މިއަހަރުގެ ރަމަޟާން މަހުގެ ކަރަންޓު ބިލުން ކޮންމެ ގޭބީސީއަކަށް މަދުވެގެން %10އާ ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ. ސްޓެލްކޯއިން ވަނީ ރަމަޟާން މަހަށް ވަމުންދާ ތައްޔާރީތަކާއި ބިލުތަކަށް ޑިސްކައުންޓު ދިނުމުގައި އަމަލުކުރާނެގޮތުގެ މައުލޫމާތު ނޫސްވެރިންނާ ހިއްސާކުރައްވާފައެވެ.
ކުރިއަށް އޮތް ރަމަޟާންމަހުވެސް ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިއުލާންކުރެއްވީ މިމަހުގެ 23 ވަނަ ދުވަހު ދ.ކުޑަހުވަދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ކަރަންޓް ބިލުން ޑިސްކައުންޓް ދޭނެގޮތާއި ގުޅޭގޮތުން މީޑިއާއަށް މައުލޫމާތުދެއްވަމުން ސްޓެލްކޯއިން ވިދާޅުވީ، މިދިޔަ ރަމަޟާންމަހުވެސް ދިމާވި އެންމެ ބޮޑު އެއް ދައްޗަކީ ރަމަޟާންމަހުގެ ޑިސްކައުންޓް 2 މަހެއްގެ ބިލްގައި ހިމަނަން ޖެހުމުންކަމަށެވެ. އެހެންކަމުން މިކަން ހައްލުކުރުމަށްޓަކައި މިއަހަރު ރަމަޟާންމަހަށް ތައްޔާރުކުރާނީ 1 ބިލްކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.
ރަމަޟާންމަހުގެ ބިލް ތައްޔާރުކުރުމަށްޓަކައި މާދަމާ ސްޓެލްކޯގެ ޓީމްތައް ހަރަކާތްތެރިވާނެކަމަށް އެ ކުންފުނިން ވިދާޅުވިއެވެ. މާދަމާ ރީޑިންގ ނެގުމަށްފަހު ދެން ރީޑިންގ ނަގާނީ ރަމަޟާންމަސް ނިމުމުން މާރޗް މަހުގެ 30 ވަނަ ދުވަހުއެވެ.
ސްޓެލްކޯއިން ވިދާޅުވީ، 1 ދުވަހުން ރާއްޖޭގެ ހުރިހައި ސަރަހައްދެއްގައި ރީޑިންގ ނަގައި ނިންމާލާނެކަމަށެވެ. މާދަމާ މާލެ ސަރަހައްދުގައި ކަރަންޓް މީޓަރުގެ ރީޑިންގ ނެގުމަށްޓަކައި ސްޓެލްކޯގެ 350 މުވައްޒަފުން ހަރަކާތްތެރިވާނެކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
ސްޓެލްކޯއިން ވިދާޅުވީ، އެ ކުންފުނިން ބޭނުންވަނީ ރަމަޟާންމަހުގެ ކަރަންޓް ޑިސްކައުންޓް ހުރިހައި ގޭބީސީތަކަށްބެސް ލިބުން ކަމަށެވެ. އަދި މާދަމާ ރީޑިންގ ނަގާއިރު މިކަމުގައި ހުރިހައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ގޭގައި ގިނަވަގުތު ނޫޅޭ ފަރާތްތަކުންވެސް ގޭގައި އުޅޭނެ ވަގުތު ސްޓެލްކޯއަށް އަންގާލުމުން އެ ކުންފުނިން އެ ވަގުތުގައި ރީޑިންގ ނަގަންދާނެކަމަށް ވިދާޅުވިއެވެ.
ސްޓެލްކޯއިން ވިދާޅުވީ، ޑިސްކައުންޓު ދިނުމުގައި އަމަލުކުރާނީ މިދިޔަ އަހަރެކޭވެސް އެއްގޮތަށް ކަމަށެވެ. ހުރިހައި ގޭބީސީއަކަށްވެސް އެންމެ މަދުވެގެން %10އާ ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށާއި ޑިސްކައުންޓު ދޭނީ ފާއިތުވި 1 އަހަރު ދުވަހު ކަރަންޓު ބޭނުންކޮށްފައިވާ އެވްރެޖަށް ބަލައި އިތުރުވާ ބަޔަށްކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.
ރޯދަ މަހު ބޭނުން ކުރާ ފެނާއި ކަރަންޓަށް އާންމު މަސްތަކަށްވުރެ ބިލް ބޮޑުނުވާނެހެން ބިލަށް ޑިސްކައުންޓު ދިނުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ރޯދަމަހު ނިންމެވިއެވެ. މިއީ ރަމަޟާން މަހެއްގައި މިގޮތަށް ހުރިހާ ރައްޔިތުންނަށް ބިލުތަކުން ޑިސްކައުންޓު ދިން ފުރަތަމަ ފަހަރެވެ.
މިދިޔަ ރަމަޟާން މަހު ސަރުކާރުން ވަނީ ފެން ބިލާއި ކަރަންޓް ބިލުތަކަށް 142 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދެއްވާފައެވެ.