ޚަބަރު

ސްކޮޑް ފައިނަލްކުރުމުގެ ކުރިން ޓުޗެލް ބެން ވައިޓާ ބައްދަލުކޮށްފި


އިނގިރޭސި ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑް ފައިނަލް ކުރުމުގެ ކުރިން އާސެނަލްގެ ޑިފެންޑަރު ބެން ވައިޓާ ކޯޗު ތޯމަސް ޓުޗެލް ބައްދަލުކޮށްފިއެވެ.

މިދިޔަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަސް ރަސްމީކޮށް އިނގިރޭސި ގައުމީ ޓީމުގެ ކޯޗު ކަމާއި ހަވާލުވި ޖަރުމަނުގެ ތޯމަސް ޓުޗެލް އޭނާގެ ފުރަތަމަ ސްކޮޑް އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހު އެވެ.

2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑްކަޕްގެ ސްކޮޑުގައި ހިމެނު ބެން ވައިޓް ވަނީ ގައުމީ ޓީމާއިއެކު ގަތަރަށް ދިއުމަށްފަހު ގައުމީ ޓީމުގެ ކޭމްޕް ދޫކޮށް ގްރޫޕް ސްޓޭޖުގެ މެޗުތަކަށްފަހު އެނބުރި ގައުމަށް ގޮސްފަ އެވެ. އޭރު އޭނާ ބުނެފައިވަނީ ސްކޮޑު ދޫކޮށް އެނބުރި ގައުމަށް ދަނީ އަމިއްލަ ސަބަބުތަކާއިހުރެ ކަމަށެވެ. އަދި އޭގެ ފަހުން އޭނާ އިނގިރޭސި ގައުމީ ޓީމަށް ނަގާފައެއް ނުވެއެވެ.

އުމުރުން 27 އަހަރުގެ ޑިފެންޑަރު އިނގިރޭސި ގައުމީ ޓީމަށް މިހާތަނަށް ހަތަރު މެޗު ކުޅެފައިވާއިރު އޭނާ އެންމެ ފަހުން ގައުމީ ޓީމަށް ކުޅެފައިވަނީ 2022 ވަނަ އަހަރުގެ މާޗު މަހު އެވެ.

އަންނަ މާޗު މަހު އަލްބޭނިއާ އާއި ލެޓްވިއާ އާއި ދެކޮޅަށް އިންގްލެންޑް ކުޅޭ ދެ މެޗަށް ސްކޮޑު އެކުލަވާލުމުގެ މަސައްކަތް ޓުޗެލް ކުރަމުންދާއިރު އޭނާ ވަނީ ޕްރިމިއާ ލީގުގެ ގިނަ މެޗުތަކެއް ބެލުމަށް ދަނޑަށް ގޮސްފަ އެވެ.

ވައިޓް އަށް ލިބިފައިވާ އަނިޔާއިން ރަގަޅުވެ މިދިޔަ ނޮވެމްބަރު މަހު އަލުން ކުޅުމުގެ ތެރެއަށް އައިސްފައިވާ ވައިޓް އާއި ޓުޗެލް ބައްދަލުކުރި ނަމަވެސް އޭނާއަށް ގައުމީ ޓީމުގެ ސްކޮޑުން ފުރުސަތު ލިބޭނެކަމެއް އަދި ނޫން ކަމެއް ސާފުވެފައެއް ނުވެއެވެ.

އާސެނަލްގެ ކޯޗު މިކެލް އާޓޭޓާ ބުނެފައިވަނީ ވައިޓް އަށް ގައުމީ ޓީމުން ފުރުސަތު ދިނުމާއިމެދު ގޮތެއް ނިންމާނީ ގައުމީ ޓީމުގެ ކޯޗު ކަމަށެވެ. އަދި އޭނާއަކީ އާސެނަލް އިން މިހާރު ދައްކަމުންދާ ކުޅުމުގައި މުހިންމު ދައުރެއް އަދާކުރާ ކުޅުންތެރިއެއް ކަމަށްވެސް އާޓޭޓާ ވަނީ ބުނެފަ އެވެ.