ޚަބަރު

ބައިނަލްއަޤްވާމީ މުޢާހަދާތަކާއި އެއްގޮތަށް ރައްޔިތުންގެ އިންސާނީ ހައްޤުތައް ސަރުކާރުން ހިމާޔަތްކޮށްދޭނެ: ޚާރިޖީ ވަޒީރު


  • ސަރުކާރުން އިންސާނީ ހައްޤުތައް ކަށަވަރުކުރުމަށް ގިނަ މަސައްކަތް ދަނީ ކުރަމުން

  • އިޖްތިމާޢީ ދާއިރާ އަދި މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖެއިން އިސްކަންދޭ ދާއިރާތަކެއް

ބައިނަލްއަޤްވާމީ މުއާހަދާތަކާއި އެއްގޮތަށް، ރައްޔިތުންގެ އިންސާނީ ހައްޤުތައް ހިމާޔަތްކުރުމުގައި މި ސަރުކާރު ދެމި އޮންނާނެކަމުގެ ޔަޤީންކަންދެއްވާކަމަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ޚާރިޖީ ވަޒީރު މިހެން ވިދާޅުވީ ސްވިޓްޒަލެންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 58 ވަނަ ސެޝަންގެ ހައިލެވެލް ސެގްމަންޓްގައި ތަޤުރީރުކުރައްވަމުންނެވެ.

ޚާރިޖީ ވަޒީރުގެ ވާހަކަފުޅުގައި އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ މެންބަރު ޤައުމެއްގެ ހައިސިއްޔަތުން ރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް ކައުންސިލްގެ މަސައްކަތުގައި ބައިވެރިވުމަށް މަގުފަހިކުރުމަށްޓަކައި ވޮލަންޓްރީ ޓްރަސްޓް ފަންޑެއް ޤާއިމުކުރުމާއި ސާފުތާހިރު، ދުޅަހެޔޮ، ދެމެހެއްޓެނިވި ތިމާވެށްޓަކީ އިންސާނީ ޙައްޤެއްކަން ދުނިޔޭގެ ފެންވަރުގައި ބަލައިގަތުމަށް ރާއްޖެއިން އަދާކޮށްފައިވާ އިސްދައުރު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ ތަޤުރީރުގައި އިންސާނީ ޙައްޤުތައް ކުރިއެރުވުމަށާއި ޙިމާޔަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި، މިންތީގެ ހަމަހަމަކަމާއި އެކަށީގެންވާ ބޯހިޔާވަހިކަމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމައުގައި ބައިވެރިކުރުން އިތުރުކުރުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓާއި އެވެށީގައި ދިރިއުޅޭ ފަރާތްތަކަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުން ފަދަ އިޖުތިމާއީ ކަންކަމަށް ސަރުކާރުން ދޭ އަހަންމިއްޔަތުގެ މައްޗަށް ވެސް އެމަނިކުފާނު ވާހަކަފުޅު ދެއްކެވިއެވެ. މިއާއެކު ރާއްޖެއިން އެއްބަސްވެފައިވާ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާ ބެހޭ މުޢާހަދާތަކާއި އެންމެހައި ރައްޔިތުންގެ އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމުގައި މި ސަރުކާރުން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން އެމަނިކުފާނުގެ ތަޤްރީރުގައި ދެއްވިއެވެ.

އެމަނިކުފާނުގެ ތަޤުރީރުގައި ފަލަޞްޠީނުގެ ރައްޔިތުންނަށް އިސްރާއީލުން ދީފައިވާ ލާއިންސާނީ ޙަމަލާތަކުގެ ސަބަބުން ލިބިފައިވާ ގެއްލުންތަކާއި ފުރާނަތައް ގެއްލިފައިވާކަމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ 58 ވަނަ ސެޝަން ކުރިއަށް ދަނީ މިމަހުގެ 24 އިން އޭޕްރީލް މަހުގެ 4 ގެ ނިޔަލަށެވެ. އދ ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ހަރުދަނާކުރުމަށާއި އިންސާނީ ޙައްޤުތަކަށް އަރައިގަތުމުގެ ހާލަތްތައް ޙައްލުކޮށް އެކަމަށް ހައްލުކުރާނެ ގޮތްތައް ހުށަހެޅުމުގެ ޒިންމާ އަދާކުރާ އދ.ގެ ނިޒާމުގެ ތެރެއިން ބައެކެވެ. ދިވެހިރާއްޖެއަކީ 2023 އިން 2025 ވަނަ އަހަރުގެ ނިޔަލަށް މި މަޖިލީހުގެ މެމްބަރު ޤައުމެކެވެ.