ސްޕެނިޝް ލީގުގައި ރޭ ލަސް ޕަލްމާސްއާ ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ތާވަލުގެ އެއްވަނަ މަގާމު ބާސެލޯނާއިން އަލުން ހޯދައިފިއެވެ.
ލަސް ޕަލްމާސްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ބާސެލޯނާއަށް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. ނަމަވެސް މި މެޗުގެ ފުރަތަމަ ހާފުގައި ލަސް ޕަލްމާސް އިން މޮޅު ކުޅުމެއް ދައްކާފައިވާއިރު އެ ޓީމުގެ ކީޕަރު ސިލެސެން ވަނީ ރަގަޅު ސޭވްތަކެއްވެސް ކޮށްފަ އެވެ.
މެޗުގެ ދެވަނަ ހާފަށް ބާސެލޯނާ ނިކުތްއިރު އެ ޓީމުގެ ކޯޗު ހެންސީ ފްލިކް ވަނީ ފާރމިން ލޯޕޭޒްގެ ބަދަލުގައި ޑެނީ އޮލްމޯ ކުޅެން އަރުވާފަ އެވެ.
ބާސެލޯނާ އިން މި މެޗުގައި ޖެހި ފުރަތަމަ ލަނޑު މެޗުގެ 62 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ލަމީން ޔަމާލް ދިން ބޯޅަ އަކުން ޑެނީ އޮލްމޯ އެވެ. މިއީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ ފަހުން އޮލްމޯ ޖެހި ފުރަތަމަ ލަނޑެވެ.
މި މެޗުގައި ބާސެލޯނާ އިން ލަނޑެއް ޖަހާ ކުރި ހޯދިތާ ގިނައިރުތަކެއް ނުވަނީސް ލަސް ޕަލްމާސް އަށް ވަނީ މެޗުގެ ނަތީޖާ އެއްވަރު ކުރުމަށް ރަގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް ބާސެލޯނާއަށް ކުރިން ކުޅުނު ސެންޑްރޯ ފޮނުވާލި ހަމަލާ ގޮސްފައިވަނީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ.
ބާސެލޯނާ އިން މި މެޗުގައި ޖެހި ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ފެރާން ޓޮރޭޒް އެވެ. މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި އޭނާ މި ލަނޑު ޖަހާފައިވަނީ ރަފީނިއާ ދިން ބޯޅަ އަކުންނެވެ.
މި ސީޒަނުގައި ބާސެލޯނާ އިން ވަނީ ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން އެރި ކުޅުންތެރިން ވަނީ 12 ލަނޑު ޖަހާފަ އެވެ. ބަދަލު ކުޅުންތެރިން އެންމެ ގިނައިން ލަނޑު ޖަހާފައިވަނީ އެތްލެޓިކޯ މެޑްރިޑުގައެވެ. އެ ޓީމުގެ ބަދަލު ކުޅުންތެރިން ވަނީ 15 ލަނޑު ޖަހާފަ އެވެ.
ލަލީގާގައި ރޭ ވެލެންސިއާ އާއި ދެކޮޅަށް އެތްލެޓިކޯ މެޑްރިޑް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން އެތްލެޓިކޯ މެޑްރިޑް ވަނީ މޮޅުވެފަ އެވެ. މި މެޗުގައި ޖޫލިއަން އަލްވަރޭޒް ވަނީ ދެ ލަނޑު ޖަހާފަ އެވެ.
މި މެޗުން ބާސެލޯނާ މޮޅުވުމާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 25 މެޗުން 54 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ލިބިފަ އެވެ. ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑަށް 25 މެޗުން ލިބިފައިވަނީ 53 ޕޮއިންޓެވެ. އަދި ވާދަވެރި ރެއާލް މެޑްރިޑަށް 24 މެޗުން 51 ޕޮއިންޓް ލިބިފައިވާއިރު މިއަދު ރެއާލް މެޑްރިޑް ކުޅޭ މެޗުން އެ ޓީމު މޮޅުވެއްޖެނަމަ ޕޮއިންޓުގެ ގޮތުން ބާސެލޯނާ އާއި އެއްވަރުވާނެ އެވެ.