ޚަބަރު

ފުރަތަމަ ރޭ އެކަނިވެސް 9000އަށްވުރެ ގިނަ މަސްދަޅު ކޭސް ބަހައިފި


  • ހޮނިހިރު ދުވަހުން ފެށިގެން 13 ތަނަކުން މަސްދަޅު ކޭސް ބަހާނެ

  • މަސްދަޅު ކޭސް ބަހާނީ ރޭގަނޑު އެކަނި

ރަމަޟާން މަހަށް ގޭބިސީތަކަށް ސަރުކާރުން ދެއްވާ މަސްދަޅު ކޭސް ބަހަން ފަށައި ފުރަތަމަ ރޭ އެކަނިވެސް 9000އަށްވުރެ ގިނަ މަސްދަޅުކޭސް ބަހައިފިއެވެ.

މާލެ ސަރަހައްދުގައި މަސްދަޅު ކޭސްތައް ބަހަން ފަށާފައިވަނީ ބުރާސްފަތި ދުވަހުގެރޭ 20:30 ގައެވެ. މަސްދަޅުބަހަން ފެށި ގަޑީގައި ގިނަ އަދަދެއްގެ ބަޔަކު މަސްދަޅު ބަހާ ސަރަހައްދުތަކުގައި ކިއުގައި ތިބިއެވެ. އެރޭ އެކަނިވެސް 9394 ގޭބީސީއަކަށް މަސްދަޅު ކޭސް ބަހާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވަނީ ވިދާޅުވެފައެވެ.

މަސްދަޅު ކޭސް ބެހުނު އަދަދު

* ވިލިމާލެ: 582 ކޭސް
* އެމްޓީސީސީ ސޯމިލް: 2083 ކޭސް
* މިފްކޯ: 3666 ކޭސް
* ހިޔާ ފްލެޓް ޓަވަރު 10: 1555 ކޭސް
* އުމަރު ޒާހިރު ބިލްޑިންގ: 1508 ކޭސް

މަސްދަޅު ކޭހަށް ޑިމާންޑް ބޮޑުވެ މަސްދަޅު ކޭސްތައް ބެހުމުގެ އިންތިޒާމްތައް އިތުރަށް ހަރުދަނާކޮށް ހޮނިހިރު ދުވަހުން ފެށިގެން 13 ތަނެއްގައި މަސްދަޅު ކޭސް ބެހުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.

މަސްދަޅު ކޭސް ބަހާނެ ތަންތަން:

* މިފްކޯ އޮފީސް ކޮމްޕައުންޑް
* ގަލޮޅު ދަނޑުގެ 4 ފަރާތުގެ ސިޑިބަރި ކައިރި
* ސޯޝަލް ސެންޓަރު
* ހެންވޭރު ދަނޑު
* ހެންވޭރު އެމްޓީސީސީ ސޯމިލް
* ވިލިމާލޭ ވެމްކޯ ސައިޓް
* ހުޅުމާލެ ފޭސް-1ގެ އުމަރު ޒާހިރު ބިލްޑިންގ އާއި އިތުރު ތަނެއް
* ހުޅުމާލެ ފޭސް-2، ހިޔާ ފްލެޓް ޓަވަރ 10ގެ ޔޫތު ސެންޓަރާއި އިތުރު ތަނެއް

ހޮނިހިރު ދުވަހުން ފެށިގެން މަސްދަޅު ކޭސް ދޫކުރާނީ ރޭގަނޑު އެކަނިކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ.

ރަމަޟާންމަހަށް ސަރުކާރުން ގޭބިސީތަކަށް މަސްދަޅު ކޭސް ދޫކުރާނީ ހަމައެކަނި ދިވެހީންނަށް ކަމަށާއި، މަސްދަޅުކޭސް ބަލާ ދާ މީހާގެ އައިޑީކާޑު ބޭނުންވާނެކަމަށް އެސްޓީއޯއިންވަނީ ވިދާޅުވެފައެވެ. އަދި މަސްދަޅު ކޭސް ބަލާ ދާއިރު އެގޭބީސީއެއްގެ ކަރަންޓް ބިލުގެ އެންމެ ފަހު ތިން މަހުގެ ބިލުގެ ތެރެއިން ކަރަންޓް މީޓަރު އެނގޭނެ ފަދަ ލިޔުމެއް ގެންނަން ޖެހެއެވެ.

ގޭބީސީތަކަށް ބަހަނީ އާންމުކޮށް ބޭނުންކުރާ 180 ގްރާމްގެ 48 ދަޅުގެ މަސްދަޅު ކޭހެވެ. ރަމަޟާން މަސް ފެށުމުގެ ކުރިން މަސްދަޅު ކޭސްތައް ބަހައި ނިމޭނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ކުރިއަށް އޮތް ރަމަޟާންމަހު ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކުރުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާންކުރެއްވީ، ސަރުކާރަށް އެއް އަހަރުފުރުމުގެ ކާމިޔާބީ ފާހަގަކުރުމަށް މިދިޔަ ނޮވެންބަރު މަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ކަލަންޑަރުގައިވާގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މަރޗް މަހުގެ 1ވަނަ ދުވަހެވެ.