ޚަބަރު

ބުރު ސްޕޯޓްސް ބަލިކޮށް މާޒިޔާ ސެމީފައިނަލަށް


އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި ބުރު ސްޕޯޓްސް އަތުން މޮޅުވެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މުބާރާތުގެ ސެމީފައިނަލުން ޖާގައެއް ކަށަވަރުކޮށްފިއެވެ.

ގަލޮޅު ދަނޑުގައި ކުޅުނު ގްރޫޕް އޭގެ މެޗު މާޒިޔާ ކާމިޔާބުކޮށްފައިވަނީ ބުރު ސްޕޯޓްސް އާއި ވާދަކޮށް 5-2 ގެ ނަތީޖާއަކުންނެވެ.

މީގެއިތުރުން މި ހަފުތާގެ ކުރީކޮޅު ކްލަބް އީގަލްސް އަތުން ލިބުނު ހިތްދަތި ނާކާމިޔާބީއަށް ފަހު ކްލަބް ވެލެންސިއާ އިން ސެމީ ފައިނަލުގެ ޖާގައެއް ހޯދުމުގެ އުއްމީދު އާކުރީ ރޭ ކްލަބް ގްރީން ސްޓްރީޓްސް އަތުން 5-0 އިން މޮޅުވެގެންނެވެ. މި ބޮޑު މޮޅާއެކު ގްރޫޕް ސްޓޭޖުގެ ފަހު މެޗަށް ތައްޔާރުވަމުން އަންނަ ކްލަބް ވެލެންސިއާ އަށް 6 ލަނޑުގެ އެޑްވާންޓޭޖެއް އެބައޮތެވެ.

ރޭ ބުރު ސްޕޯޓްސް ކްލަބް އަތުން 5-2 އިން މޮޅުވެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ވެގެން ދިޔައީ ގްރޫޕް އޭ އިން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ފުރަތަމަ ޓީމަށެވެ. ގްރީން ސްޓްރީޓުން ވަނީ ދެ ކްލީން ޝީޓް ހިފަހައްޓައި ތިން މެޗުން 14 ލަނޑު ޖަހައިފަ އެވެ.

ގްރޫޕް އޭގައި އަންނަ ހޯމަ ދުވަހު ހަވީރު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކްލަބް އީގަލްސް ކުޅޭނެއެވެ. ހޯމަ ދުވަހުގެ ރޭ ކްލަބް ވެލެންސިއާ އާއި މާޒިޔާ ބައްދަލުކުރާ މެޗުން ގްރޫޕްގެ އެއްވަނަ އާއި ދެވަނަ ކަނޑައަޅާނެ އެވެ. ކްލަބް އީގަލްސް އާއި ކްލަބް ވެލެންސިއާ އަށް ވެސް ސެމީގެ ޖާގައެއް ހޯދުމުގެ ފުރުސަތު ހޯދަން މެޗުން މޮޅުވާން ޖެހެ އެވެ.

ގްރޫޕް ބީގެ ދެ މެޗު މާދަމާ ކުޅުމަށް ވަނީ ހަމަޖެހިފައެވެ.