ކޮންމެ އަހަރެއްގެ ރަމަޟާންމަހަށް ދިވެހިން އަބަދުވެސް ދުރާލާ ތައްޔާރުވެއެވެ. އެ ތައްޔާރީތަކަކީ އަބަދުވެސް އިޖްތިމާޢީ ކަމެއްގެ ގޮތުގައި ވަމުންދާ ތައްޔާރީތަކެކެވެ. ނަމަވެސް މިފަހުން ފެނިގެންދަނީ ސަރުކާރުންވެސް ރައްޔިތުންކުރަންޖެހޭ ޚަރަދުތައް ކުޑަކޮށް ލުއިފަސޭހަކޮށްދިނުމަށް ދުރާލާ މަސައްކަތް ކުރަމުންދަ މަންޒަރެވެ.
ބަރަކާތްތެރި ރަމަޟާން މަހާއި ދިމާކޮށް އާންމުގޮތެއްގައި ދިވެހިންގެ ވަމުންދާ ތައްޔާރީތަކުގެ ތެރޭގައި ގޭތެރެ ޒީނަތްތެރިކުރުމާއި، ޢާޢިލާއާއި ރަށްޓެހިންނާއެކު މާހެފުން ބޭއްވުން ހިމެނެއެވެ. އިޖްތިމާޢީ ގިނަ ކަންތައްކަތެއް ކުރާއިރު، މީގެ ކުރިން ސަރުކާރުތަކުގައި އަބަދުވެސް ފެންނަނީ ކަމެއް ދިމާވުމުން އެކަމަށް ފިޔަވަޅުތައް އަޅާތަނެކެވެ. ބާޒާރުގައި އެއްޗެއް އަގު އުފުލި އެކަމުގެ ކަންބޮޑުވުން ރައްޔިތުން ފާޅުކުރަން ފެށުމުން އަގު ހިފެހެއްޓުމަށް މަސައްކަތް ކުރެއެވެ. ދުރާލާ މާބޮޑެތި އިންތިޒާމުތަކެއް ހަމަޖެއްސިފައެއް ނުހުރެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތީ ރައްޔިތުން އެންމެ ބޭނުންވާ ކަންކަމަށް އިސްކަން ދެއްްވައިގެން ޚިދުމަތް ދިނުމަށް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރު ރޯދަމަހު، ކަރަންޓާއި ފެން ބިލުތަކުން ޑިސްކައުންޓު ދިނެވެ. އަދި ކޮންމެ ގޭބީސީއަކަށް 10 ކިލޯގެ ހަނޑުލާއި 10 ކިލޯގެ ފުށް ބަސްތާއެއް ސަރުކާރުން މިދިޔަ އަހަރުގެ ރަމަޟާން މަހު ހަދިޔާ ކުރެއްވިއެވެ. އަދި ނިމިދިޔަ އަހަރުގެ ތަޖުރިބާތަކަށް ބަލަައި ސަރުކާރުން އިތުރު ފިޔަވަޅުތަކެއް ދުރާލާ އަޅަން ފެށިއެވެ.
މީގެ 4 ވަރަކަށް މަސް ކުރިންފެށިގެން ރޯދައަށް ބާޒާރުގައި ކެތީގެ އަގު ހިފެހެއްޓުމަށް ގިނަ ބައްދަލުވުންތައް ބޭއްވިއެވެ. އެސްޓީއޯ މެދުވެރިކޮށް އަގު އުފުލޭ ބާވަތްްތައް އެތެރެކޮށް ވިއްކަން ތައްޔާރުވިއެވެ. އަދި އަމިއްލަ ފަރާތްތަކަށް ތަކެތި އެތެރެކުރުމުގައި ހުރި ގޮންޖެހުންތައް ހައްލުކޮށްދޭން މަސައްކަތް ފެށިއެވެ. މިއާއެކު މި ރަމަޟާން މަހަކީ ބާޒާރުގައ ތަކެތީގެ އަގު ހިފެހެއްޓި، ބޭނުންވާ ޒަރޫރީ ބާވަތްތައް ހުސްނުވެ ލިބެންހުންނާނެ ގޮތަށް ތައްޔާރުވި ރަމަޟާން މަހަށްވާނެއެވެ.
ރަމަޟާން މަހު އުމްރާއަށްދާ ފަރާތްތަކަށް 1500 ޑޮލަރާއި ހަމައަށް ކާޑު ލިމިޓު ވަނީ ބޮޑުކޮށްދީފައެވެ. މި ލިމިޓު ޝައްވާލު މަހުގެ 6 ވަނަ ދުވަހާއި ހަމައަށް ލިބޭނެއެވެ. މީގެއިތުރުން އެހެން އަހަރުތަކެކޭ އެއްގޮތަށް ރޯދަމަހުގެ ރޭތަށް އިހްޔާ ކުރުމަށް ބާއްވާ ފޯރަމްތައްވެސް މިއަހަރު ކުުރިއަށް ގެންދާނެއެވެ. މިއާއެކު މިއަހަރުގެ ރޯދަމަސް ވާނީ މިއިން ޒަމާނަކުވެސް ރޯދަމަހު ދީނީ ހަރަކާތްތައް އެންމެ ގިނަ މަހަށް ކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ. އަދި ރައްޔިތުނަށް ވީހާވެސް ބޮޑަށް ދީނީ ކަންކަމުގައި ޝާމިލްވުމުގެ ފުރުޞަތު ދިނުމަށް މިއަހަރުވެސް ފަހު 10ގެ ދުވަސްތައް ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ.
ރަމަޟަންމަހާ ދިމާކޮށް ގިނަ ލުއިތަކެއް ދީފައިވާއިރު، މިފަހަރުގެ ރަމަޟާންމަހުގެ އިނާޔަތް އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް ރޯދަމަހުގެ ކުރިއަށް، މި އިނާޔަތް ދެވޭ ގޮތް ސަރުކާރުން ވަނީ ހަދާފައެވެ.
ރައްޔިތުންގެ ހައްޤުގައި މިއަހަރުގެ ރޯދަމަހަށް ހާއްސަކޮށް ގިނަ ކަންކަން ރާވާ އަދި ގިނަ ތައްޔާރީތަކެއް ވަމުންދާއިރު، މިހުރިހާ ކަމަކީވެސް ރޯދަމަހު ރައްޔިތުން ކުރަން ޖެހޭ ހޭދަތައް ކޫޑަކުރުމަށް ސަރުކާރުން ދޭ ލުއިތަކެކެވެ. އަދި މިއީ މިއިން ޒަމާނަކުވެސް ރޯދަމަހަށް ހާއްސަކޮށް ސަރުކާރަކުން ނުކުރާހާ ބޮޑެތި ޚަރަދުތަކެވެ. މިފަދަ ކަންކަމަކީ، ދައުލަތުގެ ބަޖެޓުގެ ތެރެއިން އޮންނަ އުސޫލުގެ ތެރެއިން ކުރިއަށް ގެންދާ ކަންކަމުގައި ވިއަސް، މިކަންކަމަށް ދުރާލާ މަސައްކަތް މީގެ ކުރިން އެއްވެސް ސަރުކާރެއްގައި ކުރެވިފައި ނުވެއެވެ.