ރަމަޟާންމަހަށް މަރުހަބާކިއުމުގެ ގޮތުން ޕީއެންސީގެ ފަރާތުން އެ ޕާޓީގެ މެމްބަރުންނަށް މާހެފުމެއް ބާއްވައިފިއެވެ.
ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީން ބޭއްވި މި މާހެފުމަކީ އެ ޕާޓީގެ އަންހެނުންގެ ހަރަކާތުގެ ފަރާތުން އިންތިޒާމްކޮށްގެން، މާލެ ސަރަޙައްދަށް ޚާއްސަކޮށްގެން ބޭއްވި މާހެފުމެެކެވެ.
ޕީއެންސީގެ އިސްވެރިންނާއި އެ ޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވި “މާހެފުން 2025” ކުރިއަށްދިޔައީ އާޓިފިޝަލް ބީޗު ސަރަހައްދުގައެވެ.
ޕީއެންސީގެ މާހެފުން ފެށުމުގެ ގޮތުން ބޭއްވި ހަފްލާގައި ހުރާ ދާއިރާގެ މެމްބަރު ޑރ. އަނާެރާ ނައީމް ވަނީ ރަމަޟާންމަހުގެ ޚާއްސަކަމާއި ރަމަޟާންމަހަށް ތައްޔާރުވުމުގެ ،މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ރަމަޟާންމަހަކީ އެހެން މަސްތަކާއި އަޅާބަލާއިރު ގިނަ ސަވާބާއި ދަރުމަ ލިބޭ މަހެއްކަން އަނާރާ ފާހަގަކުރެއްވިއެވެ.
އަނާރާގެ ވާހަކަފުޅުގައި ވަނީ މާހެފުމަކީގުޅުންތައް ބަދަހިކޮށް، އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި ޒަމާނުއްސުރެ އާއިލާތަކާއި، އެކުވެރިންގެ މެދުގައި އިންތިޒާމް ކުރަމުން އަންނަ ހަރަކާތެއްކަންވެސް ފާހަގަކުރައްވާފައެވެ.
ޕީއެންސީގެ މާހެފުން ފެށުމުގެ ގޮތުން ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއާއި ޕީއެންސީގެ ލީޑަރޝިޕްގެ ފަރާތުން ދައުވަތު ދެއްވައިގެން ބޭއްވި މާހެފުމަށްވަޑައިގެންނެވި ފަރާތްތަކަށް ޝުކުރު އަދާކުރައްވައި، ރަމަޟާންމަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.
ޕީއެންސީން ބޭއްވި މާހެފުމުގައި ޕާޓީގެ އިސްވެރިންނާއި ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން އަދި ޕީއެންސީީގެ އާއްމު ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވިއެވެ.