ޚަބަރު

ޙަމާސުން ޙަވާލު ކޮށްފައި ވަނީ އަސީރެއްގެ ހަށިގަނޑެއް ނޫން: ޔަހޫދީން


ފެބުރުވަރީ 20ވަނަ ދުވަހު ފަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ޔަހޫދީންނާ ޙަވާލު ކޮށްފައިވާ އަސީރުންގެ ހަށިތަކުގެ ތެރެއިން އެއް ހަށިގަނޑަކީ އެ ޖަމާޢަތުން ރަހީނު ކޮށްފައިވާ އަސީރުންގެ ތެރެއިން މީހެއްގެ ހަށިގަނޑު ނޫން ކަމަށް ބުނެ، އެ ޖަމާޢަތުގެ ބޮލުގައި ޔަހޫދީން ބޮޑު އިލްޒާމެއް އަޅުވައިފިއެވެ. އެ ދުވަހު ޙަމާސުން ވަނީ ހަތަރު މީހެއްގެ ހަށިގަނޑު ޔަހޫދީންނާ ޙަވާލު ކޮށްފައެވެ. އެއީ، ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގި ޤަތުލުޢާންމުގެ ދަށުން ދީފައިވާ ޢުދުވާނީ ޙަމަލާތަކުގައި މަރުވެފައިވާ ހަތަރު މީހެއްގެ ހަށިގަނޑު ކަމުގައި ޙަމާސުން ބުންޏެވެ.

އެއީ ކޮން ބަޔެއްގެ ހަށިތަކެއް ކަން ކަށަވަރު ކުރުމަށް ތަހުލީލުތައް ހެދުމަށް ފަހު ޔަހޫދީން ބުނީ، އޭގެ ތެރެއިން އެއް ހަށިގަނޑަކީ ޙަމާސުން ބުނެފައިވާ މީހާގެ ހަށިގަނޑު ނޫން ކަމުގައެވެ. އަދި، މިއީ ޣައްޒާ ޢުދުވާން މެދުކަނޑައިލުމަށް އަމަލު ކުރަމުންދާ އެއްބަސްވުމާ ޚިލާފަށް ޙަމާސުން ހިންގާފައިވާ އަމަލެއް ކަމުގައެވެ. ޙަމާސްގެ ބޮލުގައި މި ފަދަ އިލްޒާރެއް އެޅުވުމަކީ، ޣައްޒާ ޢުދުވާން މެދުކަނޑައިލުމަށް އަމަލު ކުރަމުންދާ އެއްބަސްވުން ރޫޅައިލުމަށް ޔަހޫދީން ދައްކާފައިވާ އުޒުރެއްގެ ގޮތުގައި ބެލުމުގެ ފުރުޞަތު އޮތް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.

ޔަހޫދީންގެ ތުހުމަތާ ގުޅިގެން ޙަމާސުން ވަކި އެއްޗެއް ހާމަކޮށްފައެެއް ނެތެވެ. ނަމަވެސް، އެ ތުހުމަތާ އެކު، އަސީރުން ބަދަލު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅިފައިވާ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. އަދި، ޣައްޒާ ޢުދުވާން މެދުކަނޑައިލުމަށް އަމަލު ކުރަމުންދާ އެއްބަސްވުމުގެ ދެވަނަ މަރުހަލާއާ މެދު ސުވާލު އުފެދިފައިވާ ކަމަށް ވެސް އެ ފަރާތްތަކުން ދެކެއެވެ.

ޙަމާސުން ޙަވާލު ކޮށްފައި ވަނީ ޔަހޫދީއެއްގެ ހަށިގަނޑު ނޫން ކަމަށް ޒަޔަނިސްޓުން ތުހުމަތު ކުރުމާ އެކު، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އޭނާ ސިފަ ކުރެއްވި ގޮތުގައި ޙަމާސުން ހިންގާފައި ވަނީ ވަރަށް "އިންސާނިއްޔަތު ކަން ކުޑަ، ބިރުވެރި" އަމަލެކެވެ. އަދި، ޙަމާސްގެ ބެލުމުގައި ދަށުގައި ތިބި ހުރިހާ އަސީރުން މިނިވަން ކުރުމަށް ދެކޮޅު ހަދާ ނަމަ، އެ ޖަމާޢަތް ނައްތައިލާނެ ކަމަށް ވިދާޅުވެ، އޭނާ ވަނީ ނުރައްކާތެރި އިންޒާރެއް ދެއްވާފައެވެ.

މަރުވެފައިވާ އަސީރުންގެ ހަށިތައް ޙަވާލު ކުރުމަށް ޙަމާސުން ރަސްމިއްޔާތެއް ބާއްވައި، އަމަލު ކޮށްފައިވާ ގޮތާ މެދު އެކުވެރި ދަޢުލަތްތަކުގެ (އދ)ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ޙަމާސްގެ އަމަލުތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު އަމަލުތަކެއް ކަމުގައެވެ. ގުތެރޭޝްގެ ތަރުޖަމާނު ސްޓިފަން ދުޖަރީކް ވިދާޅުވީ، ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ ދަށުން މަރުވެފައިވާ މީހުންގެ ހަށިތަކަށް އިޙުތިރާމު ދޭން ޖެހޭނެ ކަމުގައެވެ.

ފެބުރުވަރީ 20ވަނަ ދުވަހު ޙަމާސުން ޙަވާލު ކޮށްފައިވާ ހަށިތަކުގެ ތެރޭގައި ތުއްތު ކުއްޖަކާއި ހަތަރު އަހަރުގެ ފިިރިހެން ކުއްޖެއްގެ ހަށިގަނޑު ހިމެނެއެވެ. ތިންވަނަ ހަށިގަނޑަކީ، އެ ކުދިންގެ މައިމީހާގެ ހަށިގަނޑު ކަމުގައި ޙަމާސުން ބުނި ނަމަވެސް، ޔަހޫދީން މި ވަނީ އެ ކަން ޤަބޫލު ކުރަން އިންކާރު ކޮށްފައެވެ. އެ ކަމުގެ ބަދަލު ހިފާނެ ކަމަށް ބުނެ، ޒަޔަނިސްޓުންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ޣައްޒާގެ މުސްލިމުންނަށް ނުރައްކާތެރި އިންޒާރެއް ދީފައެވެ. ޙަމާސުން ބުނީ، އެ ތިންމައިން މަރުވީ ޔަހޫދީ ފައުޖުން ދީފައިވާ ނިރުބަވެރި ވައިގެ ޙަމަލާތަކެއްގައި ކަމުގައެވެ.