ޚަބަރު

އަނިޔާއަށްފަހު ރޮޑްރީ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި


މެންޗެސްޓަރ ސިޓީގެ މިޑްފީލްޑަރ ރޮޑްރީ އަށް ލިބުނު އަނިޔާއިން ރަގަޅުވެ ޓީމުގެ ފަރިތަކުރުންތަކުގައި އަލުން ބައިވެރިވާން ފަށައިފި އެވެ.

މި އަހަރުގެ ބެލޮންޑިއޯ އެވޯޑް ހޯދާފައިވާ އުމުރުން 28 އަހަރުގެ ރޮޑްރީގެ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ހުރި މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުން ފެށިގެން ކުޅުމާއި ދުރުގަ އެވެ. އަދި އިއްޔެ އޭނާ ވަނީ ސިޓީގެ ޓްރެއިންނިން ދަނޑުގައި ޓްރެއިނިންތަކެއް ފުރިހަމަކޮށްފަ އެވެ.

ރޮޑްރީ އަށް ލިބުނު އަނިޔާގެ ސަބަބުން ސިޓީއަށް ވަނީ ހިތްދަތި ދުވަސްތަކަކާއި ކުރިމަތިލާން ޖެހިފަ އެވެ. އެ ކްލަބުގެ މެދުތެރޭގެ އިންޖީނުގެ ގޮތުގައި ބެލެވިފައިވާ ރޮޑްރީ އަށް އަނިޔާވެ ކުޅުމާއި ދުރަށް ދާން ޖެހުމާއިއެކު ސިޓީ އަށް ވަނީ ތާވަލުގެ ކުރީގައި އޮތް ލިވަޕޫލް އާއި ދެމެދު 20 ޕޮއިންޓުގެ ފަރަގަކާއި ކުރިމަތިލާން ޖެހިފަ އެވެ. އަދި ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރުސަތު ނުލިބި އެ ޓީމު ވަނީ ޕްލޭއޮފްގައި ރެއާލް މެޑްރިޑް އަތުން ބަލިވެފަ އެވެ.

ސިޓީގެ ޓްރެއިނިން ދަނޑުގައި ރޮޑްރީ ފަރިތަކުރަމުންދަނިކޮށް ނަގާފައިވާ ފޮޓޯތަކެއް އެ ކްލަބުން އާންމުކޮށްފައިވާއިރު އޭނާ އަށް ލިބިފައިވާ އަނިޔާއިން ރަގަޅުވެ އަލުން ކުޅުމުގެ ތެރެއަށް އައުމަކީ ކްލަބަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރެއް ކަމަށް ކޯޗު ގަޑިއޯލާ ވަނީ ބުނެފަ އެވެ.

"އަހަރެންނަށް އެންމެ މުހިންމު ކަމަކީ އަނިޔާއިން އެއްކޮށް ރަގަޅުވެ ރޮޑްރީ އަލުން ކުޅުމުގެ ތެރެއަށް އައުން. އަދި އޭނާގެ ރިކަވަރީގެ ކަންތައްތައް ވަރަށް ރަގަޅަށް ކުރިއަށް އެބަދޭ." ގަޑިއޯލާ ބުންޏެވެ.