ޚަބަރު

ރަމަޟާން މަހު އިމިގްރޭޝަނުންދޭ ޚިދުމަތްތަކުގެ ގަޑިއަށް ބަދަލެއް


  • މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތެރެއިންވެސް ޚިދުމަތްދޭނެ

ރަމަޟާން މަހު އިމިގްރޭޝަނުން ޚިދުމަތް ފޯރުކޮށްދެމުންދާ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެެވެ. ރަމަޟާން މަހު އިމިގްރޭޝަނުން ދިނުމަށް ހަމަޖެހިފައިވަނީ ދިވެހި ޕާސްޕޯޓުގެ ޚިދުމަތާއި، ވިސާގެ ޚިދުމަތްތަކާއި، އެންފޯސްމެންޓް އެންޑް ކޮމްޕްލަޔަންސްގެ ޚިދުމަތުގެ އިތުރުން ސީޕޯޓްގެ ޚިދުމަތްކަމށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، މާލެ ސަރަހައްދުގައި އިމުގާ ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓުގެ ޚިދުމަތަށް 24 ގަޑިއިރު ހުށަހެޅޭނެކަމަށެވެ. އަދި 65 އަހަރުން މަތީގެ މީހުންނަށާއި އެމަޖެންސީ ޙާލަތްތަކުގައި ޕާސްޕޯޓް ބޭނުންވާ މީހުންނަށް އިމިގްރޭޝަނަށް ހާޒިރުވެ އަދި އޮންލައިންކޮށް ކޮންމެ ދުވަހަކު ހެނދުނު 09:15 އިން 12:00 އާ ދެމެދުގެ ވަގުތެއްގައި ޕާސްޕޯޓަށް އެދި ހުށަހެޅޭނެކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ. އަދި ހަމަ އެ ވަގުތު، ކިއުބީއިން މެދުވެރިކޮށް ޕާސްޕޯޓަށް ހަވާލުވުމަށް ނަންބަރު ދޫކުރުން ކުރިއަށްދާނެކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ، މެޑިކަލް އެމަރޖެންސީގެ ހާލަތެއްގައި ޕާސްޕޯޓުގެ ޚިދުމަތަށް އެދި 9555333 މި ނަންބަރަށް ގުޅުމުން ޚިދުމަތް ލިބޭނެކަމަށެވެ.

މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގެ އޮފީސްތަކުންވެސް ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވިއެވެ. އެގޮތުން އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ކުޅުދުއްފުށި ސިޓީ، ތިނަދޫ ސިޓީ، ހއ. ދިއްދޫ އަދި ލ. ފޮނަދޫން ކޮންމެ ދުވަހަކު ހެނދުނު 09:15 އިން 12:00 އާ ދެމެދުގެ ވަގުތެއްގައި ޕާސްޕޯޓާއި ހަވާލުވުމަށް ނަންބަރު ދޫކުރަމުންދާނެކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ

މީގެ އިތުރުން ދ. ކުޑަހުވަދޫއިން ކޮންމެ ހަފްތާއެއްގެވެސް ހޯމަ ދުވަހު، ރ. އުނގޫފާރުން ކޮންމެ ހަފްތާއެއްގެވެސް ބުރާސްފަތި ދުވަހު، ހއ. އިހަވަންދޫއިން ކޮންމެ ހަފްތާއެއްގެވެސް ބުރާސްފަތި ދުވަހު އަދި ށ. ފޮނަދޫއިން ކޮންމެ ހަފްތާއެއްގެވެސް އަންގާރަ ދުވަހު ހަމަ އެ ގަޑިތަކުގައި ޕާސްޕޯޓާއި ހަވާލުވުމަށް ނަންބަރު ދޫކުރަމުންދާނެކަމަށްވެސް އިމިޖްރޭޝަނުން ވިދާޅުވެއެވެ.

ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހު ޕާސްޕޯޓުގެ ޚިދުމަތުގެ އިތުރުން ވިސާގެ ޚިދުމަތްވެސް ފޯރުކޮށްދެމުންދާނެކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

އިމިޖްރޭޝަނުން ފޯރުކޮށްދޭ ވިސާގެ ޚިދުމަތްތަކާއި ގަޑިތައް

* ވިސާއަށް އެދި ހުށަހެޅުން: އިމުގާ ޕޯޓަލް އަދި އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ކޮންމެ ދުވަހަކު ހެނދުނު 09:00އިން ހަވީރު 17:00އަށް
* ވޯކް ވިސާއަށް އެދި ޕާސްޕޯޓު ހުށަހެޅުން: ކޮންމެ ދުވަހަކު ހެނދުނު 09:05އިން 10:45އަށް
* ވޯކް ވިސާއަށް އެދި ހުށަހަޅާފައިވާ ޕާސްޕޯޓް ދޫކުރުން: ކޮންމެ ދުވަހަކު ހެނދުނު 11:00އިން 12:30އަށް
* ވޯކް ވިސާ ފިޔަވައި އެހެނިހެން ވިސާއަށް އެދި ޕާސްޕޯޓް ބަލައިގަތުމާއި، ވިސާ ޖަހައިދިނުން: އެޕޮއިންމެންޓް އެސޫލުން ކޮންމެ ދުވަހަކު ހެނދުނު 09:05އިން 12:00އަށް

އިމިގްރޭޝަނުން ވިދާޅުވީ، މި ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހު އެންފޯސްމެންޓް އެންޑް ކޮމްޕްލަޔަންސްގެ ޚިދުމަތުގެ އިތުރުން ސީޕޯޓްގެ ޚިދުމަތްވެސް ދޭނެކަމަށެވެ. އެގޮތުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 09:00 އިން 13:00 އަށް އެންފޯސްމެންޓް އެންޑް ކޮމްޕްލަޔަންސްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން ސީޕޯޓްގެ ޚިދުމަތް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 08:00 އިން ހަވީރު 17:00އަށް އަދި ރޭގަނޑު 21:30އިން 00:00އަށް، އަދި ހުކުރު ދުވަހު މެންދުރު 14:30އިން ހަވީރު 17:00އަށް އަދި ރޭގަނޑު 21:30އިން 00:00 އަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވިއެވެ.