ޚަބަރު

ސެންޓަރުތައް އިތުރުކޮށް، ޓޯކަން ހަމަޖެއްސުމާއެކު މަސްދަޅު ކޭސް ހޯދުމަށް ލުއިތަކެއް


  • ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭސް ލިބެންދެން ދޫކުރާނެ

  • ޓޯކަން ދޫކުރާނީ އިރުއޮއްސި 6 އިން ފެށިގެން

  • މަސްދަޅު ކޭސް ދޫކުރާނީ ރޭގަނޑު 8 އިން 12އަށް

ޓޯކަން މެދުވެރިކޮށް ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ބަހާ މަސްދަޅު ކޭސް، މާލެ ސަރަހައްދުގައި ބަހަން ފެށުމާއެކު، މަސްދަޅު ކޭސްބަހާ ސެންޓަރުތަކަށް ބާރު ކުޑަވެ، ލުއިފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެހިއްޖެއެވެ.

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބަހަން ފެށީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެޔެއެވެ. އޭރޭ މަސްދަޅު ކޭސް މާލޭގައި ބެހީ ދެ ސެންޓަރުގައެވެ. އެއީ މިފްކޯ ކޮމްޕްލެކްސްއާއި އެމްޓީސީސީ ސޯމިލުންނެވެ. އަދި ވިލިމާލެއާއި ހުޅުމާލޭ ފޭސް އެކެއް އަދި ދޭއްގައިވެސް އެއް ސެންޓަރުން ބަހަމުން ދިއުމުން، އެތައް ބަޔަކު ނިކުމެ އެ ސެންޓަރުތައް ކައިރީގައި ކިއުގައި ޖެހުނެވެ. އަދި ވަރަށް ގިނައިރު ކިއުގައި ތިބެންޖެހުމުން އެތައްބައެއްގެ ކަންބޮޑުވުން އޮތެވެ.

ރައްޔިތުންގެ އެ ކަންބޮޑވުންތައް އަޑުއަހައި ސަރުކާރުން މިހާރު މިވަނީ މަސްދަޅު ކޭސްތައް ބެހުމުގައި ވަރަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސަވާފައެވެ.


ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ވަނީ މަސްދަޅު ކޭސް ބަލާ ސެންޓަރުތަކަށް ދިއުމުގެކުރިން ޚާއްޞަ ޓޯކަނެއް ނެގޭނެ އިންތިޒާމު ހަޖައްސާފައެވެ. އެގޮތުން ކޮންމެ ދުވަހެއްގެ އިރުއޮއްސި ހައެއް ޖެހުމާއެކު ޓޯކަން ދޫކުރަން ފަށާނެއެވެ. އަދި ކޮންމެ މީހަކަށްވެސް ބޭނުންވާ ދުވަހަކަށް، ބޭނުން މަރުކަޒަކަށް މަސްދަޅު ކޭސް ބަލާދިއުމަށް އިންތިޒާމު ހަމަޖެއްސޭނެއެވެ.

ޓޯކަން ނަމްބަރު ނެގުމަށް ދަތިވާ ފަރާތްތަކަށް އެހެން މީހެއްގެ އެހީތެރިކަންވެސް ހޯދޭނެއެވެ. އެގޮތުން އާއިލީ މީހެއްގެ ނުވަތަ އިތުރު މީހެއްގެ އެހީތެރިކަން ހޯދުމަށް ދަތިވާ ފަރާތްތަކަށް، މަސްދަޅު ކޭސްތައް ބަހާ ސެންޓަރުތަކުގައި ތިބި އިންތިޒާމުކުރާ ފަރާތްތަކުގެ އެހީގައި ޓޯކަން ނެގޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.


މާލޭ ސަރަޙައްދުގައި މަސްދަޅުކޭސް ބެހުމުގެ ކަންކަން ކުރިއަށްދާނީ ރޭގަނޑު 08:00 އިން 12:00 އަށެވެ. ސަރުކާރުން ދެއްވާ ޔަޤީންކަމަކީ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޫކުރާ މަސްދަޅު ކޭސް، ހުރިހާ ގޭބިސީއަކަށް ލިބެންދެން ބެހުމުގެ މަސައްކަތް ކުރިއަށްދާނެކަމެވެ.

މަސްދަޅުކޭސް ދޫކުރާނެ ތަންތަނާއި ދޫކުރާނެ ޓޯކަންގެ ޢަދަދު:


• މިފްކޯ ކޮމްޕްލެކްސް (މާފަންނު): 200 ޓޯކަން
• އެމް.ޓީ.ސީ.ސީ ސޯމިލް: 200 ޓޯކަން
• ހެންވޭރު ދަނޑު: 100 ޓޯކަން
• ގަލޮޅު ދަނޑު – ސެޓަޕް 1 : 50 ޓޯކަން
• ގަލޮޅު ދަނޑު – ސެޓަޕް 2 : 50 ޓޯކަން
• ގަލޮޅު ދަނޑު – ސެޓަޕް 3 : 50 ޓޯކަން
• ގަލޮޅު ދަނޑު – ސެޓަޕް 4 : 50 ޓޯކަން
• ސޯޝަލް ސެންޓަރު : 100 ޓޯކަން
• ވިލިމާލެ – ވެމްކޯ ސައިޓް: 100 ޓޯކަން
• ހުޅުމާލެ – އުމަރު ޒާހިރު ބިލްޑިންގ: 100 ޓޯކަން
• ހުޅުމާލެ – ޕޮލްކޯ ޓަވރ (ސީ ބްލޮކް): 100 ޓޯކަން
• ހުޅުމާލެ – ހިޔާ ޓަވަރު 10 : 100 ޓޯކަން

ސަރުކާރުގެ މި އިންތިޒާމުތަކާއެކު މަސްދަޅު ކޭސް ދޫކުރާ މަރުކަޒުތައް ކައިރީގައި ބާރު ކުޑަވެ ރައްޔިތުންނަށް ވަނީ ލުއިފަސޭހަ ކަމާއެކު މަސްދަޅު ކޭސް ލިބޭނެ އިންތިޒާމު ހަމަޖެހިގެންގޮސްފައެވެ.

ސަރުކާރުން އަންނަނީ ރަމަޟާންމަހު ކޮންމެ ގޭބީސީއަކަށް ރޯދަ ހަދިޔާ ދެމުންނެވެ. އެގޮތުން މިދިޔަ ރަމަޟާންމަހު ސަރުކާރުން ވަނީ ކާޑުގެ ބާވަތްތައް ދޫކޮށްފައެވެ. އަދި މި ރަމަޟާންމަހު މަސްދަޅު ކޭސް ރޯދަ ހަދިޔާގެ ގޮތުގައި ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވިއިރު، މިއީ މީގެ ކުރިން އެއްވެސް ސަރުކާރަކުން ކޮށްފައިވާކަމެއް ނޫނެވެ. މީގެކުރިން ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި މިފަދަ ގޮތަކަށް ރޯދަ ހަދިޔާ ދޫކޮށްފައެއް ނުވެއެވެ. ވުމާއެކު ރޯދަ ހަދިޔާ ލިބިގަންނަން އެތައް ރައްޔިތުންނެއް ވަނީ ޝުކުރުވެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާގެ ރޯދަ ހަދިޔާ ބަލައިގަންނަކަމަށް ބުނެފައެވެ.

މަސްދަޅު ކޭސް ބަލާ ދާއިރު އެފަރާތެއްގެ އައި.ޑީ.ކާޑާއި އެއްމަހުގެ ކަރަންޓު ބިލު ގެންދިއުމަށް ވަނީ އެދިފައެވެ. އަދި، އެއް ފަރާތަށް އެންމެ ގިނަވެގެން ދޫކުރާނީ، (3 މީޓަރަށް) 3 މަސްދަޅު ކޭހެވެ.