މާލޭގެ ޢިއްޒުއްދިން ފާލަން ހިމެނޭ ސަރަހައްދުގެ މަގު ފުޅާކޮށް، ކޮޅަކަށް ދެ ލޭނު ހިމެނޭހެން އެންމެޒަމާނީ ފެންވަރަށް މިއަހަރު ތަރައްޤީކޮށް ނިންމާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޢިއްޒުއްދީން ފާލަން އަލުން ފަރުމާކޮށް ތަރައްޤީކުރުމަށްފަހު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ދައުރުގެތެރޭގައި މާލެއާއި ވިލިމާލޭގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މާލޭގެ މަގު ހެދުމުގެ މަޝްރޫޢަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މާލޭގެ ޢިއްޒުއްދީން ފާލަން ހިމެނޭ ސަރަހައްދުގެ މަގު ހެދުމުގެ މަސައްކަތް ރަމަޟާން މަސް ނިމޭތަނުން ފަށްޓަވާނެކަމަށެވެ. އެމްޓީސީސީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް އޮތް މަގުގެ ސަރަހައްދު ޗައިނާއިން ކުރިއަށްގެންދާ މަގުހެދުމުގެ މަޝްރޫޢުތެރޭގައި ނުހިމެނޭނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ސަރަހައްދު ތަރައްޤީކުރާނީ ދައުލަތުގެ ބަޖެޓުންކަމަށެވެ. އެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކުރަން ނިންމާފައިވާކަމަށާއި، އެ ސަރަހައްދު ތަރައްްޤީކުރާނީ މޫދުން ބައެއް ހިމެނޭހެން މަގު ފުޅާކުރުމަށްފަހުކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ކޮޅަކަށް ދެ ލޭނު އޮންނަގޮތަށް މޫދުންވެސް ބައެއް ނަގައި ޝީޓުޕައިލްކުރެވި މަގު ފުޅާކުރެވި އަޑީގައި ހުންނަންޖެހޭ ހުރިހާ ނިޒާމެއް ހުންނަގޮތަށް ތަރައްޤީކުރެވި ތާރުއެޅި ރަނގަޅު ފެންވަރަކަށް މަގު ހެދުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ރަމަޟާންމަސް ނިމޭތަނުން ފެށި މިއަހަރު ނިމެންވާއިރަށް އިރާދަކުރެއްވިއްޔާ ނިންމާ ހުޅުވާނަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މާލޭގެ މަގު ހެދުމުގެ މަސައްކަތުގެ އެ ސަރަހައްދު ވަކި މަސައްކަތެއްގެގޮތުގައި އެމްޓީސީސީއާ ހަވާލުކުރަން ނިންމާފައިވާއިރު، މާލެއާއި ވިލިމާލޭގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރާނީ ޗައިނާ ސަރުކާރުގެ ހިލޭއެހީގައިމަަށެވެ. އެގޮތުން މިއަހަރު އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށްޓަވާނެކަމަށާއި، މިހާރު ކުރިއަށްދަނީ މަޝްރޫޢުގެ ފީސިބިލިޓީ ސްޓަޑީގެ މަސައްކަތްކަން ރައީސް ފާހަގަކުރެއްވިއެވެ. އެއަށްފަހު ވީއެންމެ އަވަހަށް ޢަމލީ މަސައްކަތް ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ މާލެއާއި ވިލިމާލޭގެ މަގު ހެދުމުގެ މަޝްރޫޢަށް ބޭނުންވާ ހުރިހާ ފައިސާއެއްވެސް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ.
ރައީސް ވަނީ ބޯހިޔާވަހިކަމަށްފަހު މާލޭގެ ރައްޔިތުންނަށް އެންމެ މުހިންމީ މަގުތަކުގެ މައްސަލަ ޙައްލުވުންކަމަށްވެސް ވިދާޅުވެފައެވެ.
މާލޭގެ މަގު ހެދުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން ނިންމަވާފައިވާއިރު، މާލޭގެ އިންޑަސްޓްރިއަލް ވިލެޖު ސަރަޙައްދުން ފެށިގެން މާލޭގައި ހުންނަ އެމްޓީސީސީ ހެންވޭރު ފެރީ ޓަރމިނަލްއާއި ހަމައަށް ވަނީ ތާރު އަޅާފައެވެ. އެ މަސައްކަތް ކޮށްފައިވަނީވެސް ރައީސުލްޖުމްހޫރިއްޔާ ހައުސިންގ މިނިސްޓަރުކަމުގައި ހުންނެވިއިރުއެވެ.