ރަމަޟާން މަހު އަޅުގަނޑުމެންގެ އުޅުމާއި ގުޅުންތަކަށް ގެންނަ ހެޔޮ ބަދަލު މުޅި ޙަޔާތުގައިވެސް ދަމަހައްޓާ ބަޔަކަށް ދިވެހިން ވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ ބަރަކާތްތެރި ރަމަޟާން މަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ރައްޔިތުންނަށް އަރިސްކުރައްވައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިތާބުގައި ކީރިތި ޤުރުއާން އެ މަހެއްގައި ބާވައިލެއްވި، އަދި ލައިލަތުލްޤަދްރީގެ މަތިވެރި ދަރުމަ އެމަހެއްގައި ހިމެނިފައިވާ ރަމަޟާން މަހަކީ، ނިޢުމަތާއި ރަޙްމަތުން ފުރިގެންވާ މޫސުމެއްކަން ފާހަގަކުރައްވައި، މި ބަރަކާތްތެރި މަހުގައި އަޅުގަނޑުމެން ހިފާ ރޯދައާއި، އަޅުކަމަށް ދޭ ސަމާލުކަމާއި، އަނެކުންނަށް ދޭ މަދަދާއި، ކެތްތެރިކަމާއި އިޙްސާންތެރިކަމުގައި ދެމިތިބުމަކީ ޖިސްމަށާއި ރޫޙަށް ލިބިދޭ އަގުހުރި ތަރުބިއްޔަތެއްކަމަށެވެ.
ރޯދައަކީ އަޅުގަނޑުމެންނާއި އަހަރަކު އެއް ފަހަރު ބައްދަލުކުރާ އަގުހުރި މެހެމާނެކަން ފާހަގަކުރައްވައި މި މެހެމާނާއި އެކު އުޅެން ލިބޭ ފުރުޞަތުގައި އަޅުގަނޑުމެންގެ އުޅުމާއި ގުޅުންތަކަށް އަންނަ ހެޔޮ ބަދަލު މުޅި ޙަޔާތުގައިވެސް ދަމެހެއްޓުމުގެ މުހިއްމުކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
އެގޮތުން އަޅުގަނޑުމެންގެ ދަރީންނާއި، ދިވެހި ކޮންމެ ކުޑަ ކުއްޖަކާއި ޒުވާނަކަށް ރީތި ނަމޫނާ ދައްކައި، ހަރުދަނާ ސިފަތައް އުނގަންނައިދޭ މަހެއްކަމުގައި ރަމަޟާން މަސް ހެދުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ. އަދި ދުންފަތުގެ އިސްތިޢުމާލުކުރުން ފަދަ އަމިއްލަ ނަފްސަށް ގެއްލުންހުރި ނުކިއްސަރު އާދަތަކާ ދުރުހެލިވުމުގެ ފުރަތަމަ ފިޔަވަޅު މި މަހު އެޅުމަކީ ކުރެވެރިދާނެ މުހިއްމުކަމެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"ދޮގާއި ފިތުނަ ފަތުރަން މަސައްކަތްކުރާ ކޮންމެ ބަޔަކާ ދުރުހެލިވެ، ޚުލްޤު ހެޔޮ އިންސާނެއްގެ ގޮތުގައި ކާމިޔާބު ޙަޔާތެއް އުޅުމުގެ ޢަޒުމު މި މަހު އައުކުރަމާތޯ. އިސްރާފުކުރުމާ، ވަގުތުގެ ނިޢުމަތް ބޭކާރުކުރުން ފަދަ ވަސްވާސްތަކާ ފެޔަށް ޖެހި، ފުދުންތެރި ދިރިއުޅުމެއް ޚިޔާރުކޮށް، މާދަމާއަށް ޓަކައި ދުނިޔަވީ އަދި އުޚްރަވީ ގޮތުން މަންފާހުރި އެތައް ޢަމަލަކާއި ހެޔޮކަމެއް ގޮވާންކުރުމުގެ އާދަ މިމަހު ހިފަން ފަށާމާތޯ" ރައީސްގެ ޚިތާބުގައި ވިދާޅުވިއެވެ.
