ޚަބަރު

ސަރުކާރުން ކުރައްވާ މަސައްކަތުން ކިޑްނީ ބަލި މީހުންގެ ތަކުލީފުތަކަށް ދަނީ ލުއި ލިބެމުން: މެޑަމް ސާޖިދާ


  • ސަރުކާރުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑައިލެސިސްގެ ޚިދުމަތް ފުޅާކުރަމުން

ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޑައިލިސިސްގެ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތާއިއެކު ބަލިމީހާ އުފުލަންޖެހޭ އެތައް ތަކުލީފުތަކަކަށް ނިމުން އަންނަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ހއ. އިހަވަންދޫ "އާމިނާދިޔޯ" ސިއްހީ މަރުކަޒުގައި ޑައިލިސިސްގެ ޚިދުމަތް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވީ، ޑައިލިސިސްގެ ޚިދުމަތަކީ ފުރާނައާއި ގުޅިފައިވާ ފަރުވާއެއްކަމަށެވެ. އަދި އެއީ ކަނޑައެޅިފައި އޮންނަ ވަކި ތަރުތީބަކުން ކުރަންޖެހޭ ކަމެއްކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ޚިދުމަތް ހޯދުމަކީ ހަރަދު ބޮޑު ފަރުވާއެއްކަމަށާއި، ދިގުދެމިގެންދާ ފަރުވާއެއްކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި މިފަދަ ޚިދުމަތެއް ހޯދުމަށް މާލެ އަންނަން ޖެހުމަކީ ބަލިމީހާއަށް ނުއުފުލޭވަރުގެ ބުރައަކަށްވާނެކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

"އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން މިހާރު މި ފަހިކޮށްދެއްވި ފުރުސަތުގެ ސަބަބުން އިރާދަކުރެއްވިއްޔާ މިފަދަ އެތައް އުދާސްތަކަކުން ބަލިމީހާ މިންޖުވާނެ. ޚިދުމަތުގެ މަގު ކުރުވާނެ. އަވަސްވާނެ". މެޑަމް ސާޖިދާ ވިދާޅުވިއެވެ.

މެޑަމް ސާޖިދާ ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ކިޑްނީގެ ބަލި ތަހައްމަލްކުރާ މީހުންގެ އިހްސާސްތައް ދެނެގަންނަންޖެހޭކަމަށެވެ. އަދި އެމީހުންނަށް އެންމެންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭންޖެހޭކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.