ޖަރުމަން ބުންޑެސްލީގާގައި ރޭ ސްޓުޓްގާޓް އާއި ދެކޮޅަށް ބަޔާން މިއުނިކް ކުޅުނު މެޗު ފަހަތުން އަރާ 3-1 ގެ ނަތީޖާއަކުން ބަޔާން މިއުނިކް މޮޅުވެ ތާވަލުގެ ކުރީގައި އެހެން ޓީމުތަކާއި ދެމެދުވާ ފަރަގު ބޮޑުކޮށްފި އެވެ.
މި މެޗުން ބަޔާން މިއުނިކް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ މިހާތަނަށް ކުޅުނު 24 މެޗުން 61 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ލިބިފަ އެވެ. ދެވަނައިގައި އޮތް ބެޔާ ލެވަކޫސަން އަށް 23 މެޗުން ލިބިފައިވަނީ 50 ޕޮއިންޓެވެ.
ސްޓުޓްގާޓްގެ އެމްއެޗްޕީ އެރީނާގައި ރޭ ކުޅުނު މި މެޗުގެ 34 ވަނަ މިނިޓުގައި ބަޔާން މިއުނިކްގެ ކުރީގެ ކުޅުންތެރިޔާ އެންޖެލޯ ސްޓިލާ ވަނީ ލަނޑެއް ޖަހާ ސްޓުޓްގާޓް އަށް ކުރި ހޯދަދީފަ އެވެ.
ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ބަޔާން މިއުނިކްގެ ލެރޯއި ސާނޭ ދިން ބޯޅަ އަކުން މައިކަލް އޮލިސޭ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މި މެޗުން ބަޔާން މިއުނިކަށް ފުރަތަމަ ފަހަރަށް ކުރި ހޯދަދީފައިވަނީ މެޗުގެ 64 ވަނަ މިނިޓުގައި ލިއޯން ގޮރެޓްޒްކާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
އަދި މެޗުގެ ފަހު މިނިޓުގައި ކިންގްސްލޭ ކޯމަން ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުން ބަޔާން މިއުނިކަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.
މި ނަތީޖާ އާއިއެކު ބަޔާން މިއުނިކް އިން ވަނީ ތާވަލުގެ ކުރީގައި 11 ޕޮއިންޓުގެ ފަރަގެއް ހޯދާފަ އެވެ. އަދި މިއަދު ލެވަކޫސަން އާއި ފްރެންކްފަޓް ކުޅޭ މެޗުން ލެވަކޫސަން މޮޅުވެއްޖެނަމަ އަނެއްކާވެސް އެ ފަރަގު 8 ޕޮއިންޓަށް ކުޑަވެގެންދާނެ އެވެ.
ފާއިތުވެދިޔަ 11 ސީޒަނުގެ ތެރެއިން 10 ފަހަރު ބުންޑެސްލީގާގެ ޗެމްޕިއަންކަން ހޯދާފައިވާ ބަޔާން މިއުނިކްގެ މައްޗަށް ކުރި ހޯދާ މިދިޔަ ސީޒަނުގައި ބެޔާ ލެވަކޫސަން ވަނީ ލީގުގެ ޗެމްޕިއަންކަން ހޯދާފަ އެވެ.