ޚަބަރު

ބްރޫނާއީގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ، ތަހުނިޔާ ފޮނުއްވައިފި


  • ބުރުނާއީއާއި ދިވެހިރާއްޖެ ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1984ވަނަ އަހަރު

ބްރޫނާއީ ދާރުއްސަލާމްގެ ޤައުމީ ދުވަސް ފާހަގަކުރުމުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމުގެ ސުލްޠާން، ޙާޖީ ޙަސަނުލް ބުލްކިއާ މުޢިއްޒައްދީން ވަދާޢުﷲ އަށާއި، ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އެ މަނިކުފާނު ވަނީ، ދިވެހިރާއްޖެއާއި ބްރޫނާއީއަކީ ގާތް އަދި އެކުވެރި ގުޅުމެއްގެ ދިގު މާޒީއެއް އޮތް ދެ ޤައުމުކަން ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް އެއްބާރުލުމާއި އަޚުވަންތަކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އުންމީދު ކުރައްވާ ކަމުގައި ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ބްރޫނާއީގެ ސުލްޠާނަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، އަދި އުޚުއްވަތްތެރި ބްރޫނާއީ ދާރުއްސަލާމްގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާފައިވެއެވެ.

ދިވެހިރާއްޖެއާއި ބްރޫނާއީ ދާރުއްސަލާމާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނީ 31 މާރޗް 1984 ގައެވެ.