ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ނަފުސާނީ ޞިއްޙަތުގެ ޤައުމީ ހެލްޕްލައިން މެދުވެރިކޮށް 3000އަށް ވުރެ ގިނަ ފޯނުކޯލަށް ޖަވާބުދީފައިވާކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ނަފުސާނީ ކަންކަން ދިމާވެފައިވާ ފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކުރުމަށް ނަފުސާނީ ޞިއްޙަތުގެ ޤައުމީ ހެލްޕްލައިނެއް ސަރުކާރުން އިފްތިތާޙުކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 21ވަނަ ދުވަހުއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 14 ހަފުތާގައި ފުއްދުމަށް އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ކަމެކެވެ.
ޞިއްޙީ ވުޒާރާއިން ވިދާޅުވީ ނަފްސާނީ ޞިއްޙަތުގެ ޤައުމީ ހެލްޕްލައިން ކަމުގައިވާ 1677އިން 3,651 (ތިން ހާސް ހަސަތޭކަ ފަންސާސް އެއް) ފޯނު ކޯލަށް ޖަވާބުދީފައިވާ ކަމަށެވެ. އަދި ގުޅާފައިވާ މީހުންގެ ތެރެއިން 53 މީހަކަށް ނަފުސާނީ އެހީ ހޯދުމަށް ލަފާދީ، ނަފުސާނީ އުނދަގޫތައް ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވިއެވެ.
ނަފްސާނީ ޞިއްޙަތުގެ ހެލްޕުލައިންގެ މަޤުޞަދުތަކުގެ ތެރޭގައި ނަފްސާނީ އެކި އުނދަގޫތައް ހުންނަ އެކި ޢުމުރުފުރައިގެ މީހުންނަށް 24 ގަޑިއިރު އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. އަދި މި ހެލްޕްލައިން މެދުވެރިކޮށް އެހީއަށް އެދޭ މީހުންނަށް މައްސަލަ ހައްލުކުރުމުގެ އެހީތެރިކަމާއި މަޢުލޫމާތު ދިނުމާއި އިތުރު އެހީއެއް ބޭނުންނަވާނަމަ އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން އެކި ޚިދުމަތްތަކަށް ލަފާދެއެވެ.
ޞިއްޙީ ވުޒާރާއިން ވިދާޅުވީ ނަފުސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަކީ ލައިސަންސް ލިބިފައިވާ ފަންނުވެރިންކަން ކަށަވަރުކޮށް، ކޯލް އޭޖެންޓުންނަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ހެލްޕްލައިންގެ ޚިދުމަތް ހަރުދަނާކޮށް، ފަންނީ ޤާބިލުކަން އިތުރުކޮށް، ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ވަށާޖެހޭ ސިޔާސަތުތަކެއް އެކުލަވާލުމަށް މަސައްކަތްކުރަމުންދާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާގައި އިންސާނީ ވަސީލަތްތައް މަދުވުން ފަދަ ދަތިތައް ރާއްޖެއަށް އެބަހުއްޓެވެމ ނަމަބެސް ސަރުކާރުން ދަނީ މުޅި ރާއްޖެއަށް ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ.