ޚަބަރު

ބީއެމްއެލްއިން ކުޅުދުއްފުށި ސިޓީގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށައިފި


  • އެ ސިޓީގައި މިހާރު ދެ ސަރަހައްދެއްގައި 4 އޭޓީއެމް ބަހައްޓައިގެން ޚިދުމަތްދޭ

  • ބީއެމްއެލްއިން ވިދާޅުވީ މިކަމުގެ ސަބަބުން އެ ސިޓީގެ ވިޔަފާރިތަކަށް ކުރިއެރުން ލިބޭނެ ކަމަށް

ކުޅުދުއްފުށި ސިޓީގައި ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އޭޓީއެމްއެއް ބަހައްޓައި ޚިދުމަތް ދޭން ފަށައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ވިދާޅުވީ މިއީ އެ ބޭންކުގެ ޑޮލަރު އޭޓީއެމްގެ ވިއުގަ ފުޅާކުރުމުގެ މަސައްކަތުގެ ދަށުން ބެހެއްޓި އޭޓީއެމްއެއްކަމަށެވެ.

ކުޅުދުއްފުށީގައި ބެހެއްޓި މި އޭޓީއެމް ރަސްމީކޮށް ހުޅުވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހިމްއެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކުޅުދުއްފުށީގައި ޑޮލަރު އޭޓީއެމްއެއް ބަހައްޓާފައިވާއިރު އެ ސިޓީގެ ދެ ސަރަހައްދެއްގައި ހުރި ބީއެމްއެލްގެ ހަތަރު އޭޓީއެމްއަކުން މިހާރުވެސް އަންނަނީ ޚިދުމަތް ދެމުންނެވެ. ބީއެމްއެލްއިން ވިދާޅުވީ ކުޅުދުއްފުށި ސިޓީގައި ޤާއިމްކުރެވުނު ޑޮލަރު އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު ބޭރު ފައިސާގެ މުޢާމަލާތްތައް ކުރެވޭނެއެވެ. އަދި ސިޓީގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ބޭންކުގެ ރަސްމީ ގަޑީގެ ބޭރުންވެސް ޑޮލަރު ޖަމާކުރުމާއި ނެގުމުގެ އިތުރުން އެހެނިހެން ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތްތައް މި އޭޓީއެމްއިން ލިބޭނެކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.

މި ރަސްމިއްޔާތުގައި ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ވިދާޅުވީ ކުޅުދުއްފުއްޓަކީ ރާއްޖޭގެ އުތުރުގައި އޮތް އެންމެ އެއް ވިޔަފާރި މަރުކަޒުކަމަށާއި، ޑޮލަރު އޭޓީއެމްއެއް އެ ސިޓީގައި ބެހެއްޓިގެންދިއުމަކީ ގިނަ ބަޔަކަށް އޭގެ ފައިދާ ލިިބިގެންދާނެކަމެއްކަމަށެވެ. ވަޒީރު ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކި މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފަސޭހަ އިންތިޒާމްތައް ހަމަޖައްސައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސިޔާސަތެއްކަމަށެވެ. އަދި ކުޅުދުއްފުށި ސިޓީގައި ޑޮލަރު އޭޓީއެމްއެއް ހުޅުވިގެންދިއުމަކީ އެކަމުގެ ހެއްކެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

އޭޓީއެމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ބީއެމްއެލްއަކީ ހުރިހާ ދިވެހިންގެ ބޭންކު ކަމަށާއި، އެ ބޭންކުން ތަޢާރަފުކުރާ ކޮންމެ ޚިދުމަތްތަކާއި، ގެންނަ ކޮންމެ ބަދަލަކީ އެއް މަޤްޞަދަކަށްޓަކައި ކުރާ މަސައްކަތްތަކެއްކަމަށެވެ،

ކުޅުދުއްފުށި ސިޓީގައި ޑޮލަރު އޭޓީއެމްއެއް ބަހައްޓާފައިވާއިރު، އެ ސަރަހައްދުގެ ފަތުރުވެރިކަން ތަރައްޤީކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހަނިމާދޫ އެއަރޕޯޓު ތަރައްޤީވެގެންދިއުމާއެކު އެ ސަރަހައްދުގެ ފަތުވެރިކަން ވަރަށް ބޮޑަށް ކުރިއަރައިގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.

ބީއެމްއެލްގެ ޚިދުމަތްތައް ފުޅާކުރަމުގެ މަސައްކަތުގެ ދަށޫން އައްޑޫގައިވެސް ވަނީ ޑޮލަރު އޭޓީއެމްއެއް ބަހައްޓާފައެވެ. މީގެ އިތުރުން މާފުށީގައި މިދިޔަ އަހަރު ޑޮލަރު އޭޓީއެމްއެއް ބަހައްޓާފައިވާއިރު، މި ރަށްރަށުގެ އިތުރުން ޑޮލަރު އޭޓީއެމް ބަހައްޓާފައިވަނީ މާލެ، ހުޅުމާލެ އަދި ވެލާނާ އެއަރޕޯޓުގައެވެ. އަދި މި ޚިދުމަތާއެކު ބީއެމްއެލްއިން ދެމުންދާ ޚިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެކަމަށް އެ ބޭންކުން ވިދާޅުވެއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އޭޓީއެމްގެ ވިއުގަ ފުޅާކުރުމުގެ މަސައްކަތުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްއެއް ބެހެއްޓުމުގެ މަސައްކަތް އެ ބޭންކުން މިހާރު ދަނީ ކުރަމުންނެވެ. މިމަސައްކަތުގެ ދަށުން މި ހަފްތާގައި މުޅި ދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަނީ އޭޓީއެމް ބަހައްޓާ ނިންމާފައެވެ.