ޚަބަރު

ރަމަޟާންމަހު ދަތިކަމެއްނެތި މުދާ ފޯރުވައިދިނުމަށް ތައްޔާރު: އެމްޕީއެލް


މިއަހަރުގެ ރަމަޟާންމަހު ވެސް ރައްޔިތުންނަށް އެއްވެސް ދަތިކަމެއްނެތި މުދާ ފޯރުވައިދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން ތައްޔާރުވެފައިވާ ކަމަށް އެމްޕީއެލްއިން ވިދާޅުވެއްޖެއެވެ.

ކޮންމެ ރަމަޟާންމަހަކުވެސް ގިނަ ޢަދަދެއްގެ މުދާ ރާއްޖެއަށް އެތެރެކުރަން ޖެހުމާއި ގުޅިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއަށް ބާރުބޮޑުވެއެވެ. އެހެންނަމަވެސް ދަތިކަމެއްނެތި ރައްޔިތުންނަށް މުދާ ފޯރުވައިދިނުމަށް އެމްޕީއެލްއިން ތައްޔާރުވެއެވެ.

މިއަހަރުގެ ރަމަޟާންމަހަށް އެމްޕީއެލްއިން ވަމުންއަންނަ ތައްޔާރީތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެޑް އޮފް ޕޯޓް އޮޕަރޭޝަން އިލްޔާސް މުހައްމަދު ވިދާޅުވީ ރަމަޟާންމަހަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން ރަމަޟާންމަހަށް ޚާއްސަކޮށްގެން މުދާ ފަސޭހަކަމާއި ރައްކާތެރިކަމާއެކު ބެހެއްޓުމަށްޓަކައި ގިނަ ކަންތައްތަކެއް ކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މުދާ ބެހެއްޓުމަށްޓަކައި މާލެތެރޭގައި އިތުރު ޝެޑްތައް ޤާއިމްކޮށްފައިވާ ކަމަށް އިލްޔާސް ވިދާޅުވިއެވެ. އިލްޔާސް ވިދާޅުވީ އަވަހަށް ހަލާކުވާ ޒާތުގެ ގިނަ އަދަދެއްގެ ޖެނެރަލް ކާގޯ ގިނަ އަދަދަކަށް ގެނެވޭކަމަށެވެ. އެހެންކަމުން މިހާ ގިނަ އަދަދެއްގެ މުދަ މިހާރު ހުންނަ ގޯޑައުންގައި ބަހައްޓަން ދަތިވާތީ މިހާރު ދެބަޔަކަށް ބަހާލާފައިވާކަމަށެވެ.

"އެއީ ހައިލީ ޕެރިޝަބަލް މުދާ ގޯޑައުންގައި ބެހެއްޓޭގޮތަށް ހަދާފައި ހުޅުމާލޭގައި ވަގުތީ ޓެެންޓެއް ގާއިމްކޮށް ޑްރައި ބަލްކް ބެހެއްޓޭނެގޮތަށް ގާއިމްކުރުން. އެހެންވީމަ ޕެރިޝަބަލް ކާބޯތަކެއްޗަށް ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ލިބޭނެ" އިލްޔާސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އާންމުކޮށް ރާއްޖެއަށް ގެންނަ މުދާ އަވަހަށް ކްލިއަރ ކުރެވޭނެ އިންތިޒާމުވެސް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން އަވަހަށް ހަލާކުވާ ޒާތުގެ މުދާ ނުވަތަ ޕެރިޝަބަލް ކާގޯ މާލޭ ކޮމާޝަލް ހާބަރުން ކްލިއަރ ކުރެވޭ ގޮތް ހަދައި، އާންމު މުދާތައް ހުޅުމާލެ ޕޯޓުން ކްލިއަރ ކުރެވޭނެގޮތަށް ބަދަލުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މިއާއެކު އެމްޕީއެލްއާއި ކަސްޓަމްސްއިން މުދާ ކްލިއަރ ކުރާ ގަޑި އެއްގަޑިއަކަށް ބަދަލުކޮށް މަސައްކަތް އަވަސް ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް އިލްޔާސް ވިދާޅުވެއެވެ.

އިލްޔާސް ވިދާޅުވީ މަސަކަތް ހަލުވި ކުރުމަށްޓަކައި ބޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދުވެސް ރަމަޟާންމަހަށް އިތުރުކޮށް ޚާއްސަ ޓާސްކްފޯސްއެއް އެކުލަވާލާފައިވާކަމަށެވެ. އަދި ވެހިކަލްގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ރޯދަމަހަށް ޚާއްސަކޮށްގެން ރީޖަނަލް ޕޯޓްތަކުގައި ހުރި އުޅަނދުތައް ދަތިނުވާނެގޮތަށް ބަލާފައި މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިއަހަރު ރަމަޟާން މަހު މާލެ ކޮމާޝަލް ހާބަރުން ކްލިއަރކުރާ ހުރިހާ ބާވަތެއްގެ މުދާވެސް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވައި ޕޯޓް މަސައްކަތް ކުރާ ހުރިހާ ދުވަހެއްގެ ހެނދުނު 09:15 އިން 16:00 އަށް، އަދި ރޭގަނޑު 21:15 އިން 01:30 އާއި ހަމައަށެވެ. މިގަޑިތަކާއި އެއްގޮތަށް ހުޅުމާލެ ޓާރމިނަލުން ވެސް ޚިދުމަތް ދެމުން ގެންދާނެކަމަށް އެކުންފުނިން ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިލްޔާސް ވިދާޅުވީ އެމްޕީއެލްއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ވިޔަފާރި ބަނަދަރުގައި މުދާ ބަހައްޓާނެ ޖާގަ ނެތުންކަމަށާއި، ނަމަވެސް އެކަމަށްވެސް ކުރިއެރުން ލިބިފައިވާކަމަށެވެ. އެގޮތުން މިދިޔަ އަހަރު ފެށިއިރު އެސަރަހައްދުގައި ބެހެއްޓެނީ 3600 ކޮންޓެއިނާ ކަމަށާއި، ނަމަވެސް މިހާރު 5100 ކޮންޓެއިނާ އެސަރަހައްދުގައި ބެހެއްޓޭ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް އަދިވެސް މިހާރު މިހާރު ގެންނަ މުދަލާ އެއްވަރަށް ޖާގަ ނުލިބޭކަން ފާހަގަކުރައްވާ އިލްޔާސް ވިދާޅުވީ މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން ތިލަފުށީގައި އެމްޓި ކޮންޓެއިންރަ ޓަރިނަލެއް ކުރިއަށް އޮތް 2 މަސް ތެރޭގައި ތައްޔާރުކުރެވޭނެކަމަށެވެ. އެއާއެކު ވަރަށް ބޮޑަށް ލުއިފަސޭހަ ވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ކޮންމެ ނަމާދެއްގެ ބަންގި ގޮވާ ވަގުތުން ފެށިގެން 20 މިނިޓުގެ ހުސްވަގުތުކޮޅެއް ނަމާދުކުރުމަށްޓަކައި މުވައްޒަފުންނަށް ދެވޭނެ ކަމަށާއި، މިވަގުތުގައި ޚިދުމަތް މެދުކެނޑޭނެ ކަމަށްވެސް އެމްޕީއެލްއިން ވިދާޅުވެއެވެ. އަދި 27 ވިލޭރޭ ބަންދުވާނެ ކަމަށްވެސް ވިދާޅުވިއެވެ.