ޚަބަރު

ރާއްޖޭގައި މަތީ ތަޢުލީމު ހާސިލުކުރާ ބޭރު ޤައުމުތަކުގެ ދަރިވަރުން އިތުރުކުރަން ދަނީ މަސައްކަތްކުރަމުން: ވަޒީރު ހައިދަރު


  • މަސައްކަތުގެ ބައްދަލުވުމުގައި ރާއްޖޭގެ ދެ ޔުނިވާސިޓީ އަދި އިމިގްރޭޝަން ބައިވެރިވޭ

ބޭރުޤައުމުތަކުގައި ބާއްވާ މަތީ ތަޢުލީމުގެ ފެއަރތަކުގައި ބައިވެރިވެ، ރާއްޖޭގައި ކިޔަވާނެ ދަރިވަރުން ހޯދުމުގެ މަސައްކަތް ކުރައްވާނެކަމަށް މަތީތަޢުލީމާބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، "އެކްސްޕޯޓިން އެޑިއުކޭޝަން އިން ދަ މޯލްޑިވްސް ކޮންސަލްޓޭޝަން ވޯކްޝޮޕް" ފެށުމުގެ ގޮތުން ބޭއްވި ރަސްމީއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބޭއްވި މި ބައްދަލުވުމަކީ، ރާއްޖޭއިން ބޭރު ޤައުމުތަކުގެ ދަރިވަރުން ރާއްޖޭގައި މަތީ ތަޢުލީމު ހާސިލްކުރުމަށް ގެނައުމަށް ކުރަންޖެހޭ ކަންކަން ދެނެގަތުމަށް ކަމާއި ގުޅުންހުރި ފަރާތްތަކާއެކު ބޭއްވި މަސައްކަތު ބައްދަލުވުމެކެވެ. މިމަސައްކަތު ބައްދަލުވުމުގައި ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވާސިޓީއާއި، އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް އިތުރުން އިމިގްރޭޝަން ހިމެނޭހެން އެކި އިދާރާތަކާއި މުޢައްސަސާތަކުން 50 ފަރާތަކުން ބައިވެރިވިއެވެ.

މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަތީ ތަޢުލީމާބެހޭ ވަޒީރު ވަނީ ރާއްޖޭގައި މަތީ ތަޢުލީމު ކުރިއެރުވުމަށް ބޭރު ޤައުމުތަކުން ދަރިވަރުން ގެނައުން މުހިންމުކަން ފާހަގަކުރައްވާފައެވެ. އެކަމުގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދަށްގިނަ އަދަދެއްގެ ފައިސާ ވަންނަކަން ވަޒީރު ހައިދަރު ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ތެރެއިން ވިޒިޓަރ އިކޮނޮމީއެއް ޤާއިމްކުރުމަށް ކުރާ މަސައްކަތަކީ މަތީ ތަޢުލީމުގެ ދާއިރާއަށް ލިބިފައި އޮތް ފަހި ފުރުސަތެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ. އަދި ރާއްޖެއަށް ބޭރުޤައުމުތަކުގެ ދަރިވަރުން ކިޔަވަން ނުގެނެވެންވީ ސަބަބެއް ނެތްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

" ކުރިއަރާފައިވާ ރިސޯޓުތަކާއި ދާދިފަހުން ތަޢާރަފްވި ގެސްޓް ހައުސް ވިޔަފާރިއާއި ލިވަބޯޑްތަކަކީ ހޮސްޕިޓަލިޓީ އިންޑަސްޓްރީއަށް ޝައުޤުވެރިވާ ބޭރުގެ ޒުވާނުންނަށް ނިކަން ފަސޭހެއިން ވިއްކޭނެ ޕްރޮޑަކްޓެއް. ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރާ ދެ ޔުނިވާސިޓީއާއި އެތައް ކޮލެޖެއް އެބަހުރި. ޕީއެޗްޑީއާއި ހަމައަށް ކިޔަވައިދެން ބޭނުންވާ އެތައް ޕްރޮގްރާމެއް ވަނީ އެެކްރެޑިޓް ކުރެވިފައި. އެހެން ކަމުން މިފަދަ ފަހިގޮތަކަށް ހުޅުވިފައިވާ ޤައުމަކަށް އެޑިއުކޭޝަން އެކްސްޕޯޓް ނުކުރެވެންވީ ސަބަބެއް ނެތް" ވަޒީރު ހައިދަރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިމަސައްކަތް ފެށުމަށް މަސައްކަތު ބައްދަލުވުމުގެ ތެރެއިން މުހިންމު ކަންކަން މަގުފަހިވެގެންދާކަމަށެވެ. އެގޮތުން ދަރިވަރުންގެ ވިސާ ކަންކަން ހަމަޖެއްސުމާއި، ރާއްޖޭގައި ހުރުމުގެ ކަންކަން ހަމަޖެއްސުމާއި، އެކަމަށް ހާއްސަ ޤާނޫނީ އޮނިގަނޑެއް އެކުލަވާ ޤާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް މި ބައްދަލުވުމުގެ ތެރެއިން ދެނެގަނެވޭނެކަމަށް މަތީ ތަޢުލީމާބެހޭ ވުޒާރާޢިން ވިދާޅުވެއެވެ.

ރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާ ތަރައްޤީކޮށް ވަސީލަތްތައް އިތުރުކުރުމާއެކު ރަނގަޅު ފެންވަރެއްގެ ތަޢުލީމެއް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ސަރުކާރުގެ އަމާޒަކީ މި 5 އަހަރު ތެރޭގައި ރާއްޖޭގައި މަތީ ތައުލީމު ހާސިލްކުރާ 20،000 ކުދިންގެ ތެރެއިން 5 އިންސައްތައަކީ ރާއްޖޭން ބޭރުގެ ދަރިވަރުންނަށް ހެދުންކަމަށް މަތީ ތަޢުލީމާބެހޭ ވުޒާއިން މީގެކުރިން ވަނީ ވިދާޅުވެފައެވެ.