ޚަބަރު

މިއަދުން ފެށިގެން އޮންލައިންކޮށް ޒަކާތް ދެއްކޭނެ


  • އޮންލައިންކޮށް 5 ޕްލެޓްފޯމަކުން ޒަކާތް ދެއްކޭނެ

  • އޮންލައިންކޮށް ޒަކާތް ދައްކަން އުނދަގޫ މީހުންނަށް ގޮސްގެން ޒަކާތް ދެއްކޭނެ

މިއަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.

ޒަކާތު ހައުސްއިން ވިދާޅުވީ މިއަދުން ފެށިގެން ރަމަޟާންމަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6 ޖެހުމާހަމައަށް އޮންލައިންކޮށް ޒަކާތް ބަލައިގަންނަމުން ދާނެކަމަށެވެ. އެގޮތުން މިފަހަރުވެސް އޮންލައިންކޮށް 5 ޕްލެޓްފޯމްއަކުން ޒަކާތް ދެއްކޭނެއެވެ.

ޒަކާތް ދެއްކޭނެ ގޮތްތައް

- ދިރާގު އެޕް/ ދިރާގު ޕޭ (ވެބްސައިޓް)
- އުރީދޫ، އެމް ފައިސާ (އެޕްލިކޭޝަން)
- މޯލްޑިވްސް އިސްލާމިކް ބޭންކު (އެޕްލިކޭޝަން)
- ބޭންކް އޮފް މޯލްޑިވްސް މޯބައިލް އެޕްލިކޭޝަން
- ފަހިޕޭ (އެޕްލިކޭޝަން)
- ބަނޑޭރި ޕޭ

ޒަކާތު ހައުސްއިން ވިދާޅުވީ ބަނޑޭރިޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާހަމައަށްވެސް ފިތުރު ޒަކާތް ދެއްކޭނެކަމަށެވެ. އަދި ޢުމުރުން ދުވަސްވީ މީހުންނާއި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ޚާއްސަކޮށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

އަދި ރަމަޟާންމަހުގެ ފަހުދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާތީ ރަމަޟާންމަހު ކައުންޓަރުން ޒަކާތް ބަލައިގަންނާނެ ގަޑިތައްވެސް ޒަކާތު ހައުސްއިން ވަނީ އިޢުލާންކުރައްވާފައެވެ.

ޒަކާތު ހައުސިންއިން ވިދާޅުވީ ރަށްރަށުގައި ނަޤުދު ފައިސާއިން ފިތުރުޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެރަށެއްގެ ރަށު އަދި ސިޓީ ކައުންސިލުންކަމަށެވެ.

ކައުންޓަރުތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ވަގުތުތައް

- 2 މާރިޗް - 20 މާރިޗަށް: ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު: 9:30އިން 13:00އަށް
- 23 މާރިޗް - 30 މާރިޗަށް: ހުކުރު ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު: 11:00އިން 14:00އަށް

ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު


1- އާދައިގެ ހަނޑޫ: 12 ރުފިޔާ
2- ތައިލެންޑް ހުދު ހަނޑޫ: 62 ރުފިޔާ
3- ރަތް ހަނޑޫ: 86 ރުފިޔާ
4- ބާސްމަތީ ހަނޑޫ (އާދައިގެ): 74 ރުފިޔާ
5- ބާސްމަތީ ހަނޑޫ (މޮޅު) : 100 ރުފިޔާ
6- ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 133 ރުފިޔާ
7- އާދައިގެ ފުށް: 10 ރުފިޔާ
8- އާޓާ ފުށް: 75 ރުފިޔާ

ފިޠުރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ޙައްޤުވާ މީހުންނަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ. ފިޠުރު ޒަކާތް ފަރުޟު ކުރެއްވުނީ ރަމަޟާންމަހުގެ ރޯދައާއެކު ހިޖުރައިން 2ވަނަ އަހަރުއެވެ.

ފިތުރު ޒަކާތް ދެއްކުން ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވެއެވެ. ފިތުރު ޒަކާތް ދެއްކުމަށް ހަމަޖެހިފައި އޮންނަނީ އެބަޔަކު އެޤައުމެއްގައި ޢާއްމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުންނެވެ. އޭގެ މިންވަރަކީ ޞާޢެއް، ނުވަތަ ދެއަތް ގޮށިން ނެގޭ މިންވަރެވެ. މިގޮތުން ބަލާއިރު އެކި ބާވަތުގެ ގޮވާމުގެ ބަރުދަން ތަފާތުވެއެވެ.