ޚަބަރު

ޕްރިމިއާ ލީގު ހޯދަން އާސެނަލުން ކުރަމުންދާ މަސައްކަތް ހުއްޓައެއް ނުލާނަން: އާޓެޓާ


އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލުގައި އާސެނަލް ލިވަޕޫލަށްވުރެ 11 ޕޮއިންޓް ފަހަތުގައި އޮތްނަމަވެސް ލީގު ޓައިޓްލް ހޯދުމަށް ކުރަމުންދާ މަސައްކަތް ހުއްޓާނުލާނެ ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފިއެވެ.

އާޓޭޓާ މިހެން ބުނެފައިވަނީ ނޮޓިންހަމް ފޮރެސްޓާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ހޮނިހިރު ދުވަހު ވެސްޓްހޭމް އަތުން 1-0 ން އާސެނަލް ބަލިވި މެޗަކީ އުނދަގޫ މެޗެއްކަމަށް އާޓެޓާވަނީ އެއްބަސްވެފައެވެ. އެހެންނަމަވެސް ލީގު ހޯދަން ކުރާ މަސައްކަތް އޭނާ ދިރިހުއްޓާ ހުއްޓާނުލާނެ ކަމަށް ބުންޏެވެ.

އާޓެޓާ ބުނީ ހިސާބު އަދަދުން ބަލާއިރު އެއީ ކުރެވިދާނެ ކަމެއް ކަމަށެވެ. އެއީ މީގެ ތިން ދުވަސްކުރިން ފަރަގު ކުޑަކުރެވެން އޮތްކަމަށާއި، މިހާރު އޮތީ ދޮޅު މެޗާއި ދުރުގައި ކަމަށް އޭނާ ބުންޏެވެ.

ހޯދަން އުނދަގޫ ނަމަވެސް ޕްރިމިއާ ލީގު ޓައިޓްލްގެ "ފަހަތުން އާސެނަލް ދުވުން ދޫކޮށްލަފާނެ ކަމަށް ހީކުރަން ވާނީ އަހަރެންގެ މަރުވެފައިވާ ހަށިގަނޑު މަތިން" ކަމަށް އާޓެޓާ ބުންޏެވެ.

ޕްރިމިއާލީގު ކާމިޔާބުކުރަން މީގެ ތިން ދުވަހަށްވުރެ މިހާރު އާސެނަލަށް އުނދަގޫވާނެ ކަމަށާއި، އެހެންނަމަވެސް ލީގު ހޯދަން ކޮންމެވެސް ހާއްސަގޮތެއް ހަދަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.

އާޓެޓާ ބުނީ އާސެނަލް މިއޮތް ހާލަތުގައި އޮވެގެން ޕްރިމިއާ ލީގު ކާމިޔާބު ކުރަން ބޭނުންނަމަ ޕްރިމިއާ ލީގުގެ ތާރީހުގައި އެހެންބަޔަކު ނުކުރާކަމެއް ކުރަންޖެހޭ ކަމަށެވެ.