ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހަކީ ޕަބްލިކް ސަރވިސް މީޑީއާގެ ޗެނަލްތަކުގެ ޝެޑިއުލަށްވެސް ބޮޑެތި ބަދަލުތަކެއް އަންނަ މަހެކެވެ. ރަމަޟާންމަހަށް ބޭނުންވާނެ ދީނީ މަޢުލޫމާތުތަކާއި، ބެލުންތެރިންނާއި އެހުންތެރިން ގަޔާވާނެފަދަ ތަފާތު ކޮންޓެންޓްތައް ގެނެސްދިނުމަށް ޕީއެސްއެމްގެ އެކި ޗެނަލްތަކުން މަސައްކަތްކުރެއެވެ.
މިގޮތުން މިއަހަރު އެންމެ ބޮޑު ބަދަލެއް ފެނިގެންދާނެ އެއް ޗެނަލަކީ ޕީއެސްއެމްގެ ޚަބަރާއި މަޢުލޫމާތަށް ޚާއްސަ "ޕީއެސްއެމް ނިއުސް" ޗެނަލެވެ.
ޚަބަރާއި މަޢުލޫމާތު ފެތުރުމަށް ޚާއްސަކޮށްގެން 24 ގަޑިއިރު ޚިދުމަތްދެމުންދާ ޕީއެސްއެމް ނިއުސްއަށް 1446 ވަނަ އަހަރުގެ ރަމަޟާންމަހަކީ ވަރަށް ޚާއްސަ މަހެކެވެ. ބެލުންތެރިންނަށް ބޭނުންވާނެ ތަފާތު ގިނަ މަޢުލޫމާތުތަކާއި ޝަޢުގުވެރިވާނެ ގިނަ ކޮންޓެންޓްތަކަކާއެކު ނިއުސް ޓީމުން މިވަނީ މި ރަމަޟާންމަހަށް ވަރަށް ބޮޑަށް ތައްޔާރުވެފައެވެ.
މިއަހަރުގެ ރަމަޟާންމަހު ޕީއެސްއެމް ނިއުސްގެ ބެލުންތެރިންނަށް ފެނިގެންދާނެ އެންމެ ބޮޑު ބަދަލަކީ ޚަބަރު ގަޑިތަކާއި، "ރާއްޖެމިއަދު" ޕްރޮގްރާމުގައި ބޭނުންކުރާ ސެޓަށް ގެނެސްފައިވާ ބަދަލެވެ.
ޚަބަރު ގަޑިތަކުގައި ބޭނުންކުރާ ސެޓާއި، ރާއްޖެމިއަދު ސެޓުވެސް ފަރުމާކޮށްފައިވަނީ ރާއްޖޭގެ އެހެން ޓީވީ ޗެނަލްތަކުގައި އާންމުކޮށް ނުފެންނަ ފަދަ ކޮންސެޕްޓަކަށް ފަހުގެ ޑިޒައިނަކަށެވެ. ޚަބަރު ސެޓާއި ރާއްޖެމިއަދު ސެޓާއެކު ބޭނުންކުރާ ވޯލާއި، ކެޕްޝަންވެސް ވަނީ ރީބްރޭންޑް ކޮށްފައެވެ.
ހަމައެހެންމެ ސްޓޭޝަން ޖިންގަލާއި، ޚަބަރުގައި ބޭނުންކުރާ ކެޕްޝަނާއި، ގްރެފިކްސްތަކާއި، އާންމު ޝެޑިއުލްގެ ތެރެއިން ކޮންމެ ދުވަހަކުވެސް ބެލުންތެރިންނާއި ހަމައަށް ނިއުސްޓީމުން ގެނެސްދޭ ޕްރޮގްރާމްތަކުގެ ޕްރޮމޯތަކަށްވެސް ރަމަޟާންމަހާދިމާކޮށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
ޚަބަރު ސެޓަށް ގެނެވުނު ބަދަލުތަކުގެ އިތުރުން ޕީއެސްއެމް ނިއުސްގެ އައު އޮންލައިން ވެބްސައިޓުވެސް މި ރަމަޟާންމަހު ތަޢާރަފުކުރުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.
