ޚަބަރު

ނިއުކާސަލް ބަލިކޮށް ލިވަޕޫލަށް 13 ޕޮއިންޓުގެ ލީޑެއް


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވެ ތާވަލުގެ ކުރީގައި 13 ޕޮއިންޓުގެ ލީޑެއް ހޯދައިފި އެވެ.

މި މެޗުން ލިވަޕޫލް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ މިހާތަނަށް ކުޅުނު 28 މެޗުން 67 ޕޮއިންޓު ލިބިފަ އެވެ. ދެވަނައިގައި އޮތް އާސެނަލް އަށް 27 މެޗުން 54 ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި އޮތް ނޮޓިންހަމް އަށް ލިބިފައިވަނީ 48 ޕޮއިންޓެވެ. ފާއިތުވެދިޔަ ހަތަރު ސީޒަނުގައި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ މެންޗެސްޓަރ ސިޓީ އަށް ލިބިފައިވަނީ 47 ޕޮއިންޓެވެ.

ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މި މެޗުގެ 11 ވަނަ މިނިޓުގައި އެ ޓީމުގެ މިޑްފީލްޑަރ ޑޮމިނިކް ސޮބޮލޒްލާއީ ވަނީ ލަނޑެއް ޖަހާ ލިވަޕޫލް އަށް ކުރި ހޯދަދީފަ އެވެ.

ލިވަޕޫލްގެ ކޯޗު އާން ސްލޮޓް އަށް ދެއްކި ރަތް ކާޑާއެކު އޭނާ ދެ މެޗަށް ސަސްޕެންޑް ކުރުމާއިއެކު މި މެޗުގައި އޭނާއަށް ޓީމުގެ ބެންޗަށްވަނީ ދެވޭ ގޮތް ނުވެފަ އެވެ. އަދި ސަޕޯޓަރުންގެ ސްޓޭންޑްއިން ސްލޮޓް މެޗު ބަލަމުންދިޔަ މި މެޗުގައި އެ ޓީމުން ޖެހި ދެވަނަ ލަނޑު މެޗުގެ 63 ވަނަ މިނިޓުގައި މުހައްމަދު ސަލާ ދިން ބޯޅައަކުން ކާމިޔާބު ކޮށްދީފައިވަނީ އެލެކްސިސް މެކަލިސްޓާ އެވެ.

ނިއުކާސަލް އަށް މި ސީޒަނުގައި އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ފޯވަޑް އެލެކްޒެންޑަރ އިސާކް އަށް ލިބިފައިވާ އަނިޔާގެ ސަބަބުން މި މެޗުގައި އޭނާއަށް ވަނީ ކުޅެވޭ ގޮތް ނުވެފަ އެވެ. އަދި އޭނާ ނެތްތަން މި މެޗުގައި ވަރަށް ބޮޑަށް ވަނީ ފެނިގެންގޮސްފަ އެވެ.

މި މެޗުން ނިއުކާސަލް ޔުނައިޓެޑް ބަލިވިއިރު އެ ޓީމު އޮތީ 27 މެޗުން ލިބިފައިވާ 44 ޕޮއިންޓާއެކު ތާލުގެ ހަވަނައިގަ އެވެ.

މި މެޗުގައި ލިވަޕޫލް އަށް ވަނީ ލަނޑު ޖަހާނެ އިތުރު ފުރުސަތުތަކެއް ލިބިފަ އެވެ. އެ ގޮތުން ސޮބޮޒްލާއީގެ އިތުރުން ފޯވަޑް މުހައްމަދު ސަލާއަށްވެސް ވަނީ ފުރުސަތުތަކެއް ލިބި އޭގެ ބޭނުން ފުރިހަމަ ގޮތުގައި ހިފޭގޮތް ނުވެފަ އެވެ.

ޕްރިމިއާ ލީގުގައި މި ސީޒަނުގައި ބާކީ 10 މެޗު ލިވަޕޫލް އަށް ކުޅެން ޖެހިފައިވާއިރު އޭގެ ތެރެއިން ހަ މެޗު އޮންނާނީ އެންފީލްޑްގަ އެވެ. އަދި މިހާރު އެ ޓީމުން ހޯދާފައިވާ ޕޮއިންޓަށް ބަލާއިރު ކުރިއަށް ހުރި މެޗުތަކާއިއެކު މި ސީޒަނުގައި ލީގުގެ ޗެމްޕިއަންކަން ލިވަޕޫލް ހޯދާނެ ކަމަށް ގިނަ ބަޔަކުވަނީ ބުނެފަ އެވެ.

ނިއު ކާސަލް އާއި ދެކޮޅަށް މި ސީޒަނުގައި ލިވަޕޫލް ދެން ކުޅޭނީ އަންނަ މާޗު މަހުގެ 16 ވަނަ ދުވަހު ކަރަބާއޯ ކަޕްގެ ފައިނަލުގައި ވެމްބްލީ ސްޓޭޑިއަމްގަ އެވެ.