ކުޅިވަރު

ސްކޮލަރޝިޕްތަކުގެ ސަބަބުން ކުޅިވަރު އިތުރު ހަރުފަތަކަށް ދިޔަ: ސައްތާރު


2024 ވަނަ ރާއްޖޭގެ ކުޅިވަރު އިތުރު ހަރުފަތަކަށް ދިޔުމުގައި އެތުލީޓުންނަށް ދެވުނު ސްކޮލަރޝިޕްތައް މުހިންމު ދައުރެއް އަދާކުރި ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ރައީސް މުޙައްމަދު އަބްދުލް ސައްތާރު (ޗަމްޕީ) ވިދާޅުވެއްޖެއެވެ.

ސައްތާރު މިހެން ވިދާޅުވީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ޢަބްދުއްސައްތާރުގެ ވާހަކައިގައި ވިދާޅުވީ 2024 ވަނަ އަހަރު ރާއްޖޭގެ ކުޅިވަރުގެ ފެންވަރު މަތިވެގެން ދިޔަކަމަށާއި، ފާއިތުވެ ދިޔަ އަހަރަކީ ތާރީޚުގައި ފަވާލެވޭނެ އަހަރެއްކަމަށެވެ.

"2024 ވަނަ އަހަރަކީ ހަގީގަތުގައިވެސް ދިވެހި ކުޅިވަރުގައި ވަރަށް ޚާއްސަ އަހަރެއް. 2024 ވަނަ އަހަރު އަގުހުރި ވަގުތުތަކަކާއި ބުރަ މަސައްކަތުން ހޯދި ފަޚުރުވެރި ކާމިޔާބީތަކަކީ ބޮޑެތި ކުރިއެރުންތަކަކުން ފުރިގެންވާ ކަމެއް" ފާއިތުވެ ދިޔަ އަހަރުގެ ކާމިޔާބީތަކާއި ބެހޭގޮތުން ޢަބްދުއްސައްތާރު ވިދާޅުވިއެވެ.

އަދި ޕެރިސް އޮލިމްޕިކްސްއަށް ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ކޮލިފައިވުމަކީ ނިމުނު އަހަރުގެ އެންމެ ބޮޑު ކާމިޔާބީތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ކާމިޔާބީ ކަމަށާއި މީގެ އިތުރުންވެސް ބެޑްމިންޓަންނާއި، ސްވިމިން އަދި އެތުލެޓިކްސްގައިވެސް ރާއްޖެއިން ބައިވެރިވެފައިވުމަކީ ފާހަގަކޮށްލެވޭ ކާމިޔާބީއެއްކަމަށް ސައްތާރު ފާހަގަކުރެއްވިއެވެ.

"އެތްލެޓިކްސްގައި އެންމެ ގިނަ އެތުލީޓުން ބައިވެރިވި އަހަރަކީ 2024 ވަނަ އަހަރު. މީ ފާހަގަކޮށްލެވޭ ކަމެއް. އެކަމާ އަޅުގަނޑުމެން ވަރަށް އުފާކުރަން" ސައްތާރު ވިދާޅުވިއެވެ.

މިކަމުން ދައްކުވައިދެނީ ރާއްޖޭގެ އެތުލީޓުންގެ ހިތްވަރާއި، އެކުވެރިކަންކަމަށާއި، އަދި ކޯޗުން ކެނޑިނޭޅި ކުރާ މަސައްކަތުގެ އިތުރުން ކުޅިވަރު އެސޯސިއޭޝަންތަކުގެ ބުރަ މަސައްކަތްކަމަށް ޢަބްދުއްސައްތާރު ވިދާޅުވިއެވެ.

މި ކާމިޔާބީތަކުގައި އެންމެ މުހިންމު ރޯލެއް ކުޅުނީ އެތުލީޓުންނަށް ދެވިފައިވާ ސްކޮލަރޝިޕްތައްކަމަށް ސައްތާރު ވިދާޅުވިއެވެ. ޕެރިސް 2024ގެ އޮލިމްޕިކްސް ސްކޮލަރޝިޕާއި ކުޅިވަރު ވުޒާރާއިން ކުރިއަށްގެންދާ "އަރުތަ" ޕްރޮގްރާމުގެ ސްކޮރލަރޝިޕްތަކުގެ ސަބަބުން ކުޅުންތެރިންގެ ހުނަރަށް ވަރަށް ބޮޑު ކުރިއެރުމެއް އައިކަމަށް ސައްތާރު ފާހަގަކުރެއްވިއެވެ.

"މިކަހަލަ ސްކޮރލަރޝިޕްތަކަކީ އަޅުގަނޑުމެންނަށް ވަރަށް މުހިންމު ވެގެންދާނެ އެއްޗެހިތަކެއް. އަޅުގަނޑުމެން ދެންވެސް ބޭނުންވަނީ މިނިސްޓްރީއިން މިފަދަ ކަންތައްތަކުގައި އެތުލީޓުންނަށް އެހީތެރިކަން ފޯރުކޮށްދެއްވުން" މިފަދަ ސްކޮލަރޝިޕްތަކުގެ މުހިންމުކަމާއި ގުޅޭގޮތުން ސައްތާރު ވިދާޅުވިއެވެ.

ނިމިގެންދިޔަ އަހަރަކީ ކޯޗުންނާއި ކުޅިވަރުގެ ފަންނީ އަދި އިދާރީ މުވައްޒަފުން ތަމްރީނުކުރުމުގެ ރޮނގުންވެސް އެމްއޯސީއިން ގިނަ މަސައްކަތްތަކެއްކޮށް ރަނގަޅު ނަތީޖާއެއް ހޯދި އަހަރެއްކަމަށް ޢަބްދުއްސައްތާރު ވިދާޅުވިއެވެ.

މިގޮތުން އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމް (އައިސީސީޕީ) އަދި އިންޓަރނޭޝަނަލް ކޯޗިން ކޯސް (އައިސީސީ)ގެ އިތުރުން އެގްޒެކެޓިވް މާސްޓަރޒް އިން ސްޕޯރޓްސް އޮގަނައިޒޭޝަން މެނޭޖްމަންޓް ފަދަ ތަމްރީނު ޕްރޮގްރާމުތަކުން ދިވެހިންނަށް ފުރުސަތު ދެވި، އެ ކޯސްތަކުގެ ސަބަބުން ކޯޗުންނާއި ސްޕޯޓްސް އެޑްމިނިސްޓްރޭޓަރުންނަށް ބޭނުންވާ މުހިންމު މައުލޫމާތާއި ތަޖުރިބާ ލިބި ރާއްޖޭގެ ކުޅިވަރުގެ ފެންވަރު އިތުރަށް މަތިވެގެން ދިޔަކަންވެސް ޢަބްދުއްސައްތާރު ފާހަގަކުރެއްވިއެވެ.

އެމް.އޯ.ސީގެ އަހަރީ އާންމު ޖަލްސާ ބާއްވާފައިވަނީ ހ.މީރުމާގައެވެ. މިޖަލްސާގައި ކުޅިވަރު ވަޒީރާއި، އެސޯސިއޭޝަންތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.