ޕީއެސްއެމް ނިއުސްއިން މިހާރު ބޭނުންކުރާ ވެބްސައިޓާއި ޚިލާފަށް އައު ވެބްސައިޓުގައި އެންމެ ފަހުގެ ނިއު މީޑިއާގައި ބޭނުންކުރެވޭ ތަފާތު އެކި ފީޗަރތައް ހިމެނިފައިވާނެއެވެ.
އައު ވެބްސައިޓުގެ އެންމެ ޚާއްސަ އެއް ފީޗަރއަކީ ޕީއެސްއެމް ނިއުސް ޗެނަލްގެ ލައިވް ސްޓްރީމިންގ ވެބްސައިޓުން ފަސޭހަކަމާއެކު ބަލައިލެވުމެވެ. މީގެ އިތުރުންވެސް ކިޔުންތެރިންނަށް ފަސޭހަވާނެހެން އެކި ބަދަލުތައް ޓެމްޕްލޭޓަށް ވަނީ ގެނެސްފައެވެ.
ޕީއެސްއެމް ނިއުސްއަކީ ޚަބަރާއި މަޢުލޫމާތު ފެތުރުމަށް ޚާއްސަ ޗެނަލެއްކަމުން ނިއުސްޓީމުގެ އަބަދުވެސް އަމާޒަކީ އެ އިރެއްގައި ރާއްޖެއާއި ބައިނަލްއަޤްވާމީ މަޝްރަހުގައިވެސް ހިނގާ ކަންކަން އެންމެ ތާޒާކަމާއެކު އާންމުންނާއި ހަމައަށް ގެނެސްދިނުމެވެ.
ކޮންމެ ދުވަހަކުވެސް ހިނގާ މުހިންމު އިވެންޓްތަކާއި، އާއްމުންނަށް ބޭނުންވާ ތަފާތު މަޢުލޫމާތުތައް ޕީއެސްއެމް ނިއުސްގެ ޚަބަރުތަކާއި ޕްރޮގްރާމްތައް މެދުވެރިކޮށް ގެނެސްދޭއިރު، ރަމަޟާންމަހަށް ޚާއްސަ ކޮންޓެންޓްތައް ޚަބަރު ގަޑިތަކުގައި ގެނެސްދިނުމަށްވެސް ނިއުސްޓީމުން ދަނީ ތައްޔާރުވަމުންނެވެ.
އެގޮތުން ކޮންމެ ދުވަހެއްގެވެސް މެންދުރު 14:00 ގެ ޚަބަރުގައި، ރާއްޖޭގެ މަސްރަހުން ފާހަގަކޮށްލެވޭ ޚަބަރުތަކުގެ އިތުރުން ޚާއްސަ 4 ސެގްމަންޓެއް ވާނީ ހިމަނާފައެވެ. މީގެ ތެރޭގައި ރަމަޟާންމަހަށް ކޮންމެހެން ބޭނުންވާ ދީނީ މަޢުލޫމާތުތަކަށް ޚާއްސަ ސެގްމަންޓަކާއި، ޞިއްޙީ ގޮތުން ބޭނުންވާނެ މުހިންމު މަޢުލޫމާތައް ހިމެނޭ ޚާއްސަ ސެގްމަންޓެއް ގެނެސްދެވޭނެއެވެ.
ހަމައެހެންމެ ބަދިގޭގައި ތައްޔާރުކޮށްލެވިދާނެ ތަފާތު ކެއުންތަކާއި ބުއިންތަކަށް ޚާއްސަ ސެގްމަންޓަކާއި، ބާޒާރުމަތީގައި ތަކެތީގެ އަގުތައް ހުރިނެތްގޮތް ކޮންމެ ދުވަހަކުވެސް ނިއުސްޓީމުގެ މެންބަރުން ގެނެސްދޭނެއެވެ.
މި 4 ސެގްމަންޓުގައިވެސް މަޢުލޫމާތުތައް ގެނެސްދެވޭނީ މި ދާއިރާތަކުން ރާއްޖޭގައި މަސައްކަތްކުރައްވާ ތަޖުރިބާކާރުން މެދުވެރިކޮށްގެންނެވެ.
ޚަބަރުތަކުގެ ކޮންޓެންޓް މުއްސަނދިކުރުމަށް ކުރާ މަސައްކަތްތަކާ އެކުއެކީގައި ރަމަޟާންމަހަކީ ދީނީގޮތުންވެސް ޚާއްސަ ސަމާލުކަމެއްދޭންޖެހޭ މައްސަރެއްކަމުން، ދީނީ ރޮނގުން ރައްޔިތުންނަށް ބޭނުންވާނެ މުހިންމު މަޢުލޫމާތުތައްވެސް ގެނެސްދިނުމަކީ ނިއުސްޓީމުން ޚާއްސަ އިސްކަމެއްދޭ ކަމެކެވެ.
މިގޮތުން "ރޯދައިގެ ހިޔަލުގައި" މި ނަމުގައި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުއްޤައްޔޫމް ދެއްވާ ދީނީ ނަޞޭހަތް ކޮންމެ ދުވަހަކުވެސް ޕީއެސްއެމް ނިއުސްއިން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މައުމޫން ފައުންޑޭޝަންގެ އެހީތެރިކަމާއެކު ޕީއެސްއެމް ނިއުސްއިން ގެނެސްދޭ މަޢުލޫމާތެކެވެ.
އެކި އުމުރުފުރާގެ މީހުންނާވެސް ގުޅޭނެހެން ރޯދަ ހިފުމުގައާއި ދީނީ އަޅުކަންތައްތައް އަދާކުރުމުގައި ސަމާލުވެ ރައްކާތެރިވާންވީން ކަންކަމުގެ މައްޗަށާއި ދީނީ އެކިއެކި މަޢުޟޫޢުތަކުގެ މައްޗަށް މި ނަޞޭހަތްތަކުގައި ރައީސް މައުމޫން އަލިއަޅުއްވާލައްވާނެއެވެ.
ރަމަޟާންމަހުގެ ރޯދަޔާއި، އަޅުކަމުގެ ކަންކަމާ ގުޅޭގޮތުން ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުއްޤައްޔޫމް ދެއްވާ ދީނީ ނަޞޭހަތް، ރަމަޟާންމަހުގެ، ކޮންމެ ދުވަހަކު ޕީއެސްއެމް ނިއުސްއިން... "ރޯދައިގެ ހިޔަލުގައި" pic.twitter.com/OvHYZBsDtT
— PSM News (@psmnewsmv) February 22, 2025
ކޮންމެ ދުވަހެއްގެވެސް މަޣްރިބު ނަމާދުގެ ކުރިން ގެނެސްދޭ މި ޚާއްސަ ނަސޭޙަތުގެ ބަސްކޮޅުގެ އިތުރުން ރަމަޟާންމަހު މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް، އިސްލާމީ މަރުކަޒުގައި ކުރާ ތަރާވީޚް ނަމާދު ޕީއެސްއެމް ނިއުސްއިން ކޮންމެ ރެޔަކު ވަގުތުން ގެނެސްދޭނެއެވެ.
ހަމައެހެންމެ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށްޓަކާ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އަތޮޅުތަކުގައި ބާއްވާ އިޙްޔާ ފޯރަމްތައްވެސް ޕީއެސްއެމް ނިއުސްއިން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. މިފަހަރު އަތޮޅުތަކުގައި 7 އިޙްޔާ ފޯރަމެއް އޮންނާނެއެވެ.
މި ރަމަޟާންމަހު ޕީއެސްއެމް ނިއުސްއިން ބެލުންތެރިންނަށް މުޅިން އަލަށް 2 ޕްރޮގްރާމެއް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން އެއް ޕްރޮގްރާމް ޚާއްސަކޮށްފައިވަނީ ލޯފަން މީހުންގެ އިޙްސާސްތައް އެމީހުންގެ ދުލުން ގެނެސްދިނުމަށެވެ.
"ސިފަނުވި ދުލަކުން" މި ޕްރޮގްރާމުގައި ލޯފަން 4 މީހެއްގެ ދިރިއުޅުމުގެ ޙާލަތު، އެމީހުންގެ ތަޖުރިބާ، އެމީހުންނާއި ޢާއިލާ މެންބަރުންގެ ވާހަކަތައް ވަރަށް ތަފްޞީލުކޮށް ގެނެސްދެވޭނެއެވެ. މިއީ އެމީހުން ދިރިއުޅޭ ރަށްރަށަށް ނިއުސްޓީމުން ގޮސްގެން ޝޫޓްކޮށް ނަގާފައިވާ ޕްރޮގްރާމްތަކެކެވެ.
އަންނަ ހަފްތާއިން ފެށިގެން ރަމަޟާންމަހުގެ ކޮންމެ ހޮނިހިރު ދުވަހެއްގެ ރޭ 22:00 ގައި ޕީއެސްއެމް ނިއުސްއިން މި ޕްރޮގްރާމް ގެނެސްދޭނެއެވެ.
ލޯފަންވުމަކީ މުޖުތަމަޢުގައި ބާކީވާންޖެހޭ ސަބަބެއް ނޫން. މި ފަރާތްތަކުގެ ވާހަކަތައް އެމީހުން އެ ބުނެދެނީ ސިފަނުވި ދުލަކުން. pic.twitter.com/9GRTEEUbxy
— PSM News (@psmnewsmv) February 16, 2025
ރަމަޟާންމަހަށް ޚާއްސަކޮށްގެން ނިއުސް ޗެނަލުން ގެނެސްދޭ އަނެއް ޚާއްސަ ޕްރޮގްރާމަކީ "އެވެރިން" އެވެ. މިއީ އަޅުގަނޑުމެންގެ ތެރޭގައި ތިއްބެތި އެކި ރޮނގުރޮނގުން ފާހަގަކޮށްލެވޭ ޚިދުމަތްތެރިންގެ ވާހަކަތައް ގެނެސްދޭ ޚާއްސަ ޕްރޮގްރާމެކެވެ.
އާންމުކޮށް މިހެން ގެނެސްދޭ ޕްރޮގްރާމްތަކާ ޚިލާފަށް މި ޕްރޮގްރާމުގައި މެހެމާނާއެކު އޭނާގެ ޙަޔާތުގެ ބައިވެރިޔާ ނުވަތަ އާއިލާ މެންބަރުންވެސް މި ޕްރޮގްރާމުން ފެނިގެންދާނެއެވެ.
ސެލެބްރިޓީ ޓޯކްޝޯވއެއްގެ ކޮންސެޕްޓަކަށް ގެނެސްދޭ މި ޕްރޮގްރާމަށް ތައްޔާރުކޮށްފައިވާ ސެޓަކީ މިފަހަރު ޕީއެސްއެމްގެ ޓީވީ ޗެނަލަކުން ފެނިގެންދާނެ އެންމެ ބޮޑު އަދި އެންމެ ހިތްގައިމު އެއް ސެޓެވެ.
"އެވެރިން"ގެ ޖުމްލަ 5 އެޕިސޯޑެއް މި ރަމަޟާންމަހު ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމް ގެނެސްދޭނީ ކޮންމެ ހުކުރު ދުވަހެއްގެ ރޭ 22:00 ގައެވެ.
މި ރަމަޟާންމަހުވެސް އާންމުން ޝަޢުގުވެރިވާނެ، އަދި މަޢުލޫމާތުގެ ހަޒާނާ މުއްސަނދިކޮށްދޭނެ ތަފާތު އުފެއްދުންތަކެއް ޕީއެސްއެމް ނިއުސްއިން ގެނެސްދޭން މިވަނީ ތައްޔާރުވެފައެވެ. މުޅި ނިއުސްޓީމުގެވެސް އަމާޒަކީ އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް ޚަބަރާއި މަޢުލޫމާތު އިތުބާރާއި ޔަޤީންކަމާއެކު އާންމުންނަށް ގެނެސްދިނުމެވެ.