މީގެ އިތުރުން ކޮންމެ ދިވެއްސަކީވެސް ޢާއިލާ ދެކެ ލޯބިވާ، އަވަށްޓެރީންނަށް ކަމޭހިތާ، ރަޙްމަތްތެރިކަމުގެ ޙައްޤު އަދާކުރާ އިޙްސާންތެރިއަކަށްވުމުގެ މޮޓޯގައި މި ރަމަޟާން މަހުން ފެށިގެން ހިފަހައްޓަން ރައީސުލްޖުމްހޫރިއްޔާ ވަނީ ގޮވާލައްވާފައެވެ.
މި ފަދަ ކޮންމެ ރޯދަ މަހެއްގައިވެސް އަޅުގަނޑުމެން ޔަގީން ކުރަންވީ އެއް ކަމަކީ، ދިވެހީންގެ ސިލްމާ ސަލާމަތާ ކާމިޔާބު ގުޅިފައިވަނީ މާތްވެގެންވާ އިސްލާމް ދީނާއި ކަމާއި، ތިރި ޖަޒީރާ ރަށްތަކެއްގައި އާބާދުވެ ދިރިއުޅެމުންދާ މި ޤައުމުގެ ރައްޔިތުންނަށް ﷲ ދެއްވި ނިޢުމަތްތަކާ، އަމާންކަމާ، ރަޙްމަތުގެ ބޮޑުކަމަކީ ޝުކުރުވެރިވާންޖެހޭ ކަމެއްކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ތަޙުނިޔާގެ މެސެޖުގައި ވިދާޅުވިއެވެ.
ގަދަކީރިތިވަންތަ ﷲގެ އޯގާވަންތަކަން ހަނދުމަކޮށް ޝުކުރު ކުރާ ޙާލު، އެއް ހަށިގަނޑެއް ފަދަ މި އިސްލާމީ އުންމަތުގެ އެންމެހައި އަޚުންނާއި އުޚްތުން މަތީން އަޅުގަނޑުމެން އަބަދުމެ ހަނދާންކުރަން ވާނެކަމަށާއި، ޚާއްޞަކޮށް ނުތަނަވަސްކަމާއި ދަތި ޙާލުގައި ތިބި ކޮންމެ މުސްލިމެއްގެ މައްޗަށް ހެޔޮ ދުޢާކޮށްދީ ހެޔޮ ފޯރުވައިދޭން ވާނެކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން އަޅުގަނޑުމެންގެ އުޚުއްވަތްތެރި ފަލަޞްޠީނުގެ އަހުލުވެރީންނާއި، ހަނގުރާމައާއި އަނިޔާވެރިކަމާއި ހައިހޫނުކަން ބަރުދާސްކުރަމުންދާ އެނޫން މުސްލިމް މުޖްތަމަޢުތަކާއި ޢާއިލާތަކަށް ކުޅަދާނަވީ މިންވަރަކުން އެހީތެރިކަން ފޯރުކޮށްދީ އެއްބާރުލުން ދިނުމުގައި ދެމިތިބުމަށް އެމަނުކުފާނުވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިތާބު ނިންމަވާލެއްވީ ބަރަކާތްތެރި ރަމަޟާން މަހުގެ ފާގަތިކަމާ ބާއްޖަވެރިކަން ދިވެހި ޤައުމަށް އަބަދުމެ ތަކުރާރުކޮށްދެއްވައި، މި ލޮބުވެތި ވަޠަން އިސްލާމް ދީނުގެ ހިދާޔަތުގައި އަބަދުމެ ލެހެއްޓެވުމަށާއި ދިވެހި ރައްޔިތުންނަކީ ހެޔޮލަފާ ބަޔެއްގެ ގޮތުގައި އަބަދުމެ ލައްވައި، ވިޔަވަތި ދިރިއުޅުމެއް މިންވަރުކުރެއްވުމަށް ވަނީ ދުޢާކުރައްވާފައެވެ.