ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގައި މިއަދު އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކުރެވޭނީ ބާރު އުކުންތެރިން ދައްކާ ކުޅުމަކުން ކަމަށް ޕާކިސްތާނުން ބުނެފިއެވެ.
ޕާކިސްތާނުގައި މުބާރާތް ބޭއްވި ނަމަވެސް އިންޑިޔާ ސަރުކާރުން އެ ގައުމުގެ ޓީމު ޕާކިސްތާނަށް ނުފޮނުވާތީވެ އިންޑިޔާގެ މެޗުތައް ކުޅެނީ ދުބާއީ އިންޓަނޭޝަނަލް ކްރިކެޓް ސްޓޭޑިއަމުގަ އެވެ. މިއަދު ކުޅޭ މެޗާ ބެހޭ ގޮތުން ޕާކިސްތާނުގެ ކޯޗު އާގިބް ޖާވިދް ބުނީ އޭނާ ޓީމުގައި މެޗު ކާމިޔާބުކޮށްދޭނެ ބާރު އުކުންތެރިން އެބަތިބި ކަމަށެވެ. އޭނާ ފާހަގަ ކުރި ތިން ކުޅުންތެރިންނަކީ ޝާހީން ޝާހް އަފްރީދީ އާއި ހާރިސް ރައޫފް އާއި ނަސީމް ޝާހެވެ. ނަމަވެސް މުބާރާތުގެ ފުރަތަމަ މެޗުގައި ނިއުޒީލޭންޑް އަތުން ޕާކިސްތާން ބަލިވި މެޗުގައި ނިއުޒީލޭންޑް ހެދި 320 ލަނޑުގެ ތެރެއިން 214 ލަނޑަކީ މި ތިން ކުޅުންތެރިން އުކި 30 އޯވަރުގެ ތެރޭގައި ހެދި ލަނޑުތަކެވެ.
އެކަމަކު ޕާކިސްތާން ކޯޗު ބުނީ އިންޑިޔާ މެޗުގައި އެ ކުޅުންތެރިން ތަފާތު ދައްކާނެ ކަމަށް އޭނާ އުއްމީދު ކުރާ ކަމަށެވެ.
"އަހަރުމެންގެ އެބަތިބި ތިން ސްޕެޝަލިސްޓުން. އެމީހުންނަކީ މެޗު ކާމިޔާބުކޮށްދެވޭނެ ތިން މީހުން. އަހަރެން ބުނާނީ މިއަދުގެ މެޗުގައި އެންމެ ރަނގަޅު ކުޅުމެއް ދައްކާނީ އެމީހުން ކަމަށް. އަހަރެންނަށް މި ތިން ކުޅުންތެރިން ސިފަވަނީ 1990ގައި ޕާކިސްތާނަށް ކާމިޔާބު ހޯދައިން ކުޅުންތެރިން ފަދައިން. ވަސީމް އަކްރަމާއި ވަގާރު ޔޫނުސް އާއި އިމްރާން ހާން ފަދައިން މި ތިން ކުޅުންތެރިން އެބަ ފާހަގަ ކުރެވޭ. މި ތިން ކުޅުންތެރިންނަށް ވަސީމްމެން ފެންވަރަށް ދާން ވަގުތު އެބައޮތް. އެމީހުންނަށް ތާރީހް އިއާދަކުރެވެން އެބައޮތް،" އާގިބް ބުންޏެވެ.
އޭނާ އަދި ބުނީ އިންޑިޔާއާ ދެކޮޅަށް ކުޅޭއިރު ޕާކިސްތާނުގެ ކޮންމެ ކުޅުންތެރިއަކު ވެސް ކުރާނީ ތަފާތު އިހުސާސެއް ކަމަށާއި މެޗުގެ ފޯރި އާއި ޖޯޝް ތަފާތުވާނެ ކަމަށެވެ. އަދި މި މެޗުން ބަލިވެއްޖެނަމަ ޕާކިސްތާން މުބާރާތުން ކަޓާން އޮތް ނަމަވެސް އެއީ ޕްރެޝަރެއްނޫން ކަމަށް ވެސް ކޯޗު ބުންޏެވެ.
"ބައިނަލް އަގްވާމީ ކްރިކެޓްގައި ޕްރެޝަނު ނޫން މެޗެއް ނޯންނާނެ. މިހެންވީމާ މި މެޗަކީ ވެސް ވަކި ތަފާތު މެޗެއް ނޫން. އިންޑިޔާ ޕާކިސްތާން ކުޅޭއިރު އެއީ ނޮކްއައުޓް މެޗެއްތޯ ގްރޫޕް މެޗެއްތޯ ބަލާކަށް ނުޖެހޭނެ. އެއީ ވަރަށް ހާއްސަ މެޗެއް އަބަދުވެސް،" ކޯޗު ބުންޏެވެ.
މުބާރާތުގައި އިންޑިޔާ ކުޅުނު ފުރަތަމަ މެޗުން މޮޅުވީ ބަނގްލަދޭޝް އަތުންނެވެ. ޕާކިސްތާން ބަލިވީ ނިއުޒީލޭންޑް އަތުންނެވެ. މިހެންވެ އިންޑިޔާ މޮޅުވެއްޖެނަމަ އެ ގައުމު ސެމީ ފައިނަލަށް ދާނެ އެވެ.