މިއީ އެއްވެސް ނުފޫޒެއް ނުފޯރުވާ ގެދޮރު ލިބޭނެ މީހުންގެ ލިސްޓެއް ނެރުނު ފުރަތަމަ ފަހަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޢިއްޒުއްދީން ފާލަން އަލުން ފަރުމާކޮށް ތަރައްޤީކުރުމުގެ މަޝްރޫޢު ނިންމައި ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4000 ފްލެޓަށް ޝަރުތުހަމަވާ މީހުންގެ ލިސްޓު މިހާރު ސަރުކާރުން ވަނީ އިއުލާންކުރައްވާފައެވެ. މި ލިސްޓުގައިވާގޮތުން ފޯމު ހުށައަޅާފައިވާ މީހުންގެ ތެރެއިން ޝަރުތު ހަމަވަނީ 1820 މީހުންނެވެ.
ފްލެޓް ލިސްޓާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، މިހާރު ނެރެފައިވާ ފްލެޓު ލިސްޓަކީ މިދިޔަ ސަރުކާރުން އިއުލާންކޮށްފައިވާ ލިސްޓުގައި ހުރި އެކިއެކި މައްސަލަތައް ބަލައި، އޭސީސީއިން ފާހަގަކޮށްފައި ހުރި ކަންކަން އިޞްލާހުކޮށްގެން ނެރުނު ލިސްޓެއްކަމަށެވެ. ރައީސް ވަނީ އެއްވެސް މިންވަރަކަށް ނުފޫޒެއް ފޯރުވުމެއް ނެތި ނެރެފައިވާ ފުރަތަމަ ލިސްޓަކަށް އެ ފްލެޓު ލިސްޓުވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ. ރައީސް ވިދާޅުވީ، އެ ލިސްޓަށް އެއްވެސް މީހެއްގެ ޒައްރެއްގެ މިންވަރުގެ ނުފޫޒެއްވެސް ފޯރުވާފައި ނުވާނެކަށެވެ.
"އެންމެ ބޮޑު ޔަޤީންކަމަކީ މި ލިސްޓު ހެދުމުގައި ޒައްރެއްގެ މިންވަރުވެސް ނުފޫޒެއް ފޯރުވާފައި އެއްވެސް ފަރާތަކުން ނުވާނެކަން. މިއީ ނުފޫޒުން އެއްކިބާވެގެން ނެރެފައިވާ ލިސްޓެއް. މިއީ ރާއްޖޭގައި އަޅުގަނޑު ހިތުން އަޅުގަނޑަށް ހަމަ ޔަޤީނުންވެސް ގެދޮރުވެރިކަމުގެ ދާއިރާއިން އެކި ކަންތައްތަކުގެ މައުލޫމާތު އިނގެންފެށި ހިސާބުން އަދި އެކިއެކި ހައިސިއްޔަތުތަކުން އެންމެ ޖޫނިއަރ ލެވެލުން ފެށިގެން ސަރުކާރުގެ ކަމާބެހޭ ދާއިރާގައި އުޅެންފެށި ހިސާބުން ބެލިއަސް ނުފޫޒެއް ނުފޯރުވާ ހައުސިން، ގެދޮރު ލިބޭނެ މީހުންގެ ލިސްޓެއް ނުކުތް ފުރަތަމަ ފަހަރު. ނުފޫޒެއް ނޯންނާނެ މި ލިސްޓަކު". ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ފްލެޓު ލިސްޓު ނެރުނުއިރު އުނިވި މީހުން އުނިވެފައިވަނީ ކީތްވެގެންކަން ވަރަށް ސާފުކޮށް އެނގެން އޮންނާނެކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ އެއްވެސް ރައްޔިތަކަށް ލިބިފައި އޮތް ގޯއްޗެއް، ފްލެޓެއް އަތުނުލާނެކަމަކީ އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދެއްކަމަށެވެ. އެދުވަހުވެސް، މިއަދުވެސް އަދި މާދަމާވެސް ހުންނަވާނީ އެ ވައުދުގެ މަތީގައިކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވިއެވެ.