ޚަބަރު

ރިސަރޗް ލައިބްރަރީއަކާއެކު ހުޅުމާލޭގައި އަލަށް ބިނާކުރާ މިސްކިތުގެ ބިންގާ ރައީސް އަޅުއްވައިދެއްވައިފި


  • މި މިސްކިތަށް ދީފައިވަނީ މަސްޖިދު އުންމުލްމުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ

  • މިއީ 2000 މީހުންގެ ޖާގައިގެ މިސްކިތެއް

  • މިތަން ބިނާކުރަނީ ހުޅުމާލޭ ފޭސް 1 ގެ ރެޑްވޭވް ކައިރީ

ރިސަރޗް ލައިބްރަރީއަކާއެކު ހުޅުމާލޭގައި އަމިއްލަ ފަރާތަކުން ބިނާކުރާ މިސްކިތުގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވައިދެއްވައިފިއެވެ.

"މަސްޖިދު އުންމުލްމުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ"ގެ ނަން ދީފައިވާ މި މިސްކިތުގެ ބިންގާ ރައީސް އަޅުއްވައިދެއްވީ އެކަމަށްޓަކާ މިއަދު ހުޅުމާލޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މިއީ ހުޅުމާލޭ ފޭސް 1ގެ ރެޑްވޭވް ކައިރި ވަގުތީ މިސްކިތް ހުރިތަނުގައި ބިނާކުރާ މިސްކިތެކެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދާއި، ދައުލަތުގެ ވަޒީރުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި މިސްކިތަކީ މ. ޠައިބާ ފަޟީލަތުއްޝައިޚު އިސްމާޢީލު މުޙައްމަދުގެ ދީލަތި އެހީގައި ބިނާކުރާ މިސްކިތެކެވެ. މި މަސައްކަތް މެނޭޖްކުރަނީ މަދީނާ އިންވެސްޓްމަންޓުގެ ފަރާތުންނެވެ. އެތައް އަހަރެއްވަންދެން ޓިނުން ހަދާފައިވާ ވަގުތީ މިސްކިތްހުރި ތަނުގައި ބިނާކުރާ މި މިސްކިތަކީ އިސްލާމީ ދިރާސާކުރަން ބޭނުންވާ ފަރާތްތަކާއި ކިޔަވާކުދިންނަށް، ނަމާދުގެ ފަހުން ކިޔަވަން ރިސާރޗް ހެދުމާއިން، އެސައިންމަންޓް ހަދަން ފޮތްކިޔަން ތިބެވޭ ގޮތަށް ފުރިހަމަ ލައިބްރަރީއަކާއެކު 2 ބުރިއަށް ބިނާކުރެވޭ މިސްކިތެކެވެ.

މި މިސްކިތުގައި އެތެރެއާއި ބޭރާއެކު 2000 ވަރަކަށް މީހުންނަށް ނަމާދު ކުރެވޭނެއެވެ. މި މިސްކިތަކީ ރިސާރޗް ލައިބްރަރީއަކާއެކު ހުޅުމާލޭގައި ޤާއިމު ކުރާ ފުރަތަމަ މިސްކިތެވެ. މި މިސްކިތް ނިސްބަތްކޮށްފައިވަނީ ކީރިތި ރަސޫލާގެ އަނބިކަނބަލުން އުންމުލްމުއުމިނީން ޢާއިޝަތުގެފާނަށެވެ. މި މިސްކިތް ފުރިހަމަ ސޯލާ ނިޒާމަކުން ކަރަންޓު ދެވި އޭސީކުރެވޭނެއެވެ.

އަންހެނުންނަށް ވެސް ނަމާދު ކުރެވޭ ޖާގައާއެކު ޚާއްޞަ ފާޚާނާވެސް މި މިސްކިތުގައި ހުންނާނެއެވެ. މި މިސްކިތުގެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ، 2026 ވަނަ އަހަރުގެ ރަމަޟާންމަހު ހުޅުވުމަކީ އަމާޒެއްކަމަށް މި މިސްކިތް ބިނާކުރައްވާ ފަރާތުން ވަނީ ވިދާޅުވެފައެވެ. މިސްކިތް ހުޅުވުމަށް ފަހު، މިސްކިތުގައި ޢިލްމީ ދަރުސްތަކާއި ޤުރުއާން ހިތު ދަސްކުރުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެއެވެ.