ޚަބަރު

ސައުތެމްޓަން ބަލިކޮށް ޗެލްސީ ހަތަރުވަނައަށް


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސައުތެމްޓަން އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ތާވަލުގެ ހަތަރުވަނަ މަގާމް ހޯދައިފި އެވެ.

ލަންޑަނުގެ ސްޓެމްފަޑް ބްރިޖްގައި ކުޅުނު މި މެޗުން ޗެލްސީ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 27 މެޗުން 46 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނަ މަގާމް ލިބިފަ އެވެ. ސައުތެމްޓަން އަށް 27 މެޗުން ލިބިފައިވާ 9 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ފުލުގަ އެވެ. މީގެ ކުރިން ޕްރިމިއާ ލީގުގެ އެއްވެސް ޓީމަކަށް މިހާ މަދުން ޕޮއިންޓް ލިބިފައެއް ނުވެއެވެ.

ޗެލްސީން އެންމެ ފަހުން ކުޅުނު ތިން މެޗުންވެސް ބަލިވެފައިވާއިރު މި މެޗަށް ނިކުތްއިރު ޓީމުގެ ކޯޗު އެންޒޯ މަރެސްކާއަށް އޮތީ މި މެޗުން ތިން ޕޮއިންޓު ހޯދުން ނޫން ގޮތެއް ނެތިފަ އެވެ. އެންމެ ފަހުން ޗެލްސީ ހުރިހާ މުބާރާތެއްގައި ކުޅުނު 12 މެޗުގެ ތެރެއިން އެ ޓީމު މޮޅުވެފައިވަނީ އެންމެ ތިން މެޗުންނެވެ.

މި މެޗު ފަށައިގެން ޗެލްސީން ވަނީ ރަގަޅު ކުޅުމެއް ދައްކާ އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ. އެގޮތުން އެ ޓީމުގެ ފޯވަޑް ކްރިސްޓޮފާ އެންކުންކޫ އަށް ލިބުނު ހުސް ދެ ފުރުސަތުގައިވެސް ސައުތެމްޓަންގެ ކީޕަރު އާރޮން ރަމްސްޑޭލް ވަނީ އެ ހަމަލަތައް ދިފާއުކޮށްފަ އެވެ.

ޗެލްސީން މި މެޗުގައި ލީޑު ނަގާފައިވަނީ މެޗުގެ 24 ވަނަ މިނިޓުގައި ކްރިސްޓޮފާ އެންކުންކޫ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި 12 މިނިޓު ފަހުން ޕެޑްރޯ ނެޓޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ޗެލްސީން ވަނީ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ. މި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ލެވީ ކޮލްވިލް އެވެ.

ޗެލްސީ އިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑު ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ތާރިޖް ޖޯޖް ނަގައިދިން ހުރަހަކުން ކާމިޔާބުކޮށްފައިވަނީ މާކް ކުކުރެޔާ އެވެ.

މި މެޗުގައި ޗެލްސީގެ ކޯލާ ޕާމާއަށް ލަނޑު ޖަހަން ރަގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އޭނާގެ ނަން ސްކޯޝީޓަށް އެރުވޭ ގޮތްވަނީ ނުވެފަ އެވެ.

ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ މި މެޗުގައި ޗެލްސީގެ ޒުވާން ދެ ކުޅުންތެރިން ކަމުގައިވާ 19 އަހަރުގެ މެތިސް އަމޯގޯ އާއި 17 އަހަރުގެ ޝުމެއިރާ މިހެއުކާ އަށް ޕްރިމިއާ ލީގުގައި ފުރަތަމަ ފަހަރަށް ކުޅުމުގެ ފުރުސަތު ދީފަ އެވެ.