ސްޕެނިޝް ކަޕުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 4-4 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެއްޖެއެވެ.
ބާސެލޯނާގެ ދަނޑުގައި ސާޅީސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ މިނިޓުގައި އެތްލެޓިކޯ މެޑްރިޑްގެ ޖޫލިއަން އަލްވަރޭޒް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
އަދި އޭގެ ފަސް މިނިޓު ފަހުން ބާސެލޯނާގެ ކުރީގެ ފޯވަޑް އެންޓޮއިން ގްރީޒްމަން ވަނީ ޖޫލިއަން އަލްވަރޭޒް ދިން ބޯޅައަކުން އިތުރު ލަނޑެއް އެތްލެޓިކޯ މެޑްރިޑަށް ކާމިޔާބުކޮށްދީ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
އެތްލެޓިކޯ މެޑްރިޑް އިން ދެ ލަނޑުގެ ލީޑެއް ހޯދި ނަމަވެސް ބާސެލޯނާއިން ވަނީ އެ ޓީމުގެ ކުޅުން ރަގަޅުކޮށް މެޗުގެ ކޮންޓްރޯލް ހޯދާފަ އެވެ. އަދި މެޗުގެ 19 ވަނަ މިނިޓުގައި ޕެޑްރީ ވަނީ ލަނޑެއް ޖަހާ އިދިކޮޅު ޓީމުގެ ގޯލު ހުޅުވާލާފަ އެވެ.
އަދި އޭގެ ތިން މިނިޓު ފަހުން ޕައު ކުބާސީ ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑާއެކު މެޗުގެ ނަތީޖާ ވަނީ އެއްވަރުވެފަ އެވެ.
މި މެޗުގައި ބާސެލޯނާ އިން ފުރަތަމަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް އިނީގޯ މާޓިނޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިއިރު 3-2 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮތްއިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައިވެސް ރަގަޅު ކުޅުމެއް ދައްކާފަ އެވެ. އަދި މެޗުގެ 74 ވަނަ މިނިޓުގައި ރޮބަޓް ލެވަންޑޯސްކީ ކާމިޔާބުކޮށްދިން ލަނޑާއެކު މި މެޗުން ބާސެލޯނާ މޮޅުވާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރި އެވެ.
ނަމަވެސް ޑިއެގޯ ސިމިއޯނީގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ އެތްލެޓިކޯ އިން އިތުރު ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައިވަނިކޮށް މާކޮސް ލޮރެންޓޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެލެކްޒެންޑަރ ސޯލޮތް ވަނީ މެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނިޓުގައި އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 4-4 އަށް ބަދަލުކޮށްފަ އެވެ.