަރަށް ރާއްޖެވުމަކީ ރާއްޖޭގެ މޮޓޯ ސްޕޯޓްސްގެ ދާއިރާ ކުރިއަރުވާ ތަރައްޤީކުރުމަށް، މީގެ ކުރިން ނުލިބޭ ފުރުސަތުތަކަކަށް ހުޅުވުނު ދޮރެއް ކަމަށެވެ.
އެފްއައިއޭގެ މެންބަރުކަން ލިބުމުން ރޭސިން އެސޯސިއޭޝަނަށް މީގެ ކުރިން ނުލިބޭ ވަސީލަތްތަކުގެ މުއްސަނދިކަމާއި، ތަޖުރިބާއާއި ބައިނަލްއަގްވާމީ ރިކޮގްނިޝަން ލިބިގެންދާނެ ކަމަށް ރޭސިން އެސޯސިއޭޝަނުން ބުނެއެވެ.
އޭގެތެރޭގައި ރައްކާތެރިކަން އިތުރު ކުރުމަށް، ބައިނަލްއަގްވާމީ ރައްކާތެރިކަމުގެ މިންގަނޑާއި، އެންމެ ރަނގަޅު އުސޫލުތަކާއި އެއްގޮތަށް ރާއްޖޭގައި ބާއްވާ މޮޓޯ ސްޕޯޓްސް އިވެންޓްތަކުގައި ބައިވެރިވާ މީހުންނަށް އެންމެ ފުރިހަމައަށް ރައްކާތެރިކަން ފޯރުކޮށްދެވޭނެއެވެ.
އަދި ރޭސިން އެސޯސިއޭޝަނަށް އެފްއައިއޭ ޑިވެލޮޕްމެންޓް ޕްރޮގްރާމުތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށާއި، ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް ރޭސިން އެސޯސިއޭޝަނުން ބުނެއެވެ.
މީގެ އިތުރުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކޮށް ހަކަތަ އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރުމާއި، މޮޓޯ ސްޕޯޓްސްއަށް ހާއްސަ ދާއިމީ ތަނެއް ގާއިމުކުރުމާއި، ރޭސިން ޓްރެކްތަކާއި، ޓްރޭނިން ސެންޓަރުތައް ގާއިމުކޮށް މޮޓޯ ސްޕޯޓްސްއަށް އެކަށީގެންވާ އިންފްރާސްޓްރަކްޗަރ ގާއިމުކުރުމަށް ފުރުސަތު ލިބިގެންދާނެއެވެ.
އަދި މަގުމަތީގެ ރައްކާތެރިކަން ކުރިއެރުވުމަށް ރޭސިން އެސޯސިއޭޝަނުން ބައިވެރިވުމާއި ރާއްޖޭގެ ކަމާގުޅޭ އިދާރާތަކާއިއެކު ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، މޮޓޯ ސްޕޯޓްސް އެތްލީޓުން އުފައްދާ ތަމްރީނުދިނުމާއި، ފުރުސަތުތައް ފަހިކޮށްދިނުންވެސް ހިމެނެއެވެ.