ޚަބަރު

ބޭނުންވަނީ އެވަޓަން އަތުން މޮޅުވާން: އަމޮރިމް


އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު އެވަޓަން އާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ކުޅޭ މެޗުން ބޭނުންވަނީ މޮޅުވާން ކަމަށް މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމް ބުނެފި އެވެ.

މި މެޗަށް މި ދެ ޓީމު ނިކުންނައިރު 30 ޕޮއިންޓާއެކު އެވަޓަން އަށް ތާވަލުގެ 14 ވަނަ ލިބިފައިވާއިރު މެންޗެސްޓަރ ޔުނައިޓެޑަށް ލިބިފައިވާ 29 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 15 ވަނައިގަ އެވެ.

"އަހަރުމެން މިތިބީ ވަރަށް އުނދަގޫ ހާލަތެއްގައި އެހެންކަމުން މިއަދު އެވަޓަން އާއި ދެކޮޅަށް ކުޅޭ މެޗުން ބޭނުންވަނީ މޮޅުވާން. މި މެޗުން ރަގަޅު ނަތީޖާއެއް ނުލިބިއްޖެނަމަ އަނެއްކާވެސް އިތުރު ކަންތައްތަކަކާއި ކުރިމަތިލާން ޖެހޭނެ." އަމޮރިމް ބުންޏެވެ.

އެވަޓަން އާއި ދެކޮޅަށް ނިކުންނައިރު އަމޮރިމް އަށް ލިބިފައިވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަނިޔާގައި ތިބި ކުޅުންތެރިންގެ ތެރެއިން ތިން ކުޅުންތެރިއަކު ރަގަޅުވެ އަލުން ޓީމާއި ގުޅިފައިވުމެވެ. އެގޮތުން ކްރިސްޓިއަން އެރިކްސަން އާއި މެނުއެލް އުގާޓޭގެ އިތުރުން ލެނީ ޔޯރޯ ވަނީ އަނިޔާއިން ރަގަޅުވެ އަލުން ޓީމާއި ގުޅިފަ އެވެ.

އަމޮރިމް ބުނެފައިވަނީ އެރިކްސަން އާއި ގުޅޭ ގޮތުން އެންމެ ފަހުން ދެކެވުނު ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށާއި އެންމެ ފަހުން ކުޅުނު މެޗުގައި އޭނާ ބޭނުންކޮށްފައިނުވަނީ ވައިރަލް ހުމެއްގެ ސަބަބުން ކަމަށެވެ.

އަދި މެންޗެސްޓަރ ޔުނައިޓެޑަކީ އެލެކްސް ފަރގަސަންގެ ދުވަސްވަރު އެތަކެއް ކާމިޔާބީއެއް ހޯދާފައިވާ ޓީމެއް ކަމަށާއި އަދި ހުރިހާ އެނެމްންގެވެސް އުންމީދަކީ ކޮންމެ ކޯޗެއް އަޔަށް އެފަދަ ކާމިޔާބީތަކެއް ހޯދުން ކަމަށާއި ނަމަވެސް ފަރގަސަން އެ ކްލަބާއިއެކު ހޯދާފައިވާ ކާމިޔާބީތަކަކީ އެހެން މީހަކަށް ކުރެވޭނެ ނުވަތަ ބަދަލުކުރެވޭނެ ތާރީޚެއް ނޫން ކަމަށްވެސް އަމޮރިމް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އެވަޓަންގެ ކޯޗު ޑޭވިޑް މޯޔެސް އެ ޓީމާއި ހަވާލުވުމަށްފަހު ގިނަ ކަންތައްތަކެއް ބަދަލުވެފައިވާ ކަމަށާއި އެހެންކަމުން އޭނާ އިރުޝާދު ދޭ ޓީމަކާއި ދެކޮޅަށް ކުޅެ މޮޅުވުމަކީ އުނދަގޫ ކަމެއް ކަމަށްވެސް ޕޯޗުގަލް އަށް އުފަން ކޯޗު ވަނީ ބުނެފަ އެވެ.