ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ހުރި އިޓަލީގެ ޔަނިކް ސިނާ ލޯރިއަސް ސްޕޯޓްސް އެވޯޑް އަށް ނޮމިނޭޓް ވެފައިވީ ނަމަވެސް އޭނާގެ ނަން އެ އެކަޑަމީ އިން އުނިކޮށްފި އެވެ.
ލޯރިއަސް އެކަޑެމީގެ އަހަރުގެ ކުޅިވަރު ޝަހުސިއްޔަތަށް ނޮމިނޭޓް ވެފައިވާ ސިނާގެ ނަން އުނިކޮށްފައިވަނީ މިދިޔަ އަހަރު ހެދި ދެ ޑޯޕިން ޓެސްޓަކަށް އޭނާ ޕޮޒިޓިވް ވުމައި ގުޅިގެން ދުނިޔޭގެ އެންޓި ޑޯޕިން އެޖެންސީ (ވާޑާ) އިން އެ މައްސަލަ ބަލަން ފަށާފައި ދެ ފަރާތުގެ ދެމެދުގައި ބޭއްވި އަޑުއެހުންތަކަށް ފަހުގަ އެވެ.
ލޯރިއަސް ވޯލްޑް ސްޕޯޓްސް އެވޯޑްސް އަކީ 2000 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އެއް ފަހަރު ދެމުން އަންނަ އެވޯޑެކެވެ. ދުނިޔޭގެ އެކި ގައުމުތަކުގެ މީޑިޔާތަކުން ނޮމިނޭޓް ކުރާ އެތްލޭޓުންގެ ތެރެއިން ވަކިވަކި ކުޅުންތެރިންނާއި ޓީމުތަކުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް އެވޯޑް ވަނީ ދީފަ އެވެ. އަދި މި އަހަރުގެ އެވޯޑް ހަފްލާ އަންނަ މާޗު މަހުގެ 3 ވަނަ ދުވަހު ސްޕެއިންގެ މެޑްރިޑްގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މިދިޔަ މަހު ނިމިގެންދިޔަ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ އުމުރުން 23 އަހަރުގެ ސިނާ ތިން މަސް ދުވަހަށް ސަސްޕެންޑް ކޮށްފައިވަނީ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހުން ފެށިގެންނެވެ. އެހެންކަމުން އޭނާއަށް އަލުން ދެން ކުޅުމުގެ ތެރެއަށް އާދެވޭނީ މެއި މަހުގެ 4 ގެ ފަހުންނެވެ.
ވާޑާ އިން ސިނާގެ މައްސަލަ ބަލަން ފެށުމަށްފަހު ފުރަތަމަ ވަކާލާތު ކުރީ އޭނާ ދެ އަހަރު ދުވަހަށް ސަސްޕެންޑް ކުރުމަށެވެ. ނަމަވެސް ސިނާ ވަނީ އެއީ އޭނާ ގަސްތުގައި ކުރިކަމެއް ނޫން ކަމަށްބުނެފަ އެވެ. އަދި އެންމެ ފުރަތަމަ އޭނާ ހެދި ދެ ޓެސްޓަށް ޕޮޒިޓިވް ވުމާއި ގުޅިގެން ދިން ޕްރޮވިޝަނަލް ސަސްޕެންޝަނަކީވެސް އޭނާ އެ މައްސަލަ ހިނގާފައިވާ ގޮތް ކިޔައިދިނުމުން ދީފައިވާ އަދަބެކެވެ.
ޑޯޕިންގ ގެ ދެ ޓެސްޓަކަށް ޕޮޒިޓިވް ވެފައިވަނިކޮށް ސިނާއަށް މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ދީފައިވާތީ ގިނަ ކުޅުންތެރިންތަކެއް ވަނީ އެކަމާއިމެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ކުރިން ހުރި ސަރބިޔާގެ ނޯވަކް ޖޮކޮވިޗް އެވެ. އޭނާ ބުނެފައިވަނީ ކުޅުންތެރިންގެ މެދުގައި ތަފާތު ކުރުން ގެންގުޅެގެން ނުވާނެ ކަމަށާއި ހުރިހާ ކުޅުންތެރިންނާއިމެދުވެސް އިންސާފުން ހަމަހަމަ އުސޫލަކުން ކަންތައްތައް ކުރަންވާނެ ކަމަށެވެ.