ޚަބަރު

ކުޑަގިރިއަށް 2 އަހަރު ފުރުން ފާހަގަކުރުމަށް ހިޔާދޭ ބޮޑެތި ގަސް އިންދުމުގެ ހަރަކާތެއް


  • 2 އަހަރު ދުވަހުގެ ތެރޭގައި 54،724 މީހުން ކުޑަގިރިއަށް ދަތުރުގޮސްފައިވޭ

  • ކުޑަގިރިއަކީ ހިތްހަމަޖެހޭ މަންޒިލަކަށް ހެދުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން

ދަތުރު ގޮސް، ހިތްހަމަޖައްސާލެވޭނެ ފަދަ ގޮތަކަށް ތައްޔާރުކޮށްފައިވާ ކުޑަގިރި ޕިކްނިކް އައިލެންޑަށް 2 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހިޔާ ލިބޭ ބޮޑެތި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.

މާލެ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކުން ދަތުރު ދިޔުމަށް ތަރައްޤީކުރި ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވާފައިވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 11ވަނަ ދުވަހުއެވެ.

ކުޑަގިރި ބެލެހެއްޓުން ހަވާލުކޮށްފައިވާ ހައުސިންގ ޑިވަލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ވިދާޅުވީ ކުޑަގިރިއަށް 2 އަހަރު ފުރުމާ ގުޅިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު މަޢުރޫފް ޖަމީލާއި ޗެއަރމަން އަޙްމަދު ނާސިފްގެ އިތުރުން ކުންފުނީގެ ބޯޑު މެންބަރުން އެ ރަށަށް ޒިޔާރާތްކޮށްފައިވާ ކަމަށެވެ. އަދި އެ ރަށުގައި ހިޔާދޭ ބޮޑެތި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށްގެންގޮސްފައިވާކަމަށް އެޗްޑީސީން ވިދާޅުވިއެވެ.

މިއީ ސަރުކާރުގެ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމުގެ ތެރެއިން ކުރިއަށްގެންދެވުނު ހަރަކާތެއްކަމަށްވެސް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ.

އެޗްޑީސީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2 އަހަރު ދުވަހުގެ ތެރޭގައި 54،724 މީހުން ކުޑަގިރިއަށް ދަތުރުގޮސްފައިވެއެވެ. އަދި ދަތުރު ދާ ގިނަ މީހުން އެ ރަށާ މެދު ހިތްހަމަޖެހުން ފާޅުކުރާކަން އެޗްޑީސީން ފާހަގަކުރައްވައެވެ.

އެޗްޑީސީން އަންނަނީ ކުޑަގިރިއަކީ ދަތުރު ދާ މީހުންނަށް ހިތްހަމަޖެހޭނެ ރަށަކަށް ހެދުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ކުޑަގިރިއަށް ދަތުރު ދިއުމާއި ދަތުރުގެ އެހެނިހެން އިންތިޒާމުތައް ހަމަޖައްސައިދޭނެ ޚާއްސަ ކައުންޓަރެއް ހުޅުމާލޭގައި ޤާއިމުކޮށްފައިވެއެވެެ. އަދި އަންނަ އޭޕްރީލް މަހުން ފެށިގެން ކުޑަގިރީގެ ޚިދުމަތްދޭ ގަޑި ކޮންމެ ދުވަހެއްގެ ރޭގަނޑު 11:30އަށް އިތުރުކުރުމަށްވެސް އެޗްޑީސީން ވަނީ ނިންމާފައެވެ.

މީގެ އިތުރުން ކުޑަގިރީގައި ޚާއްސަ ޑައިވް ސައިޓެއް ހެދުމަށްވެސް އެޗްޑީސީން ވަނީ ނިންމާފައެވެ. މި މަޝްރޫޢު ކުރިއަށްދާނީ އެޗްޑީސީއާއި އެމްއެމްޕީއާރްސީ އަދި އެމްޓީސީސީ ގުޅިގެންނެވެ.