އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރެންޓްފޯޑް އާއި ދެކޮޅަށް ލެސްޓަރ ސިޓީ ކުޅުނު މެޗުން 4-0 ގެ ނަތީޖާއަކުން ލެސްޓަރ ސިޓީ ބަލިވެ ރެލިގޭޝަނުގެ ބިރާއި އެ ޓީމުން ކުރިމަތިލާން ޖެހިއްޖެ އެވެ.
މި މެޗުން ބްރެންޓްފޯޑް މޮޅުވުމާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 26 މެޗުން ލިބިފައިވާ 37 ޕޮއިންޓާއެކު ތާވަލުގެ 10 ވަނަ މަގާމު ލިބިފަ އެވެ. ލެސްޓަރ ސިޓީއަށް 26 މެޗުން ލިބިފައިވާ 17 ޕޮއިންޓައެކު އެ ޓީމު އޮތީ ތާވަލުގެ 19 ވަނައިގައި ރެލިގޭޝަން ޒޯނުގަ އެވެ.
މި މެޗުން ލެސްޓަރ ސިޓީ ބަލިވެފައިވާއިރު އެ ޓީމުން ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު ހަ މެޗުންވެސް ބަލިވެފަ އެވެ. އަދި މި ހަ މެޗުގައިވެސް އެ ޓީމަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވާއިރު މިއީ ޕްރިމިއާ ލީގުގައި އެއް ސީޒަނެއްގައި ޓީމަކަށް ލަނޑެއް ނުޖެހި ދިޔަ އެންމެ ދިގު މުއްދަތެވެ. އަދި އެ ޓީމުން އެންމެ ފަހުން ކުޅުނު 11 މެޗުގެ ތެރެއިން 10 މެޗުން ވަނީ ބަލިވެފަ އެވެ.
ލެސްޓަރ ސިޓީގެ ކޯޗު ކަމާއި ރޫޑް ވެން ނިސްޓެލްރޫއީ ހަވާލުވުމަށްފަހު އޭނާގެ އިރުޝާދުގެ ދަށުން އެ ޓީމު މިހާތަނަށް ޕްރިމިއާ ލީގުގައި ކުޅުނު 13 މެޗުގެ ތެރެއިން މޮޅުވެފައިވަނީ 2 މެޗުންނެވެ.
ލެސްޓަރ ސިޓީގެ ސަޕޯޓަރުން ވަނީ އެ ޓީމަށް އެދެވޭ ނަތީޖާތަކެއް ފަހަކަށް އައިސް ހޯދިފައިނުވާއިރު އެ ޓީމުގެ ޑިރެކްޓަރ އޮފް ފުޓްބޯލް ޖޮން ރުޑްކިން ގެ އިތުރުން ކްލަބުގެ ބޯޑު މެމްބަރުންގެ އިސްތިއުފާއަށް ގޮވާފައެވެ.
ބްރެންޓްފޯޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 17 ވަނަ މިނިޓުގައި އެ ޓީމުގެ ޔޯން ވިއްސާ ވަނީ ލަނޑެއް ޖަހާ އިދިކޮޅު ޓީމުގެ ގޯލު ހުޅުވާލާފަ އެވެ. އަދި އޭގެ 10 މިނިޓު ފަހުން ބްރަޔަން އެމްބެއޫމޯ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ބްރެންޓްފޯޑްގެ ކްރިސްޓިއަން ނޯގާޑު ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ. މި ލަނޑާއެކު ލެސްޓަރ ސިޓީގެ ސަޕޯޓަރުން ވަނީ ދަނޑުން ނިކުންނަން ފަށާފަ އެވެ.
އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައިވަނިކޮށް ފަބިއޯ ކަވާލިއޯ ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުން އެ ޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.