އިޓާލިއަން ކަޕްގެ ކުއާޓަރ ފައިނަލުގައި ރޭ ޔުވެންޓަސް އާއި ދެކޮޅަށް އެމްޕޯލީ ކުޅުނު މެޗުގެ އެއްވަރުވެ ޕެނަލްޓީ ޖަހައިގެން އެމްޕޯލީ މޮޅުވެ މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ފުރަތަމަ ފަހަރަށް އެމްޕޯލީ އިން ހޯދައިފި އެވެ.
ޔުވެންޓަސްގެ އެލިއަންޒް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވާތީ މެޗުގެ ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެން 4-2 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާ މި މެޗުގެ 24 ވަނަ މިނިޓުގައި އެމްޕޯލީގެ ޔޫސުފް މަލޭ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރިހޯދަދީފަ އެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިއިރު 1-0 ގެ ނަތީޖާއަކުން އެމްޕޯލީ ކުރީގައި އޮތުމާއެކު ޔުވެންޓަސްގެ ކޯޗު ތިއާގޯ މޯޓާ ވަނީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް ޓީމަށް ބަދަލުތަކެއް ގެނެސްފަ އެވެ.
އަދި މި ބަދަލުތަކާއިއެކު އެ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަ ވެފައިވާއިރު ޔުވެންޓަސް އިން މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 66 ވަނަ މިނިޓުގައި ކެފަރެން ތުރާމް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައިވާތީ ޕެނަލްޓީ ޖަހައިގެން މެޗުގެ ނަތީޖާ ނެރުނުއިރު ޔުވެންޓަސް އިން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ވަނީ ނާކާމިޔާބު ވެފަ އެވެ. ނަމަވެސް އެމްޕޯލީ އިން ޖެހި ހަތަރު ޕެނަލްޓީވެސް އެ ޓީމުން ވަނީ ކާމިޔާބުކޮށްފަ އެވެ.
ސެރިއާގެ ރެލިގޭޝަނުގެ ޒޯނުގައި މިވަގުތު އޮތް އެމްޕޯލީ އަތުން ބަލިވި މެޗަށްފަހު ކޯޗު ތިއާގޯ މޯޓާ ބުނެފައިވަނީ މިއީ އޭނާ އަށް ލަދުވެތި ނަތީޖާއެއް ކަމަށާއި އަދި މިއީ ކުޅުންތެރިންނަށްވެސް އެފަދަ ގޮތަކަށް ވިސްނޭނެ ނަތީޖާއެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.
މި މުބާރާތުގެ ސެމީ ފައިނަލުގައި އެމްޕޯލީގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ނިކުންނާނީ ބޮލޯނާ އާއި ދެކޮޅަށް އަންނަ އެޕްރިލް މަހުގެ 3 ވަނަ ދުވަހު އެވެ. އަދި ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ އިންޓަރ މިލާނާއި އޭސީ މިލާނެވެ.