ޚަބަރު

ޓޮޓްނަމް މެޗަށް ހާލަންޑް ފިޓުވޭތޯ މަސައްކަތް ކުރަނީ


އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ޓޮޓްނަމް ހޮޓްސްޕަރ އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅޭ މެޗަށް އެ ޓީމުގެ ފޯވަޑް އާލިން ހާލަންޑް ފިޓްވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ކޯޗު ޕެޕް ގަޑިއޯލާ ބުނެފި އެވެ.

އަނިޔާގެ މައްސަލަތައް އިންތިހާއަށް ބޮޑުވެފައިވާ މެންޗެސްޓަރ ސިޓީގެ ފޯވަޑަށް އަނިޔާ ވެފައިވަނީ ޕްރިމިއާ ލީގުގައި މި މަހުގެ 15 ވަނަ ދުވަހު ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުގަ އެވެ. މި މެޗުން ސިޓީ ވަނީ 4-0 ގެ ނަތީޖާއަކުން މޮޅުވެފަ އެވެ.

މި ސީޒަނުގައި ހުރިހާ މުބާރާތެއްގައި މިހާތަނަށް 27 ލަނޑު ޖަހާފައިވާ ހާލަންޑް އަށް ލިބިފައިވާ އަނިޔާގެ ސަބަބުން އެ ޓީމު އެންމެ ފަހުން ލީގުގައި ލިވަޕޫލް އާއި ދެކޮޅަށް ކުޅެ 2-0 ގެ ނަތީޖާއަކުން ބަލިވި މެޗުގައި އޭނާ ހިމަނާފައެއް ނުވެއެވެ.

ފާއިތުވެދިޔަ ހަތަރު ސީޒަނުގައިވެސް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ ސިޓީ އަށް މި ސީޒަނުގައި އެދެވޭ ނަތީޖާތަކެއް ހޯދިފައިނުވާއިރު ކްލަބަށް ކުރިމަތިވެފައިވާ އަނިޔާގެ މައްސަލަތަކުން އަރައިގަތުމަށްޓަކައި ކޯޗު ގަޑިއޯލާ ވަނީ ނިމިދިޔަ ޖެނުއަރީ ޓްރާންސްފާ ވިންޑޯގައި ގިނަ ކުޅުންތެރިންތަކެއް ހޯދާފަ އެވެ.

މިދިޔަ ޖެނުއަރީ މަހު 224 މިލިއަން އެމެރިކާ ޑޮލަރު ހަރަދުކުރި ސިޓީ އިން ވަނީ މިސްރުގެ އުމަރު މަރްމޫޝް އާއި ނިކޯ ގޮންޒާލޭޒް އާއި އަބްދުކާދިރު ކުސަނޯވް އާއި ބްރެޒިލްގެ ވިޓޯ ރެއިސްގެ އިތުރުން ޖުމާ ބާ އެކްލަބަށް ގެންގޮސްފަ އެވެ.

ސިޓީ އާއި އަލަށް ގުޅުނު ކުޅުންތެރިންގެ ފަރާތުން އަދި މާބޮޑު ތަފާތުތަކެއް ފެނިގެންނުދިޔަ ނަމަވެސް ގަޑިއޯލާ ބުނެފައިވަނީ ސިޓީ އަލުން ބިނާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަދި އެއީ އޭނާއަށް އެހާ އުނދަގޫ ކަމަކަށް ނުވާނެ ކަމަށެވެ. އަދި އެފަދަ ބަދަލުތަކެއް ފާއިތުވެދިޔަ ނުވަ އަހަރުގެ ތެރޭގައި އެ ކްލަބަށް ގެނެސްފައިވާކަމަށްވެސް ގަޑިއޯލާ ވަނީ ބުނެފަ އެވެ.