ރާއްޖޭގައި އަރަބި ބަސް އުގަންނައިދޭ މަޢްހަދެއް ގާއިމުކުރަން، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢުދީ ޢަރަބިއްޔާގެ ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު، ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދު އެޤައުމުގެ ކަމާބެހޭ އިދާރާތަކަށް އަންގަވައިފިއެވެ.
މިއީ ޢަރަބި ބަސް މުޅި ދުނިޔެއަށް ފުޅާކުރުމަށް ސައުދީ އަރަބިއްޔާއިން އިސްނަގައިގެން ކުރިއަށްގެންދަވާ ޚާއްސަ މަސައްކަތުގެ ދަށުން ނިންމަވާފައިވާ ނިންމެވުމެކެވެ. މި ނިންމެވުން ތަންފީޒު ކުރުމަށް، ރަސްގެފާނު ސަލްމާން ވަނީ ސައުދީގެ އެންމެ ބޮޑު ޔުނިވާސިޓީ، އަލް އިމާމް މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވަރސިޓީއާ ހަވާލުކުރައްވާފައެވެ.
އެ ޔުނިވާސިޓީން ނެރުނު ބަޔާނެއްގައި ވަނީ ރާއްޖޭގައި ގާއިމުކުރާ މައުހަދުގެ ޑިރެކްޓަރަކަށް ޑރ. ސާލިހް ބިން ސުލައިމާން އަލް އަރާޖާ އައްޔަނުކޮށް، ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީ އާ ގުޅިގެން އެ މައުހަދު ގާއިމުކޮށް ކިޔަވައިދޭން ފެށުމުގެ މަސައްކަތްތައް ހަވާލުކޮށްފައިވާ ކަމަށެވެ.
އަލް އިމާމް މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވަރސިޓީގެ ރައީސް ޑރ. އަޙްމަދު ބިން ސާލިމް އަލްއަމީރީ ވިދާޅުވި ގޮތުގައި، ރާއްޖޭގައި ގާއިމުކުރެވޭ މި މައުހަދަކީ ބައިނަލްއަގްވާމީ އެއްބާރުލުން އިތުރުކުރުމާއެކު ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކޮށް، މެދުމިނުގެ އިންސާނީ އަދި ސަގާފީ އަހުލާގު ފެތުރުމަށް އެހީތެރިވެދީ އަދި ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދެވޭނެ ފުރުސަތެކެވެ.
ރާއްޖޭގައި އަރަބި ބަސް އުގަންނައިދޭ މައުހަދެއް ގާއިމުކުރަން ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢުދު އެ ޤައުމުގެ ކަމާބެހޭ އިދާރާތަކަށް އަންގާވާފައިވާއިރު ސައުދީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަޓްރެކް އަބްދުالله އަލްއަޖަލީން އަލްދުސާރީ، ޑރ. ސާލިހް ބިން ސުލައިމާން އަލް އަރާޖާ އާ ބައްދަލުކުރައްވައި، ރާއްޖޭގައި ޢަރަބި ބަސް އުގަންނައިދޭ މައުހަދެއް ގާއިމުކުރުމުގެ އެންމެ ފަހުގެ އިންތިޒާމްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އަލް އިމާމް މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވަރސިޓީން ވަނީ ރާއްޖޭގައި އަރަބި ބަސް އުގަންނައިދޭ މައުހަދެއް ޤާއިމްކުރުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އަދި އެކަމާ ގުޅޭގޮތުން ރާއްޖޭގެ މަތީ ތަޢުލީމާ ބެހޭ ވުޒާރާއާއެކު މަޝްވަރާވެސް ކުރައްވާފައިވެއެވެ.
ސަޢުދީ ޢަރަބިއްޔާގެ ޔުނިވަރސިޓީއަކާ ގުޅިގެން، މިދަފަ ތަޢުލީމީ މަރުކަޒެއް ދިވެހިރާއްޖޭގައި ހުޅުވުމަކީ ދިވެހިރާއްޖޭގެ ދަރިވަރުންނަށް ޢަރަބި ބަސް ދަސްވެ، އެބަހުގައި ކުރިއަރައިގެން ދިޔުމަށް ލިބިގެންދާ ރަނުގެ ފުރުޞަތެއްކަމަށް މަތީ ތައުލީމާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ.