ދިވެހި ރައްޔިތުންނަށް ހިޔާވަހިކަން ކަށަވަރުކޮށްދީ، އުފާފާގަތިކަން އިތުރު ކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތް ދުވަހަކަށްވުރެ ދުވަހެއް ހަލުވިކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ 1446ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ރައްޔިތުންނަށް އަރިސްކުރައްވައި ފޮނުއްވި ޚިޠާބުގައެވެ.
މީގެ 898 އަހަރު ކުރީން ރާއްޖެ އިސްލާމްވީއްސުރެ، ރަމަޟާން މަހަކީ ދިވެހީންގެ ހިތްތަކުގައި ޚާއްޞަ ޤަދަރެއް ދެވިފައިވާ މަހެކަން ފާހަގަކުރައްވައި އެމަނިކުފާނު ދެއްވި ޚިތާބުގައި މި ބަރަކާތްތެރި މަހާއި ބައްދަލުވުމަށް ދިވެހީން ވަމުންދާ ތައްޔާރީތަކާއި އެ މަހުގައި ދިވެހީން ހިފަހައްޓާ ރިވެތި އާދަކާދަތަކާއި ހަމަތައް ދިވެހިވަންތަ ސަގާފަތުގެ މުއްސަނދިކަން އިތުރުކޮށްދޭކަން ވަނީ ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި ރައްޔިތުންނަށް ހިޔާވަހިކަން ކަށަވަރުކޮށްދީ، ދިރިއުޅުމުގެ މުހުތާދުތައް ފުއްދައިދީ، އުފާފާގަތިކަން އިތުރު ކޮށްދިނުމަށް ސަރުކާރުން ފަށާފައިވަނީ އިޚްލާޞްތެރި މަސައްކަތެއް ކަމަށެވެ. އަދި އެމަސައްކަތް ދުވަހަކަށްވުރެ ދުވަހެއް ސަރުކާރުން ހަލުވިކުރާއްވާނެކަމަށާއި، ކޮންމެ ރަމަޟާން މަހަކުވެސް އޯގާތެރިކަމާ ކުލުނާ ދީލަތިކަމުގެ ނަމޫނާ ދައްކައި، ރައްޔިތުންގެ ހިތްތަކަށް ތަސައްލީ ލިބިދިނުމަށް އަދުގެ ސަރުކާރުން އިސްނަންގަވާނެކަމަށް އެމަނިކުފާނުގެ ޚިތާބުގައި ފާހަގަކުރެއްވިއެވެ.
ރަމަޟާން މަހު ރައްޔިތުންގެ ހިތްތަކަށް ތަސައްލީ ލިބިދިނުމަށް އަދުގެ ސަރުކާރުން އިސްނަންގަވާނެކަން ރައީސް ހާމަކުރައްވާފައިވާއިރު އެމަނިކުފާނު ވެރިކަމާއި ހަވާލުވި ހިސާބުން ފެށިގެން ރައްޔިތުންނަށް ފަސޭހަކޮށްދެއްވުމަށް ޚާއްސަ އިސްކަމެއް ދެއްވާކަން ހާމަކުރައްވައި އެމަގުން ގެންދަވަނީ މުހިއްމު މަސައްކަތްޕުޅުތަކެއް ކުރައްވަމުންނެވެ. ޚާއްސަކޮށް ރަމަޟާން މަހު ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކުރެއްވުމަށް އިޤްތިޞާދީ، އިޖްތިމާޢީ އަދި ދީނީ ގޮތުންވެސް ފަހި އަދި ފައިދާހުރި ކަންކަން ސަރުކާރުންދަނީ ކުރައްވަމުންނެވެ.
އެގޮތުން ރައްޔިތުންނަށް ލުއިފަސޭހަ ކުރުމުގެ ގޮތުން، މިދިޔަ އަހަރުއްސުރެ ރަމަޟާން މަހުގެ ފަހު 10ގައި ސަރުކާރުގެ އޮފީސްތައް ބަންދުކުރަން ވަނީ ނިންމަވާފައެވެ. އަދި މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ރޯދަމަހުގެ ކަރަންޓު ބިލާއި ފެންބިލުން ޑިސްކައުންޓްދޭން ރައީސް ވަނީ ނިންމަވާފައެވެ. މިދިޔަ އަހަރު ކާޑުގެ ބައެއް ބާވަތްތައް ރައްޔިތުންނަށް ދޫކުރިއިރު، މިއަރުގެ ރޯދަމަހު ކޮންމެ ގޭބިސީއަކަށް ވަނީ މަސްދަޅު ކޭހެއް ބަހާފައެވެ.
މީގެ އިތުރުން ކުރިން ރޯދަ އެލަވަންސް ނުލިބޭ ފަރާތްތަކަށް އެލަވަންސް ދިނުމާއި، ރަމަޟާންމަހު އުމްރާއަށްދާ ފަރާތްތަކަށް 1500 ޑޮލަރާއި ހަމައަށް ކާޑު ލިމިޓު ވަނީ ބޮޑުކޮށްދީފައެވެ.
ރައްޔިތުންގެ ހައްޤުގައި ރަމަޟާން މަހަށް ޚައްސަކޮށްގެން ގިނަ ކަންކަން ރާވާ އަދި ގިނަ ތައްޔާރީތަކެއް ވެފައިވާއިރު އެފަދަހުރިހާ ކަމަކީވެސް މި ބަރަކާތްތެރި މަހު ރައްޔިތުން ކުރަން ޖެހޭ ހޭދަތައް ކޫޑަކުރުމަށް ސަރުކާރުން ދޭ ލުއިތަކެކެވެ.