ޚަބަރު

އުރީދޫގެ އަހަރީ އާންމު ޖަލްސާ އަންނަމަހު 9ގައި


  • ޖަލްސާއަށް ހާޒިރުވެ ބައިވެރިވެވޭނީ 50 ހިއްސާދާރުންނަށް

  • ޖަލްސާގައި ބައިވެރިވުމަށް މާރިޗުމަހުގެ 7 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީވާންޖެހޭނެ

އުރީދޫ މޯލްޑިވްސްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ މިފެށޭ މާރިޗު މަހުގެ 9ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ.

މި އަހަރުގެ އަހަރީ އާންމު ޖަލަސާގައި ބައިވެރިވާންބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް ނުވަތަ އުރީދޫ މޯލްޑިވްސް ހެޑް ކުއާޓަރސްއަށް ހާޒިރުވެގެންވެސް ބައިވެރިވެވޭނެކަމަށް އުރީދޫން ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްއިން ވިދާޅުވީ، އެ ކުންފުނީގެ 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއަށް ހާޒިރުވެ ބައިވެރިވެވޭނީ 50 ހިއްސާދާރުންނަށްކަމަށެވެ. އަދި އޮންލައިންކޮށް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ "ފަހިވޯޓް" މެދުވެރިކޮށް ޖަލްސާގައި ބައިވެރިވުމުގެ އިންތިޒާމް ހަމަޖައްސައި ދެވޭނޭކަމަށްވެސް އެ ކުންފުނިން ވިދާޅުވެއެވެ.

މި ޖަލްސާގައި ބައިވެރިވެވޭނީ 18 ފެބްރުއަރީ 2025 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނީގެ ޙިއްޞާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އަދި ޖަލްސާއަށް ހާޒިރުވެ ބައިވެރިވާން ބޭނުންވާ ފަރާތްތަކާއި، އޮންލައިންކޮށް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް، އެޖެންޑާގެ ކޮންމެ އައިޓަމަކަށް 1 ވޯޓު ލެވޭނެއެވެ.

އުރީދޫ މޯލްޑިވްސްއިން ވިދާޅުވީ ކުރީއަހަރުތަކާ އެއްގޮތަށް މިއަހަރުގެ ޖަލްސާގައިވެސް ކުންފުނީގެ ފައިދާއިން ޙިއްޞާދާރުންނަށް ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ ޢަދަދު ފާސްކުރުން އޮންނާނެކަމަށެވެ. އަދި މި އަހަރަށް ކުންފުނީގެ އޮޑިޓަރުން ހޮވާ، އެފަރާތުގެ އުޖޫރަ ކަނޑައެޅުމާއި، ކުރިއަށް އޮތް ދައުރަށް ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރުންވެސް އޮންނާނެކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

މި އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ 7 މާރިޗު 2025 ވާ ހުކުރު ދުވަހުގެ ކުރިން ޖަލްސާގައި ބައިވެރިވުމަށް އެދި ރަޖިސްޓްރީކުރާ ފަރާތްތަކަށްކަމަށްވެސް އެ ކުންފުނިން މައުލޫމާތުދެއެވެ.

2024ވަނަ އަހަރު އުރީދޫއިން ބޭއްވި އަހަރީ އާންމު ޖަލްސާގައި އޭގެ ކުރީ އަހަރު (2023ވަނަ އަހަރު) އެ ކުންފުންޏަށް ލިބުނު ފައިދާއިން ހިއްސާއަކަށް 3.27 (ތިން ރުފިޔާ ހަތާވީސް ލާރި) ބަހައިފައިވެއެވެ. މިއީ 2022 ވަނަ އަހަރު ބެހި ޢަދަދަށްވުރެ 23 ލާރީގެ އިތުރުވުމެކެވެ. އެ އަހަރު ހިއްސާއަކަށް ބަހާފައިވަނީ 3.04 ރުފިޔާއެވެ.