ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ޓެކްސީތައް އިތުރުކޮށް ޗަރޖިން ސްޓޭޝަންތައް ޤާއިމުކުރުމަށް 6 މިލިޔަން ރުފިޔާގެ އެހީއެއް ދީފިއެވެ.
މި އެހީއާއި ގުޅޭ އެއްބަސްވުމުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއާއި ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާއާ ދެމެދު ވަނީ މިއަދު ސޮއިކޮށްފައެވެ.
'އިންޓަގްރޭޓަޑް، ސަސްޓެއިނަބަލް އެންޑް ލޯ އެމިޝަން ޓްރާންސްޕޯޓް އިން ދަ މޯލްޑިވްސް' މަޝްރޫއު އަކީ ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި ޓްރާންސްޕޯޓް ސިސްޓަމްތައް ޤާއިމުކުރުމަށްޓަކައި ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖެފް)ގެ ހިލޭ އެހީއާއިއެކު ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާއިން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން ދީފައިވާ އެހީއަކީ އިލެކްޓްރިކް ޓެކްސީތައް ގަތުމަށާއި ޗަރޖިން ސްޓޭޝަންތަަކަށް ބޭނުންވާ ތަކެތި ގަތުމަށް ދީފައިވާ މާލީ އެހީއެކެވެ.
މާލީ އެހީގެ އެއްބަސްވުމުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު މުޙައްމަދު އަމީނެވެ. ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޠާރިޤު އިބްރާހީމެވެ.
މި އެހީއާ ގުޅޭގޮތުން ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޠާރިޤު އިބްރާހީމު ވިދާޅުވީ މި އިލެކްޓްރިކް ޓެކްސީތައް ރާއްޖޭގައި އިތުރުވެގެން ދިޔުމަކީ ރާއްޖޭގެ ކުރިމަގަށް މުހިއްމު ކަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ވައި ތަޢައްޔަރުވުންވެސް ކުޑަކުރެވިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"މިއީ ގްރޭޓަރ މާލެ އޭރިއާއަށް ވަރަށް މުހިއްމު ކަމެއް ކަމެއް، އިތުރު ސްޓަޑީތައްވެސް ހަދަމުން މިދަނީ، އިތުރު މަސައްކަތްތައް ފެށިގެންދާނެ،" ވަޒީރު ތާރިޤު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ވައިގެ ކޮލިޓީ ބެލުމަށްޓަކައިވެސް އެވުޒާރާއިން ދަނީ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އެގޮތުން އެކަމާއި ގުޅޭ ސާމާނުތައް މާލެ ސަރަހައްދުގައި ހަރުކުރުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.
ތިމާވެއްޓާއި ރައްޓެހި ޓެކްސީގެ ޚިދުމަތް ފެށުމަށް މިމަހުގެތެރޭގައި ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. ސޮއުކުރުމުގެ ރަސްމިއްޔާތުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީނު ވިދާޅުވީ ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާގައި ގިނަ ގޮންޖެހުންތަކެއް އެބަހުރިކަމަށެވެ. އަދި މިކަންކަމަށް ހައްލުތައް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި އިލެކްޓްރިކް ވެހިކަލްތައް މާލެ ސަރަހައްދުގައި އިތުރުކުރުމަށް ހާއްސަ އިސްކަމެއްދެއްވާ ކަމަށެވެ.
"މިއީ ރައްޔިތުންނަށް ވަރަށް ގިނަ ފަސޭހަތެކެއް ލިބިގެންދާނެ ކަމެއް، މާހަައުލަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެ، ވެހިކަލްތަކުގެ އަދަދުވެސް މަދުވެގެންދާނެ ކަމަށް މިހާތަނަށް ހެދި އެސެސްމަންޓުތަކުން ދައްކަނީ،" ވަޒީރު އަމީން ވިދާޅުވިއެވެ.
ޓެކްސީގެ ޚިދުމަތަކީ ވަރަށް އަސާސީ މުހިންމު ޚިދުމަތަކަށްވާއިރު، މިވަގުތު ޓެކްސީތައް ޒިންމާދާރުކުރުވޭނެ އެއްވެސް ގޮތެއް ނެތްކަން ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. ނަތީޖާއެއްގެ ގޮތުން ރައްޔިތުންނަށް ހުރިހާ ވަގުތެއްގައި ހުރިހާ ތަނަކަށް ދެވޭނެ ފަދަ ފަސޭހަ ގޮތަކަށް ޚިދުމަތް ބައްޓަންވެފައި ނެތެވެ. އެހެންކަމުން ޓެކްސީގެ މި މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން "މާލެ ފަހި" މަޝްރޫޢުގެ ދަށުން މާލެ ސަރަހައްދުގައި ރައްޔިތުންނަށް އެކަށީގެންވާ ރަނގަޅު އިންތިޒާމެއްގެ ދަށުން ޓެކްސީގެ ޚިދުމަތް ދިނުމަށް ސަރުކަރުން ނިންމެވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. މިގޮތުން ޓެކްސީ ލައިނަކީ ފްރީލާންސް އުސޫލުން ޚާއްސަ އެޕްލިކޭޝަނެއް މެދުވެރިކޮށް ކޮންޓްރޯލްކޮށްގެންދޭ ޚިދުމަތެއްކަމަށް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.