ޚަބަރު

އަލް ހިލާލް ބަލިކޮށް އިއްތިހާދަށް ހަތް ޕޮއިންޓުގެ ލީޑެއް


ސައުދީ ޕްރޯ ލީގުގައި ރޭ އަލް ހިލާލްއާ ދެކޮޅަށް ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ތާވަލުގެ އެއްވަނައިގައި އަލް އިއްތިހާދުން ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ޖިއްދާގެ ކިންގް އަބްދުالله ސްޕޯޓްސް ސިޓީގައި ފަންސާސް ދެ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުން އަލް އިއްތިހާދު މޮޅުވުމާއެކު އެ ޓީމަށް ވަނީ 21 މެޗުން 55 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމު ލިބިފަ އެވެ. ދެވަނައިގައި އޮތް އަލް ހިލާލް އަށް 21 މެޗުން ލިބިފައިވަނީ 48 ޕޮއިންޓެވެ.

މި މެޗުގެ 23 ވަނަ މިނިޓުގައި އަލް ހިލާލުގެ ބްރެޒިލް ފޯވަޑް މާކޮސް ލިއޮނާޑޯ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

ނަމަވެސް އޭގެ ހަ މިނިޓު ފަހުން އިއްތިހާދުގެ ހަސަން ކަދިޝް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އަދި ފުރަތަމަ ހާފުގެ ކުޅުމުގެ އިތުރު ވަގުތުގައި ސްޓޭވަން ބާޖްވިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މި މެޗުގައި ފުރަތަމަ ފަހަރަށް އަލް އިއްތިހާދަށް ކުރި ހޯދަދީފަ އެވެ.

އަލް އިއްތިހާދު އިން ވަނީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަ ވަނަ މިނިޓުގައި އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ވެސް ބާޖްވިން އެވެ.

މި މެޗުގައި އަލް އިއްތިހާދު އިން ޖެހި ހަތަރުވަނަ ލަނޑޫ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ކަރީމް ބެންޒޭމާ އެވެ.